English Edition
Dhivehi Edition

ހުޅުމާލެ ބީޗް ސަރަހައްދު ވިޔަފާރިއަށް ދޫކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ބުނެ، ގިނަ ކަންތައްތަކެއް އިސްލާހްކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަންގައިފި އެވެ.

އޭސީސީން މިހެން ބުނީ، އެއްވެސް އުސޫލެއް ނެތި ހުޅުމާލޭ އިރުމަތީ ފަރާތު ބީޗް ސަރަހައްދު އަމިއްލަ އެކި ފަރާތްތަކުން ވިޔަފާރި ބޭނުމަށް ބޭނުންކުރަމުންދާއިރު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީން)ގެ ފަރާތުން އެއްވެސް ފިޔަވަޅެއް ނާޅާ، އެފަރާތްތަކަށް ނާޖާއިޒް މަންފާ ލިބޭގޮތަށް އަމަލުކުރަމުންދާކަމަށް ބުނާ މައްސަލައެއް ބެލުމަށް ފަހު އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގެވެ.

ހުޅުމާލޭ އިރުމަތީ ފަރާތު ބީޗު ސަރަހައްދަކީ އެއްވެސް ފަރާތަކަށް ބޭނުންކުރުމަށް ދީފައިވާ ސަރަހައްދެއް ނޫންކަމަށް އެ ކޯޕަރޭޝަނުންވެސް ބުނާއިރު، އެއްވެސް ފަރާތަކަށް ދީފައި ނުވާނަމަ އެތަން އާންމުކޮށް ބޭނުންކުރުމުގެ ހައްޤު ކޮންމެ ރައްޔިތަކަށްވެސް ލިބިގެން ވާކަމާއި، އަލުން އެތަން ބޭނުންކުރުމަށް ވަގުތީ ހުއްދައެއް ދިނުމަށް އެޗް.ޑީ.ސީން ނިންމުމުގައި ވަކި ބަޔަކަށް އެކަމަށް ހުއްދައަށް އެދެވޭ ގޮތަށް އޮތުމަކީ ވަކި ބަޔަކަށް އެކަމުން މަންފާއެއް ހޯދައިދިނުންކަމަށް ބެލެވިދާނެކަމާއި މިއީ ކޮރަޕްޝަނަށް މަގުފަހިވާކަމެއް ކަމަށް އޭސީސީ އިން ވިދާޅުވެއެވެ.

އޭސީސީން ބުނީ ހުޅުމާލެ ބީޗް ސަރަހައްދު ތަރައްގީކުރުމުގެ ޕްލޭން މަޑުޖައްސާލާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފެނުގެ ވިއުގަ އެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖައްސާފައިވަނީ އެސަރަހައްދުން ކަމަށްވާތީ ކަމަށެވެ.