English Edition
Dhivehi Edition

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ގްރީން ޓެކުހުގެ އާމްދަނީ ހަ އިންސައްތަ ދަށް ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެގޮތުން މީރާއިން ބުނީ ފުރަތަމަ ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ފުރަތަމަ ތިން މަހު ގްރީން ޓެކުހުގެ ގޮތުގައި 241.5 މިލިއަން ރުފިޔާ ވަނީ މީރާއަށް ބަލައިގެންފައިވާ ކަމަށެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާއިރު ހަ ޕަސެންޓުގެ ދަށްވުމެކެވެ.

މީރާއިން ބުނީ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދު ވެސް ދަށްވެފައިވާ ކަމަށެވެ. ކުރިން އަންދާޒާ ކުރި ވަރަށްވުރެ ގްރީން ޓެކުހުގެ އާމްދަނި ވަނީ 3.6 ޕަސެންޓް ދަށްވެފަ އެވެ.
މީރާ އިން ބުނީ ގްރީން ޓެކުހުގެ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ފުރަތަމަ ކުއާޓަރުގައި އެންފޯސްމަންޓް ޕޮލިސީގެ ދަށުން ފައިސާ ހޯދަން މަސައްކަތް ކުރިނަމަވެސް ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރުމުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު އާމްދަނީ ދަށްވެފައިވާތީ އެވެ. މި ކުއާޓަރުގައި ޓޫރިސްޓުން އައި މިންވަރު 9.6 ޕަސެންޓް އިތުރުވީނަމަވެސް، ސުންގަޑި އަށް ފައިސާ ދައްކާފައި ނުވުމުން އަންދާޒާ ކުރި އާމްދަނީ ވަނީ ދަށްވެފަ އެވެ.

ގްރީން ޓެކުހަކީ ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހަކާއެކު 2015 ވަނަ އަހަރުން ފެށިގެން ނަގަމުން ގެންދާ ޓެކުހެކެވެ. މި ޓެކްސް ނަގަނީ ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ޓޫރިސްޓު އުޅަނދު ތަކަށް އަންނަ ޓޫރިސްޓުން އެ ތަނެއް ނުވަތަ އުޅަނދެއްގައި ހޭދަ ކުރާ ކޮންމެ ދުވަހަކަށް ހަ ޑޮލަރުގެ ރޭޓުންނެވެ. އަދި ގެސްޓްހައުސް ތަކުން މި ޓެކްސް ނަގަނީ ޓޫރިސްޓެއްގެ ބޮލަކަށް ތިން ޑޮލަރެވެ.