English Edition
Dhivehi Edition

ރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫސިޓީއަކީ ރާއްޖެއަންނަ ފަތުރުވެރިންނަށް އެންމެ ހިތްފަސޭހަ މަންޒިލް ކަމަށް ފަތުރުވެރިން ބުނަނީ ސަބަބެއް އޮވެގެންކަން ޔަގީނެވެ. ވެރިކަން ކުރާރަށް މާލެ އާއި ދުރުގައި އޮންނަ މި ސިޓީ އަށް އަންނަ ކޮންމެ ފަތުރުވެރިއަކު އެނބުރި ދަނީ ހިތްހަމަޖެހުމާ އުފަލާއެކުގައެވެ.  އައްޑޫން އެމީހުންނަށް ލިބިގެންދިޔަ ފުރިހަމަ މެޙްމާންދާރީއާއި އެތަނުގައި ހޭދަކުރެވުނު ހިތްހަމަޖެހޭ ދުވަސްތަކުގެ މަތިން ހަނދާން އާކުރަމުން އެނބުރި އެމީހުންގެ އަމިއްލަ ވަޒަނަށް ދަނީ އަދި އެނބުރި އަންނާނެ ކަމަށް ބުނަމުންނެވެ. 

އައްޑޫގައި ފަތުރުވެރިންނަށް ޚިދުމަތް ދޭ ރިސޯޓުތައް ގިނައެއް ނޫނެވެ. ނަމަވެސް ހުރި މަދު ރިސޯޓް އަދި ހޮޓާ ތަންތަނުން ލިބޭ ޚިދުމަތް ފުރިހަމައެވެ. އެތަންތަނުން އައްޑޫގެ ރައްޔިތުންނަށް ލިބޭ މަންފާ ގިނައެވެ. އައްޑޫއަށް ލިބެމުން އަންނަ ކުރިއެރުން ގުނައި އަދަދުކުރަން ދައްޗެވެ!

1983 ގައި “ގަން ހޮލިޑޭ ކޭމްޕް” ގެ ނަމުގައި އޭރުގެ އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީން ގަމުގައި ހިންގަން ފެށި އެއާޕޯޓް ހޮޓަލަކީ މިއަދު އައްޑޫގެ އެތައްބަޔަކަށް ފަޚުރަކަށް ވެފައިވާ ތަނެކެވެ. ގަން ހޮލިޑޭ ކޭމްޕްގެ ނަމުން އޯޝަން ރީފް ކުލަބަށް ބަދަލުވެ އަދި 1999 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ މަޝްހޫރު އެއްކުންފުނި ކަމަށްވާ “ކައިމޫ ހޮޓެލްސް” ގެ ދަށަށް މި ތަން ބަދަލު ވުމާއެކު އައްޑޫގެ ފަތުރުވެރިކަމަށް ބޮޑު އިންގިލާބެއް ގެނެސް ދުނިޔޭގެ ބޮޑެތި އިންވެސްޓަރުންނަށް އައްޑޫއަކީ ފަތުރުވެރިންނަށް ތަފާތު އަދި ޚާއްޞަ ތަނެއްގެ ގޮތުގައި ތައާރަފްކޮށްދިނެވެ.

ވަކިން ޚާއްޞަ ކޮށް މިހާރުގެ މެނޭޖަރ މުޙައްމަދު ވަހީދުގެ ޓީމުން އީކުއޭޓަރ ވިލެޖްގައި މަސައްކަތް ކުރަން ފެށުމާއެކު އެތަނަކީ އައްޑޫގެ ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތް ދޭ އަދި ރައްޔިތުން ބަލައިގަންނަ ތަނަކަށް ވެގެން ދިޔައެވެ. ދުނިޔޭގެ ފެންވަރުގެ ބޮޑެތި ކޮންފަރެންސް ތަކާއި ބޮޑެތި އިވެންޓްތައް ބާއްވާ ތަނަކަށް އީކުއޭޓަރ ވިލެޖް ވެގެން ދިޔައެވެ.

