English Edition
Dhivehi Edition

މިދިޔަ މަހު ޕެރިހުގައި ބްރެޒިލް އަންހެނެއް ރޭޕްކުރިކަމުގެ ތުހުމަތު ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާގެ މައްޗަށްކޮށް އެ މައްސަލަ ބްރެޒިލްގެ ފުލުހުންނަށް ހުށަހަޅައިފިއެވެ.

ނޭމާގެ މައްޗަށް ތުހުމަތުކުރާ ރޭޕްގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު މި މައްސަލައިގެ ތަހުގީގު އަދި ފަށާފައެއް ނުވެއެވެ. މި މައްސަލަ އާއި ގުޅިގެން އެ ގައުމުގެ ފުލުހުންބުނީ އަންހެނަކު ނޭމާ، އޭނާ ޕެރިހުގައި ރޭޕްކޮށްފައިވާ ކަމަށް ބުނެ އެ މައްސަލައާއި ގުޅޭ ލިޔެކިޔުންތައް ހުށަހަޅާފައިވާކަމަށެވެ. އަދި މި މައްސަލަ ބަލަން ފެށުމާއެކު އެ އަންހެންމީހާގެ މެޑިކަލް ޗެކަޕެއްވެސް ހެދޭނެކަމަށް ފުލުހުންވަނީ ބުނެފައެވެ.

އެ އަންހެން މީހާހުށަހެޅުނު މި މައްސަލައިވާ ގޮތުން ނޭމާއާ އެ އަންހެން މީހާއާ ދިމާވީ އިންސްޓަގްރާމުންނެވެ. އަދި ނޭމާ އެ އަންހެން މީހާ ޕެރިހަށް އައުމަށް ޓިކެޓް ނަގައިދިންކަމަށާއި ދެ މީހުން ބައްދަލުކުރީ ޕެރިހުގައި ހުންނަ ހޮޓެލް ސޮފިޓެލްގައިކަމަށްވަނީ ބުނެފައެވެ.  މިދިޔަ މަހު 15 ވަނަ ދުވަހު ނޭމާ އެ އަންހެން މީހާއާ ބައްދަލުކުރަން ހޮޓަލަށް ދިޔައިރު ހުރީ މަސްތުގެ ހާލުގައި ކަމަށާއި ނޭމާ ވަނީ އެ ބައްދަލުވުމުގައި އެ އަންހެން މީހާ ރޭޕްކޮށްފައިކަމަށް އޭނާވަނީ ބުނެފައެވެ. އަދި އޭރު ހާލަތު ހުރި ގޮތުން އެ މައްސަލަ ޕެރިހުގެ ފުލުހުންނަށް ހުށަހަޅާފައިނުވާކަމަށްވެސް އެ އަންހެންމީހާވަނީ ބުނެފައެވެ.

މި މައްސަލަ ފެންމަތިވުމުން ނޭމާ ބުނެފައިވަނީ ރައްޓެއްސެއްގެ ގޮތުގައި ދެމީހުން ވާހަކަދެއްކި ކަމަށާއި މިއީ އޭނާ ‘މަޅިއެއްގައި’ ބެއްދުމަށް ބަޔަކު ރާވައިގެން ކުރިކަމެއްކަން ފަހުން އެގުނު ކަމަށެވެ. އަދި މިއީ ލިބުނު ރަގަޅު ފިލާވަޅެއްކަމުގައި ނޭމާވަނީ ބުނެފައެވެ.

ނޭމާގެ ބައްޕަ ނޭމާ ޑޮސް ސަންޓޯސް ބުނީ މިއީ ނޭމާގެ އަގުވައްޓާލަން ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއްކަމަށެވެ. އަދި ނޭމާ އާއި އެ އަންހެންމީހާ އާއި ދެމެދު ގުޅުންތަކެއް އޮތްނަމަވެސް ފަހުން ނޭމާ އޭނާ އާއި ރުޅިވެފައިވާކަމަށް އޭނާގެ ބައްޕަވަނީ ބުނެފައެވެ. އަދި އެ އަންހެންމީހާއާއި އޭނާގެ ވަކީލް ނޭމާ ބްލެކްމެއިލްކޮށްފައިވާކަމަށާއި ތަހުގީގު ފެށުމުން  ނޭމާގެ ފޯނަށް އެ އަންހެން މީހާ ފޮނުވާފައިވާ ވަޓްސަޕް މެސެޖުތައް ވެސް ދައްކާނެ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ މި މައްސަލައިގެ ތަހުގީގު ފެށުމުން ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށާއި ނޭމާގެ ވަކީލު މިކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ.

ޓެގު