English Edition
Dhivehi Edition

ކުރިޔަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެންމެ އެކަށީގެންވާ އެއް ބޭފުޅަކީ ކުރީގެ ހޯމް މިނިސްޓަރ އަދި ވިލުފުށި ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންފައިވާ ހަސަން އަފީފް ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، ނިމިގެން މިދާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަލަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ އެކު ރައްޔިތުންގެ މަޖިލީހުގައި މިރޭ އޮތް ތަރާވީހަކަށް ފަހު ނޫސްވެރިއަކު ކުރި ސަވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މަޖިލީހުގެ ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ އެއްވެސް މެމްބަރަކަށް ތާޢީދުކުރައްވަފާނެތޯ ދެންނެވުމުން ރައީސް ވިދާޅުވީ ހުންނެވި މަގާމުގެ ގޮތުން ވަކި މެމްބަރެއްގެ ނަން ޕަބްލިކްގައި ބުނުމަކީ ރަނގަޅު ކަމެއް ނޫންކަމުގައެވެ.

“އަޅުގަނޑަށް ހަސަން އަފީފްގެ މަސައްކަތް މީގެކުރިން ފެނިފައި އެބަހުރި. އަޅުގަނޑަށް އަސްލަމާ އެކީގައިވެސް މަސައްކަތް ކުރެވިފައި އެބަހުރި. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ހަސަން އަފީފަކީ މިކަމަށް ހަމަ އެންމެ އެކަށީގެންވާ އެއް ބޭފުޅާ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ މަގާމަށް އަފީފު ގެނައުމަށް ރައީސް ސޯލިހު ތާއީދު ކުރައްވާކަމަށް މީގެ ކުރިން ވެސް ވަނީ މީޑިއާގައި ފެތުރިފައެވެ. ރައީސް ސޯލިޙް އަފީފަށް ތާއީދު ކުރެއްވެވި ނަމަވެސް ރައީސް ނަޝީދު ތާއީދު ކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއަށް ކަމަށްވެސް ވަނީ ވާހަކަ ފެތުރިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ތ. އަތޮޅު މެމްބަރުގެ ގޮތުގައި 20 އަހަރު އަފީފް ހޭދަކުރައްވާފައި ވެއެވެ. މަޖިލީހުގެ ރައީސަކަށް އެމްޑީޕީން ހުށަހަޅާނެ ނަމަކާ ދޭތެރޭގައި ވާދަވެރިކަން ބޮޑުވެ ހޫނު ބަހުސަކަށް ގޮސްފައި ވާއިރު މިއީ ރައީސުލްޖުމްހޫރިއްޔާ ވަކި ބޭފުޅެއް މަޖިލީހުގެ ރައީސްކަމަށް ގާބިލްކަމަށް ވިދާޅުވި ފުރަތަމަ ފަހަރެވެ.

މަޖިލީހުގެ ރައީސްކަމަށް އަފީފާއި އަސްލަމްގެ އިތުރަށް ދެން ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ، ކާށިދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުﷲ ޖާބިރު އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި މަރުދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެރެ އެވެ.