English Edition
Dhivehi Edition

ސްޕެނިޝް ކަޕްގެ ފައިނަލްގައި ރޭ ބާސެލޯނާ ބަލިކޮށް ވެލެންސިއާ އިން ސްޕެނިޝް ކަޕް ކާމިޔާބު ކޮށްފި އެވެ.

ސެވިއްޔާގެ ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗް 11 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ވެލެންސިއާ ވެލެންސިއާ އިން ކާމިޔާބުކުރީ މިމުބާރާތުގެ ޗެމްޕިއަންކަން މިދިޔަ ހަތަރު އަހަރު ކާމިޔާބުކުރި ބާސެލޯނާ 1-2 ލަނޑުން ބަލިކޮށްގެންނެވެ.

މުޅި މުބާރާތުގައިވެސް އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ބެލެވޭ ބާސެލޯނާއިން 30 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާއިރު މިއީ ލެންސިއާއިން ކޮޕާ ޑެލްރޭ ކާމިޔާބުކުރި އަށްވަނަ ފަހަރެވެ.

ރޭގެ ފައިނަލް މެޗްގައި ފުރަތަމަ ދެ ލަނޑުވެސް ޖަހައިފައި ވަނީ ވެލެންސިއާ އިންނެވެ. ވެލެންސިއާގެ ފުރަތަމަ ލަނޑު މެޗްގެ 21 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްރާންސްގެ ފޯވާޑް  ކެވިން ގަމޭރޯ އެވެ. ވެލެންސިއާގެ ދެވަނަ ގޯލަކީ މެޗްގެ 33 ވަނަ މިނެޓްގައި އެޓީމްގެ ރޮޑްރިގޯ ބޮލުން ކާމިޔާބުކޮށްދިން ލަނޑެކެވެ. .ބާސެލޯނާ އިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 73 ވަނަ މިނެޓްގައި މެސީ އެވެ.

މެޗަށްފަހު ބާސެލޯނާގެ ރައީސް ޖޯސެޕް މަރިއާ ބާޓޯމީ ވަނީ އެޓީމްގެ ކޯޗް އާނެސްޓޯ ވަލްވޭޑޭ ދިފާއުކޮށް ވާހަކަދައްކައިފައެވެ.

“އަހަރެން އަބަދުވެސް ބުނަމުން މި އަންނަނީ އަންނަ ސީޒަނަށްވެސް އާނެސްޓޯ އާއެކު އަހަރެމެން ހަދައިފައިވާ އެއްބަސްވުމެއް އެބައޮތް. އަންނަ ސީޒަންގައިވެސް ކޯޗަކަށް ހުންނާނީ އޭނަ. އަހަރެންނަކަށް ހިޔެއް ނުވޭ މި ބައްޔަކީ ކޯޗްގެ މައްސަލައަކާ ހެދި ވީ ބައްޔެއް ކަމަކަށް” ބާސެލޯނާގެ ރައީސް ބުނެފައިވެއެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ވަލްވޭޑޭ ބުނެފައިވަނީ މެޗެއްގައި ނާކާމިޔާބީ އާ ކުރިމަތިވެއްޖެނަމަ ކޯޗަކު ބޭނުންވާނީ ދެން ކުރިމަތިލާންޖެހޭ ޗެލެންޖުން އަރައިގަތުމަށް ކަމަށާއި ބާސެލޯނާ ކަހަލަ ޓީމަކަށް ބަލިވުމަކީ އެހާ ފަސޭހައިން ހަޖަމްކުރެވޭނެ ކަމެއް ނޫންކަން އެނގޭ ކަމަށެވެ