English Edition
Dhivehi Edition

އައްޑޫސިޓީގައި 20 މެގަ ވޮޓްގެ ސެންޓްރަލް ޕަވަރ ގްރިޑެއް ގާއިމް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ މި މަސައްކަތަކީ އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ރަނގަޅު ދާއިމީ ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ. މި މަސައްކަރް ފެށުމުގެ ގޮތުން ކުރަންޖެހޭ ސާރވޭތައް ކުރުމަށް ފެނަކައިގެ ޓެކްނިކަލް ޓީމެއް އަންނަ މަހު ތެރޭގައި އައްޑޫ ސިޓީއަށް ދާނެކަމަށް ފެނަކަ ކޯޕަރޭޝަނުންވަނީ ބުނެފައެވެ.

މި މަސައްކަތާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ އައްޑޫސިޓީގައި ސެންޓްރަލް ޕަވަރގްރިޑް ނިޒާމެއް ގާއިމްވެގެންދާއިރު ވަކިން އޮންނަ ހުޅުދޫ ސަބްމެރިން ކޭބަލްއަކުން ގުޅާލުމަށްޓަކައި، އެކަން ވިލަރެސް ކުރަމުންދާކަމަށެވެ. މީގެ އިތުރުން ސައީދު ވިދާޅުވީ މިހާރުން މިހާރަށް ބޭނުންވާ ގޮތަށް މިކަން ކޮށްފިނަމަ ދެތިން ދުވަހުން ނުވަތަ އެއް މަސްދުވަސް ތެރޭގައި މައްސަލަތައް ދިމާވެގެންދާނެކަމަށެވެ. އެހެންކަމުން މިކަމަކީ ދެމެހެއްޓެނެވި ގޮތަކަށް ކުރާ ކަމެއްނަމަ 20 އަދި 30 އަހަރަށް ހިސާބު ޖަހައިގެން ނޫނީ މިކަން ކުރިއަށް ނުގެންދެވޭނެކަމަށް ސައީދު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާއިރު މި ކަމުގެ ސަބަބުން ހިފާ ގެންގުޅޭ އަގު ބޮޑު ސަމާނަށް ގެއްލުން ލިބެމުންދާ ކަމުގެ ކަންބޮޑުވުންތަކަކީ އެ ސިޓީގެ ރައްޔަތުންގެ އަބަދުވެސް ޝަކުވާއެކެވެ.