English Edition
Dhivehi Edition
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް. ފޮޓޯ:ގޫގުލް

ރާއްޖޭގައި ހިނގާ މާލީ ކުށްތައް ތަހްޤީޤު ކުރުމުގައި އެހީތެރިވުމަށް އިންޑިއާގެ ކަމާބެހޭ ތަޖުރިބާކާރުން ރާއްޖެ ފޮނުވަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ނޫސްތަކުން ޚަބަރު ލިބޭގޮތުގައި މާލީ ކުށްތައް ތަހުގީގު ކުރުމުގައި އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި އެ މުއްދަތުތަކުގެ ތެރޭގައި ރާއްޖެއިން ބައިނަލްއަގުވާމީ އިދާރާތަކާއި ގުޅިގެން ކޮރަޕްޝަނާއި މަނީ ލޯންޑަރިންއާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ ސްޓްރެޓެޖީތައް އެކުލަވާލަން ހަމަޖެހިފައިވާ ކަމަށެވެ.

މިގޮތުން އެބޭފުޅުން، އިންޓަޕޯލާއި ލަންޑަން މެޓްރޮޕޮލިޓޭން ޕޮލިސް އަދި އެފްބީއައި ފަދަ ބައިނަލްއަގުވާމީ އިދާރާތަކުން އޮޕަރޭޝަނަލް ސަޕޯޓް ހޯދާނެ ގޮތްތައް ކަނޑައަޅުއްވައއިދެއްވާނެ ކަމަށެވެ.

ޚިޔާނާތާއި މަނީ ލޯންޑަރިންނާއި ގުޅުންހުރި މައްސަލަތައް ތަހުޤީޤު ކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ލިބުމަކީ މާލީ ކުށްތައް ހުއްޓުވަން ރާއްޖެއިން ކުރާ މަސައްކަތްތަކަށް ލިބޭނޭ ބޮޑު ކުރިއެރުމަކަށް ވުން އެކަށީގެންވެއެވެ.

އިންޑިއާ އަކީ ރާއްޖެއަށް އަބަދުވެސް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ޤައުމެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވެރިކަމަށް ވަޑައިގެންނެވި ފަހުން މިވީ ކު މުއްދަތުގެ ތެރޭގައިވެސް ދެޤައުމުގެ ގުޅުމަށް މިވަނީ އިތުރު ކުރިއެރުމެއް ލިބިފައެވެ.