އީކުއޭޓަރ ވިލެޖްގައި 2017 ވަނަ އަހަރުގެ އެޕްރީލް މަހުގައި ބޭއްވި އިންވެސްޓަރސް ފޯރަމާ އެކު އީކުއޭޓަރ ވިލެޖް ވެގެން ދިޔައީ އައްޑޫގައި އެފަދަ އިވެންޓްތައް ބޭއްވުމަށް ބޮޑެތި ކުންފުނިތަކުގެ ލޯ އީކުއޭޓަރ އަށް އަމާޒުވި ސަބަބަށެވެ. އެތަނުގެ ހިތްގައިމު މާހައުލާއި ތަނުން ފަސޭހަ ކަމާއެކު ލިބެން ހުރި ޚިދުމަތް ތަކާއި އަދި އެހާމެ ހީވާގި ސްޓާފުންތަކެއްގެ އެހީތެރިކަން ލިބިގެން އިވެންޓްތައް ކާމިޔާބު ކަމާއެކު އެތަނުގައި ބޭއްވޭނެ ކަމުގެ ޔަގީންކަން ލިބިގެން ދިޔައެވެ.

ނަތީޖާއެއްގެ ގޮތުން،  ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ދޭ އެއްކުންފުނި ކަމަށްވާ އުރީދޫގެ ޚާއްޞަ ބޮޑު އިވެންޓަކާއި  އައްޑޫގެ  ދޮށީ އުމުރުގެ އެތައް ސަތޭކަ މީހުން ބައިވެރިކޮށްގެން ޕެންޝަން އޮފީހުން ބޭއްވި އިވެންޓާއި  ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރި ކުންފުންޏެއް ކަަމަށްވާ ހެޕީމާކެޓްގެ އިވެންޓްތައް ފަދަ ކާމިޔާބު އިވެންޓްތައް އީކުއޭޓަރވިލެޖްގައި ބާއްވަން ފެށިއެވެ.  މީގެ އިތުރުން އައްޑޫގެ އަމިއްލަ ޖަމިއްޔާތަކާއި މުއައްސަސާތަކުން ބާއްވާ ބޮޑެތި ބައްދަލުވުން ތަކާއި ޚާއްޞަ ކުދި ކުދި ބައްދަލުވުންތައް ބާއްވާ ތަނަކަށް އީކުއޭޓަރ ވެ އައްޑޫގެ ރައްޔިތުން ލޯބިވާ އަދި އެތަނަކަށް އައުމަށް އެދޭ، ރައްޔިތުންގެ ތަނަކަަށް އީކުއޭޓަރ ވިލެޖް ވެގެން ދިޔައީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.

މިއާއެކު އީކުއޭޓަރ ވިލެޖް ފާހަގަކޮށްލެވެނީ އައްޑޫގައި ކުރިއަށް ގެންދާ އިޖްތިމާއީ އެންމެހައި ކަންކަމަށް އެންމެ ބޮޑު އެހީތެރިކަމެއް ދޭ ރައްޔިތުންނާ ގާތްގުޅުމެއް ދަމަހައްޓާ  މުއައްސަސާއެއްގެ ގޮތުގައެވެ. އެގޮތުން އައްޑޫގެ ޖަމިއްޔާ ޖަމާއަތްތަކުން ހިންގާ ތަފާތު އެކު ޕްރޮގްރާމު ތައް އީކުއޭޓަރ ވިލެޖްގައި ހިންގޭނެ ގޮތް ވެގެން ދިއުމަކީ އާންމުންގެ ލޯބި އީކުއޭޓަރ ވިލެޖަށް އިތުރުވާ އެއް ސަބަބެވެ.

މީގެ އިތުރުން ދުނިޔޭގެ ބޮޑެތި އިންވެސްޓަރުންނަށް އައްޑޫ އެންމެ ބޮޑަށް ތައާރަފް ވެގެން ދިޔައީ އީކުއޭޓަރ ވިލެޖްގައި ބޭއްވި ސައުތުއޭޝިއަން ޓްރެވަލް އެވޯޑް (ސަޓާ) އާއެކުގައެވެ. 2017 ވަނަ އަހަރު އީކުއޭޓަރ ވިލެޖްގައި  ބޭއްވި ސަޓާ އެވޯޑުގެ ސަބަބުން މުޅި ދުނިޔެއަށް އައްޑޫސިޓީ ތައާރަފްވެ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކަކަށް އައްޑޫ ސިޓީ އެނގިގެން ދިޔައެވެ.  އައްޑޫގެ ރައްޔިތުން އަބަދުވެސް ދެކެމުން ދިޔަ “އިވެންޓް ޓޫރިޒަމް” ހަގީގަތަކަށް ވެގެން ދިޔައެވެ.   މި ހަފްލާގައިވަނީ، ދެކުނު އޭޝިއާގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރައްވަވަމުން ގެންދަވާ މަސައްކަތުގެ އަގު ވަޒަންކޮށް އީކުއޭޓަރ ވިލެޖްގެ މެނޭޖަރ މުޙައްމަދު ވަހީދަށް ސަޓާގެ ފަރާތުން ޚާއްޞަ އެވޯޑެއްވެސް އަރުވާފައެވެ.

