English Edition
Dhivehi Edition

ޕީޕީއެމް އިން މޯލްޑިވިއަންއަށް ދައްކަން ޖެހޭ، 3.8 މިލިއަން ރުފިޔާ އެ ޕާޓީއިން ދައްކައި ހަލާސްކޮށްފި އެވެ.

ދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ކޮށްފައިވާ ދަތުރުތަކަށް ދައްކަންޖެހޭ ފައިސާތައް ދެއްކުމަށް  އެކި މުއްދަތުތައް ދިން ނަމަވެސް، ޕީޕީއެމްއިން ފައިސާ ނުދައްކައިގެން މޯލްޑިވިއަން އިން ވަނީ އެންމެ ފަހުން އެ ޕާޓީ ގޮވައިގެން ކޯޓަށް ވެސް ގޮސްފަ އެވެ. މި މައްސަލައިގައި މޯލްޑިވިއަންއާއެކު ވެފައިވާ އެއްބަސްވުމެއްގައި ކުރި ދަތުރުތަކަށް ނުދައްކާ އޮތް 3.8 މިލިއަން ރުފިޔާ މޯލްޑިވިއަންއަށް ދެއްކުމަށް ޕީޕީއެމްގެ މައްޗަށް ސިވިލް ކޯޓުން ވަނީ މި އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ހުކުމްކޮށްފައެވެ. މި ހުކުމުގައި 15 ދުވަސްތެރޭ މި ފައިސާ ދައްކާ ހަލާސްކުރުމަށް ޕީޕީއެމްގެ މައްޗަށް ހުކުމް ކޮށްފައިވާއިރު އޭރު އެ ޕާޓީން ބުނީ  ފައިސާ ދެއްކިފައިނުވަނީ އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީއެވެ.

ޕީޕީއެމް އިން ދައްކަން ޖެހޭ 3.8 މިލިއަން ރުފިޔާ އެ ޕާޓީއިން އިއްޔެ ދައްކާ ހަލާސްކޮށްފައިވަނީ، އިލެކްޝަންކޮމިޝަނުން އެ ޕާޓީއަށް މިދިޔަ އަހަރުގެ ބަޖެޓުން ލިބެންޖެހޭ 8.6 މިލިއަން ރުފިޔާ މި މަހުގެ 12 ވަނަ ދުވަހު ދިނުމުންނެވެ.

ޕީޕީއެމް އިން ބޭއްވު “ސައިޒު ދައްކާލާ ބޮޑު ޖަލްސާ”އަށް މޯލްޑިވިއަން އިން ކޮށްފައިވާ ދަތުރުތަކަށް ޖުމްލަ  4.8 މިލިއަން ރުފިޔާ އަރާފައިވާ އިރު އޭގެން އެއް މިލިއަން ރުފިޔާ ޕީޕީއެމުން ވަނީ މީގެ ކުރިން  ދައްކައިފައެވެ.