ލައިސަންސް ނެތުމަކީ އެކްސިޑެންޓްވާން ޖެހޭ ސަބަބެއް ނޫން
6 މަސް ކުރިން
އޭއޯ ނިއުސް

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަކީ އެއުޅަނދެއް ދުއްވުމުގެ ހުއްދަ އެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ އެއީ އެއުޅަނދެއް ދުއްވުމުގެ ޤާބިލުކަން ލިބިފައިވާ ކަން އަންގައިދޭ އެންގުމެކެވެ. ސަރުކާރުގެ ރަސްމީ ލިޔުމެކެވެ.

ލައިސަންސް އަކީ ވަކި ހަމަތަކެއްގެ މަތިން ވަކި އިމްތިހާނެއް ހަދައިގެން ފާސްވުމުން ލިބޭ އެއްޗެކެވެ. އެގޮތުން އެއްގަމު ދުއްވާ އެއްޗެހި ދުއްވުމުގެ ލައިސަންސް ލިބިމުން އެމީހަކަށް އެގިންތީއެއްގެ އުޅަނދު ދުއްވުމުގެ ހުއްދަ ދެވުނީ އެވެ. އަދި އެމީހަކަށް ހުއްދަ ދެވިފައިވާ އުޅަނދެއް ދުއްވާފައި ދަނިކޮށް ކަމާއި ބެހޭ ފަރާތަކުން ހުއްޓުވާ ސުވާލުކުރުމުން އެހުއްދަ ދައްކަން ޖެހެއެވެ. މިއީ ޤާނޫނުގައި ލިޔެވިފައި އޮތް ގޮތެވެ. އެހެންކަމުން އުޅަނދު ދުއްވަން ވާނީ އެގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮވެގެން ކަން ވަރަށް ސާފެވެ.

Advt

Advertisement

ލައިސަންސް އެކޭ އެއްބީދައިން އަހަރީ ފީ އާއި، ރޯޑްވާދިނަސް އާއި އިންޝުއަރެންސް އަކީ ކޮންމެ އުޅަނދެއް ދުއްވި ނަމަވެސް ހަމައަށް ހުންނަން ޖެހޭ އެއްޗެކެވެ. އެއީ އެވަގުތަކު އެއުޅަނދެއް ދުއްވާ މީހާ ބަލަން ޖެހޭވެސް ކަމެކެވެ. ފަރުދީ ޒިންމާއެވެސް މެވެ. މިތަކެތި ހަމައަށް ނެތް ނަމަ ގަވައިދުގައިވާ ގޮތުގެ މަތިން އެފަރާތްތައް ޖޫރިމައިނާ ކުރެވެއެވެ.

ލައިސަންސް އާއި އުޅަނދުގައި ހުންނަ ސްޓިކާތަކަކީ އުޅަނދެއް ދުއްވާއިރު ޤާނޫނީ ގޮތުން ފުރިހަމަ ވެފައި ހުންނަން ޖެހޭ ކަންކަމެވެ. އެކަންކަމާއި ހިލާފް ވުމަކީ މައުޞުއީ ގޮތުން ދަތުރުފަތުރުގެ ނިޘާމާއި ހިލާފް ވުމެވެ. އެހެންކަމުން މިހާހިސާބުން އުފެދޭ ސުވާލަކީ ލައިސަން ނެތި ނުވަތަ ހުންނަން ޖެހޭ ސްޓިކާތައް ނެތުމަކީ އެއުޅަނދެއް އެކްސިޑެންޓް ވުމަށް އޮތް ސަބަބު ކަމާއި މެދުގައެވެ.

ޓްރެފިކްގެ މާހިރުން ދެކޭ ގޮތުގައި އުޅަނދެއް އެކްސިޑެންޓް ވުމަށް މެދުވެރިވަނީ މައިގަނޑު 3 ސަބަބާއި ހުރެއެވެ. އުޅަނދު އުފެއްދުމުގައި ހުންނަ އުނިކަމަކުން، ނުވަތަ އިންޖިނީއަރިން މައްސަލައެއްގެ ސަބަބުން ނުވަތަ އިންސާނުން ކުރާ ނޭދެވޭ އަމަލެއްގެ ސަބަބުން ކަމަށެވެ. ވީހިނދު މިދެންނެވުނު ތިން ކަމުގެ ބޭރުން ކަމެއް ދިމާވިނަމަވެސް އެއީ އެކްސިޑެންޓެއް ހިނގުމަށް މެދުވެރިވި ސަބަބޭ ދެންނެވޭކަށް ނެތެވެ.

ލައިސަންސް ނެތި އުޅަނދު ދުއްވުމަކީ އުސޫލާއި ހިލާފަތް އެމީހަކު ކުރާ އަމަލެކެވެ. އަދި ލައިސަންސް ނެތި ދުއްވާ ކޮންމެ މީހަކީ އެކްސިޑެންޓް ވާނެ މީހެއް ވެސް ނޫނެވެ. ނަމަވެސް ލައިސަންސް ނެތި ދުއްވަނިކޮށް އެކްސިޑެންޓްވުމުން އެކްސިޑެންޓްގެ ޒިންމާ އެމީހަކު އުފުލުމަކީ ކުރަންޖެހޭނެ ކަމެކެވެ. ވީހިނދު ލައިސަންސް ނެތް މީހަކު ދުއްވި ސައިކަލެއް އެކްސިޑެންޓް ވެއްޖެކަމަށް ބުނުމީ އޭގެ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ސަބަބަކީ ލައިސަންސް ނެތި އޭނާ ސައިކަލް ދުއްވުމަކީ އެކްސިޑެންޓްގެ މާކުރިން އޭނާ ކުރި ކަމެކެވެ. އެހެންކަމުން ހުއްދަ ނެތި އުޅަނދު ދުއްވައިގެން އެކްސިޑެންޓްވުމަކީ އެއެކްސިޑެންޓެއް މެދުވެރިވާ މައި ސަބަބައް ދެވޭ އިތުރު ބާރެކެވެ. އެއްގޮތަކަށްވެސް ލައިސަންސް ނެތުމުގެ ސަބަބުން އެކްސިޑެންޓް ވީއެއް ނޫނެވެ.