English Edition
Dhivehi Edition

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިންނާއި، އޮފިޝަލުން އުމްރާގެ މަތިވެރި އަޅުކަން  ހޮނިހިރު ދުވަހު އަދާކޮށްފިއެވެ.

ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ސައުދީ އަރަބިއްޔާގައި ތަމްރީންތައް ފުރިހަމަކުރަމުން އަންނަ މާޒިޔާގެ ފުޓުބޯޅަ ޓީމުން އުމްރާގެ މަތިވެރި އަޅުކަން އަދާކޮށްފައި ވަނީ އެފްއޭއެމުން ހަމަޖައްސަދިން  ތަމްރީން ދަތުރުގައެވެ.މިދަތުރުގައި މާޒިޔާގެ 19 ކުޅުންތެރިންނާއި، 11 އޮފިޝަލުން ބައިވެރިވާއިރު، އެ ހުރިހާ އެންމެން ވެސް ވަނީ އުމްރާގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ.

މާޒިޔާއިން ބުނެފައި ވަނީ ކޭމްޕްގެ ފުރުސަތު ލިބިގެން ދިޔައީ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ވަރަށް ބޮޑު މަސައްކަތަކުން ކަމަށާއި، މާޒިޔާގެ މެނޭޖުމަންޓާއި ޗެއާމަންގެ ނަމުގައި ބައްސާމަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ. އަދި ސައުދީ ފެޑަރޭޝަނަށްވެސް މާޒިޔާއިން ޝުކުރު އަދާކޮށްފައިވާ އިރު، ކޭމްޕްގައި އުމްރާ ކުރުމަށް ހަމަޖެހިފައިވާތީ މާޒިޔާއިން ވަނީ އެކަމުގެ މައުލޫމާތާއި، ރަމަޟާން މަހުގެ ފަހު 10ގެ ހެޔޮކަމުގެ މައުލޫމާތު ފުރުމުގެ ކުރިން ބޭއްވި ޚާއްޞަ ސެޝަނެއްގައި ކުޅުންތެރިންނަށް ދީފައެވެ.

ފޭދޫ އިއްބެ އަދި ބެންޖޯ ހަނީފް

މިދިޔަ ބުރާސްފަތި ދުވަހު މާޒިޔާއިން ތަމްރީން ދަތުރަށް ފުރާފައިވާއިރު، ރަހުމަތްތެރިކަމުގެ  ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.  ޓީމު ރާއްޖެއަށް އަނބުރާ އައުމަށް ހަމަޖެހިފައިވަނީ މި މަހު 13 ވަނަ ދުވަހުއެވެ.

މާޒިޔާ އިން ވަނީ ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވަރުގަދަ ކުޅުންތެރިންތަކެއް އެ ކްލަބަށް ގެނެސްފައެވެ. އެގޮތުން ޓީސީގެ އަބްދުﷲ ހަނީފް (ބެންޖޯ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ނިއު ރޭޑިއަންޓުގެ އަހުމަދު އަބްދުﷲ (ލިލީ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) ވެސް އެ ކްލަބުން ވަނީ ގެނެސްފައެވެ. އަދި  މީގެ އިތުރުން އަފްޣާނިސްތާނުގެ ގައުމީ ކީޕަރ އަޒީޒީ ވެސް ވަނީ ގެނެސްފައެވެ.