 

2018 ވަނަ އަހަރުގެ ޖުލައި މަހު އައްޑޫގައި ބޭއްވި އޭޝިއާ އަދި ޕެސިފިކް ރީޖަނަލް އޭވިއޭޝަން ސެކިއުރިޓީ ފޯރަމް ވެސް ބާއްވާފައިވަނީ އީކުއޭޓަރ ވިލެޖްގައެވެ. މިއީ މި ފޯރަމް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރުވެސް މެއެވެ. ތަފާތު އެކި ގައުމުތަކުން އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި މި އިވެންޓް އައްޑޫގައި ކާމިޔާބު ކަމާއެކު ބޭއްވުމުގައި އީކުއޭޓަރ ވިލެޖުން ވަނީ މިންނެތް މަސައްކަތް ތަކެއް ކުރައްވަވާފައެެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)  އިން ކޮންމެ އަހަރަކު ދެމުން އަންނަ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި އީކުއޭޓަރ ވިލެޖް ވަނީ “ލީޑިން އެއާޕޯޓް ހޮޓެލްގެ އެވޯޑު ” ޖެހިޖެހިގެން 2 އަހަރު އެވޯޑު ހާސިލް ކޮށްފައެވެ. މީގެ އިތުރުން 2017 ، 2018 އަދި 2019 ވަނަ އަހަރުވެސް އީކުއޭޓަރ ވިލެޖް ވަނީ “ލީޑިން އެއާޕޯޓް ހޮޓެލްގެ އެވޯޑު ” އަދި “ލީޑިން ބުޓިކް ހޮޓެލް” މި ދެ ކެޓަގަރީން ސަޓާ އެވޯޑަށް ނޮމިނޭޓް ވެފައެވެ.

މިހުރިހާ ކާމިޔާބީ ތަކަކާއެކު އީކުއޭޓަރ ވިލެޖް ވެފައިވަނީ ފަތުރުވެރިންގެ މަގުބޫލް މަންޒިލަކަށެވެ.  ރާއްޖޭގެ ތާރީޚުގެ ގިނަ ވާހަކަތަކެއް ކިޔައިދޭ އައްޑޫސިޓީގެ ގަން ބަލައިލުމުގެ ފުރުސަތު އެތަނަށް އަންނަ ފަތުރުވެރިންނަށް ލިބިގެން ދެއެވެ. ބައިނަލް އަގުވާމީ ވައިގެ ބަނދަރުން ފެށިގެން 5 މިނެޓުން ދެވޭ މި ހޮޓަލަށް އަންނަ ގިނަ ފަތުރުވެރިން އެންމެ ހިތްހަމަޖެހޭ އެއްކަމަކީ އެތަނުގެ ގުދުރަތީ ރީތިކަމެވެ.  ގަސްތަކަށް ތިރިކުރާ ވާލާއި ގަސްތަކަށް ނިދަން އަރާފައި ތިބޭ ކުކުޅު ހާލާއި ބިރެއް ނެތި ތަނުގެ ތެރޭގައި އުދުހެމުން ދާ ތަފާތުވައްތަރު ދޫނި ތަކުގެ ރީތި މަންޒަރަކީ އެމީހުން ތަނާމެދު އެންމެ ގަޔާވާ އެއްކަން ކަމުގައި ސޯޝަލް މީޑިއާއަށް ދޫކުރާ ކޮމެންޓް ތަކުން އެނގެއެވެ.

ހަމަ އެއާއެކު ފަސޭހަ ކަމާއެކު އައްޑޫ ލިންކު ރޯޑުގައި ބައިސްކަލް ދުއްވާލާ އައްޑޫގެ ގުޅިފައިވާ ރަށްތައް ބަލައިލުމުގެ ފުރުސަތު އީކުއޭޓަރ އަށް އަންނަ ފަތުރުވެރިންނަށް ލިބިދޭ ކަމީ އެމީހުން އައްޑޫ ދެކެ ލޯބިވާ އެއް ސަބަބެވެ.  މީގެ އިތުރުން އީކުއޭޓަރ ވިލެޖުން އެތަނަށް އަންނަ ފަތުރުވެރިންނަށް އައްޑޫގެ ތަފާތު އެކި ކަހަލަ ކާނާގެ ރަހަތައް ބަލައިލުމަށް ދޭ ފުރުސަތަކީ އައްޑޫގެ ސަގާފަތް ދިރުވައި އާލާކުރުމަށް ލިބިގެންދާ އިތުރު ބާރެކެވެ.

