English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަމްސީލްކުރައްވާ ދާއިރާގައި އެ މެމްބަރެއްގެ އޮފީސް ހުޅުވުމަށް މަޖިލީހުގެ ގަވައިދުގައި ލިޔެވިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒްގެ އޮފީސް ހުޅުވުމަށް ހުޅުމާލޭގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެހެން މެމްބަރުންގެ އޮފީސްތައް ވަރަށް އަވަހަށް ހުޅުވޭނެ ކަމަށާއި މަޖިލީހުގެ ޤަވާއިދު އިސްލާހު ކުރުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި އެ އޮފީސްތައް ހިންގުމުގެ އިތުރު އިންތިޒާމުތަކުގެ ވާހަކަ ހިމެނިގެންދާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެއް ރަށަށްވުރެ ގިނަ ރަށްރަށް ތަމްސީލުކުރާ ދާއިރާ ތަކުގެ މެމްބަރުންނަށް އިތުރު ހަރަދުތަކެއް ނުކޮށް ރައްޔިތުންނާ ބައްދަލު ކުރެވޭނެ ނިޒާމު މަޖިލީހުގެ ގަވައިދުގައި ހިމެނިގެންދާނެ ކަމަށެވެ. އެގޮތުން ރަށު ކައުންސިލް މެދުވެރިކޮށް މެމްބަރާއި ރައްޔިތުންނާ ބައްދަލުކުރުމުގެ ކަންކަން ކުރެވިދާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް ގަވައިދު އެކުލަވާލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން އެކަމަށްޓަކައި ނަގާފައިވާ 11 މެމްބަރުންގެ ކޮމިޓީން ވަނީ މިހާރު ބައެއް ކަންކަން ފާސްކޮށްފަ އެވެ. މަޖިލީހުގައި ޖުމްލަ 17 ކޮމިޓީއެއް އޮންނަން ޖެހޭ ގޮތަށް ފާސްކޮށްފައިވާއިރު ކޮންމެ މެމްބަރަކު ތަޅުމުގައި ބަހުސް ކުރުމަށް ދެ މިނެޓް ދޭންވެސް މަޖިލިސް ގަވައިދު އެކުލަވާލާ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.