English Edition
Dhivehi Edition

އެއް ޒަމާނެއްގައި ދިވެހިން ވަރަށް ފޯރި އާއި އެކު ބެލި ހިންދީ ޑްރާމާ ސިލްސިލާ  ‘ކަސޯޓީ ސިންދަގީ ކޭ’ އަލުން އުފައްދަން އުޅޭ ހަބަރު ލިބުމާއެކު ގިނަ ބަޔަކު އެންމެ ބޮޑަށް ބަލަން ބޭނުންވީ ޑްރާމާގައި ހިމެނޭ ތަރިންނެވެ. ކުރިން ދެއްކި ޑްރާމާގައި ހަރަކާތްތެރިވި ތަރިން ދެއްކި ފަދަ މޮޅު ހުނަރެއް ދެއްކޭނެ ތަރިންތޯ ބަލުމަށް ބެލުންތެރިން ބޭނުންވިއެވެ.

ޑްރާމާ ފެށިގެން އައި އިރު ތަރިންނާއި މެދު ބެލުންތެރިން ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ވަނީ ޖަވާބު ލިބިފައެވެ. ޕްރޭނާގެ ރޯލުން  އެރިކާ ފެނާންޑޭޒް، އަނުރާގް ބާސޫގެ ރޯލުން ޕަރްތް ސަމްތާން އަދި ޑްރާމާގެ އެންމެ ވަރުގަދަ ކެރެކްޓާ ކޮމޯލިކާގެ ރޯލުން ހީނާ ހާން ފެނިގެންދިޔަ އިރު އެ ތަރިންވަނީ އެމީހުންގެ ހުނަރާއި ސާބިތުކަން ދައްކާ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައެވެ. ޑްރާމާގެ މިހާ ހިސާބަށް އައި އިރު މިސްޓަރ ބަޖާޖްގެ ރޯލު އަދި ފެނިފައިނުވާއިރު ގިނަ ބަޔަކު ތިބީ ބަޖާޖްގެ ރޯލުން ފެނިގެންދާނީ ކޮން ތަރިއެއްތޯ ބެލުމަށް ކެތްމަދުވެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބަޖާޖްގެ ރޯލުން ކަރަން ސިންގް ގްރޯވާ ފެނިގެންދާނެކަމަށް ބެލެވޭ އިރު އަދި ކޮންޓްރެކްޓުގައި ކަރަން ސޮއިކޮށްފައެއްނުވެއެވެ. މި ޑްރާމާގެ ޓީމާއެކު މަސައްކަތްކުރާ ފަރާތަކުން ބުނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކަރަން ކޮންޓްރެކްޓްގައި ސޮއިކުރާނެކަމަށެވެ. “މިހާރު ޓީމުން ރެޑީވަމުން ދަނީ ސުވިޒްލޭންޑްގައި ނަގަންޖަހާ މަންޒަރުތައް ނެގުމަށް. ޖޫން މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ޑްރާމާއިން ބަޖާޖް ފެނިގެންދާނެ. “އެ ފަރާތުން ބުންޏެވެ. މި ވާހަކަތަކާއި ގުޅިގެން ކަރަން އަދި ޑްރާމާގެ ޕްރޮޑަކްޝަން ޓީމުންވެސް ވަކިއެއްޗެއް ބުނެފައިނުވާއިރު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޑްރާމާއަށް ވަރަށް ޝައުގުވެރި ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ.

މީގެ ކުރިންވެސް ގިނަ ޑްރާމާތަކުން ފެނިގެން ދިޔަ ކަރަންގެ ފާހަގަކޮށްލެވޭ ޑްރާމާ ތަކުގެ ތެރޭގައި ‘ދިލް މިލް ގަޔާ’ އަދި ‘ގަބޫލް ހޭ’ ހިމެނެއެވެ.