މިހުރިހާ ކަމެއްގެ ނަތީޖާ ފޮންޏެވެ. އީކުއޭޓަރ ވިލެޖުން އައްޑޫގެ ތާރީޚާއި ސަގާފަތް ދިރުވައި އާލާކުރުމަށް ކުރަމުން ގެންދާ މަސައްކަތް ކާމިޔާބެވެ. މިކަމުގެ ހެއްކެއްގެ ގޮތުގައި 2018 ވަނަ އަހަރުގެ ނޮވެމްބަރ އަދި ޑސެމްބަރާއި ޖެނުއަރީގައި އެތަނަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ފުދެއެވެ. 85 އިންސައްތަ ފަތުރުވެރިން އެދުވަސްވަރު އީކުއޭޓަރ އަށް ޒިޔާރަތް ކޮށްފައިވާ އިރު އެއީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު 20 އިންސައްތައިގެ ކުރި އެރުމެކެވެ.

 

“އޮކިއުޕެންސީ ރަނގަޅުވުމުގެ މައިގަނޑު ސަބަބަކީ ރިސޯރޓް އިޝްތިހާރު ކުރުމަށް ދުނިޔޭގެ އެކި ޕްލެޓްފޯމްތަކުގައި ކުރަމުން އަންނަ މަސައްކަތުގެ އިތުރުން، ރިސޯރޓްގެ މުވައްޒިފުންގެ ފަރާތުން ލިބޭ ހިތްހެޔޮ މެހެންމާންދާރީއާ މެދު ފަތުރުވެރިންނަށް ލިބެމުން އަންނަ ހިތްހަމަޖެހުން. މިތަނުގެ އޮކިއުޕެންސީ ދުވަހުން  ދުވަހަށް އިތުރުވަމުން އަންނަ މައިގަނޑު އެހެން ސަބަބުތަކަކީ ރިސޯރޓް ކުރިއެރުވުމަށް ރިސޯރޓްގެ ވެރި ފަރާތުން ކުރަމުން އަންނަ  މަސައްކަތާއި، އައްޑޫ ސިޓީ ރައްޔިތުންގެ ލޯބި ރިސޯރޓަށް އިތުރުވެގެން ދިއުން.  މީގެ އިތުރުން ސައުތު އެފްރިކަން އެއާލައިން އައްޑޫއަށް ދަތުރުކުރުމާއި ސްރީލަންކަން އެއަރލައިންސްގެ  ސީދާ ދަތުރުތައް އައްޑޫސިޓީ އަށް ކުރަމުން އަންނާތީ ރިސޯރޓްގެ އޮކިއުޕެންސީ ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑު ތަން ވަނީ އިތުރުވެފައި.  އެގޮތުން ޗައިނާ، އަދި އިންޑިޔާ މާރކެޓް އިތުރުވެފައިވާ އިރު  އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ އަދަދު ވެސް ވަނީ އިތުރުވެފައި ” އީކުއޭޓަރ ވިލެޖްގެ ހިންގުންތެރި މެނޭޖަރ މުޙައްމަދު ވަހީދު ވިދާޅުވިއެވެ.

ވަހީދު ގަބޫލު ކުރައްވަވާ ގޮތުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވަނީ ހިތްހެޔޮަކަމެވެ. އެބައެއްގެ ސަގާފަތުގައި ހުރި ރީތި އާދަކާދަ ތަކާއި އެބައެއްގެ ތާރީޚެވެ. މި ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ލިބެން އޮތީ އައްޑޫސިޓީން ކަމަށް ވަހީދު ވިދާޅުވެއެވެ. އެހެންކަމުން މި މޮޓޯގައި އީކުއޭޓަރ ވިލެޖުން ކުރަމުން ގެންދާ މަސައްކަތަށް އައްޑޫގެ އެންމެން ސާބަސް ދެއެވެ.  ފާއިތުވި 20 އަހަރު އީކުއޭޓަރ ވިލެޖުން ވަނީ އައްޑޫގެ ފަތުރުވެރިކަމަށް އިންގިލާބެއް ގެނެސްދެއްވާފައެވެ.! މިކަމަށްޓަކައި އައްޑޫގެ ރައްޔިތުން އީކުއޭޓަރ ވިލެޖްގެ މެނޭޖްމަންޓަށް ޝުކުރުވެރިވެއެވެ!