English Edition
Dhivehi Edition

އައްޑޫ ލިންކު ރޯޑުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމަށް ކުރަން ޖެހޭ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ގުޅިގެން ކުރުމަށް ފަށާފައިވާ ކަަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ލިންކް ރޯޑު ދިއްލުމަށްޓަކައި ޓްރާންސްޕޯޓުގެ ފަރާތުން ކައުންސިލާ ތަކެތި ހަވާލުކުރެވިފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ހާމަކުރުމާއި ގުޅިގެން ކައުންސިލުން ވަނީ މިގޮތަށް ޚަބަރު ފެތުރުމުން ކަމުގެ ހަގީގަތް އާންމުންނަށް އޮޅުން އަރަމުންދާތީ އެކަމާގުޅޭ ގޮތުން ނޫސްބަޔާނެއް ނެރެފައެވެ.

ކައުންސިލުން ބުނީ ޓްރާންސްޕޯޓް މިނިސްޓްރީން އައްޑޫ ލިންކް ރޯޑުގައި ހަރުކުރުމަށް ކައުންސިލާއި ހަވާލު ކުރެވުނު ތަކެތީގެ ތެރޭގައި ހިމެނެނީ ރޯޑް ސްޓަޑް އަދި ކެޓް އައި ރިފްލެކްޓާރސް އާއި، ޓްރެފިކް ސައިން ބޯޑާއި އެތަކެތި ހަރުކުރާ ޕޯސްޓާއި ތާމޯ ޕްލާސްޓިކް ރޯޑް ޕެއިންޓާއި ރިފްލެކްޓިވް ބީޑްސްކަމަށެވެ.

“މިއިން އެއްވެސް އެއްޗަކީ އޭގެ ޒާތުގައި ބޮކިން އަލި އުފައްދާ ފަދައިން އަލި ދޭ އެއްޗެއް ނޫން. ރިފްލެކްޓާސް އަކީ މަގުން ދުއްވާ އުޅަނދުތަކަށް މަގު އޮތްގޮތް އެންގުމަށްޓަކައި ބޭނުން ކުރާ އެއްޗެއް. އެއަށް އަލި އެޅުމުން އެއަލި އަނބުރާ ރިޕްލެކްޓް ކުރާ އެއްޗެއް. ކިތަންމެ ގިނައި ރިފްލެކްޓާސް ހަރުކުރިޔަސް އެއަށް އަލިއެއް ނޭޅާހާ ހިނދަކު މަގު އޮންނާނީ އަނދިރިކޮށް” ކައުންސިލުގެ ވެބްސައިޓްގައި ހާމަކޮށްފައި ވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އައްޑޫ ލިންކް ރޯޑުގައި ހަރުކުރުމަށް މިތަކެތި ހަވާލު ކުރީ މިދަޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭރު އޮތް ސަރުކާރުގެ ނިމުން ގާތްވެ އިންތިޚާބު ބޯމަތިވެފައިވަނިކޮށް ކަމަށާއި އެ ތަކެތި ހުރީ ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

“ވެރިކަން ބަދަލުވުމަށްފަހު ޓްރާންސްޕޯޓް މިނިސްޓްރީއާއި ކައުންސިލާ މަޝްވަރާ ކުރެވުމަށްފަހު އެތަކެތި ހަރުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި މިދިޔަ އެޕްރީލް މަހުގެ ފަހުކޮޅު ޕަބްލިކް ވޯކްސް ސާވިސަސްއާއި ތަކެތި ވަނީ ހަވާލު ކުރެވިފައި. އަދި މަސައްކަތް ފެށުމަށް ކުރަންޖެހޭ ކަންކަން ކައުންސިލުން ވަނީ މިހާރު ފަށާފައި.” ކަމަށް ކައުންސިލުން ބުނެއެވެ.

މިމަސައްކަތުގެ ތެރޭގައި ޓްރާންސްޕޯޓުން ހަވާލުކުރި ތަކެތި ހަރުކުރުމުގެ އިތުރުން ކުނި ކޮށި ގޭޓް އެހެން ދިމާލަކަށް ބަދަލުކުރުމާއި އެދިމާލުން ލިންކް ރޯޑް ފުޅާކުރުންވެސް ހިމެނޭ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.