English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫ އިން ފުރައިގެން މީދޫއަށް ދަތުރުކުރު މީދޫ ދޯންޏެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި ދޯނި އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ،އެމްއެންޑީއެފް ސަދަން އޭރިއާއިން ހިންގަމުންދިޔަ އޮޕަރޭޝަނުގައި ކޯސްޓްގާރޑް އިން އުޅަނދުތަކުގެ މޫވްމަންޓް ބަލާ ޗެކް ކުރުމުގެ ތެރެއިންނެވެ. ފޭދޫއިން ފުރައިގެންދިޔަ މި ދޯނި ހިފެހެއްޓީ ދޯނި ޗެކްކުރިއިރު ދިވެހިރާއްޖޭގައި ދަތުރުފަތުރުކުރުމަށް އެކުލަވާލާފައިވާ ޤާނޫނުތަކާއި، ޤަވާއިދުތަކާ ޚިލާފުވުމުންނެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ދޯނި ބަލާ ފާސްކުރިއިރު ދޯނީގައި އެއްވެސް ދިވެއްސަކު ނެތްކަމަށެވެ. އަދި ދޯނީގައި ނަމެއް ނެތްއިރު ދޯނީގެ ނަން އެނގޭ މީހަކުވެސް ދޯނީގައި ނެތްކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެެވެ. މީގެ އިތުރުން އެމްއެންޑީއެފް އިން ވިދާޅުވީ ދޯނީގެ އެއްވެސް ސެޓްފިކެޓެއް ނެތްކަމަށާއި، ދޯނީގައި ތިބި އެއްވެސް ބިދޭސީއެއްގެ އަތުގައި ވޯކް ޕަރމިޓްވެސް ނެތްކަމަށެވެ.

މިވަގުތު ފޭދޫ ބަނދަރުގައި އޮތް މި ދޯންޏާއި ދޯނީގައި ތިބި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ދޯނީގައި ހުރީ ފެނަކަ ކޯޕަރޭޝަންގެ ހުޅުމީދޫ ބަރާންޗަށް ގެންދާ 6000 ލިޓަރ ޑީސަލް އަދި ފިހާރައަކަށް ގެންދާ އައިސްކުރި ކުކުޅު ކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

‘އޭއޯ ނިއުސް’ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދޯންޏަކީ އާންމުކޮށް ފޭދޫ އިން ހުޅުމީދޫ ފެނަކައަށް ބޭނުންވާ ތެޔޮ އުފުލުމަށް ބޭނުންކުރާ ‘ތެޔޮ ދޯންޏެވެ’

މި ދޯނި އެމްއެންޑީއެފް އިން ހިފަހައްޓާ ބަލާ ފާސްކޮށްފައިވަނީ ފުލުހުންނާ ސިފައިން ގުޅިގެން ހިންގަމުންދާ ޚާއްޞަ ފަރިތަކުރުންތަކުގެ ތެރެއިން ނެވެ.