English Edition
Dhivehi Edition

ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުންފުންޏެއް އުފައްދަން ތައްޔާރުވަމުން އަންނަކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ އެސިސްޓަންޓް ޑިރެކްޓަރ ހުސައިން ފައިސަލް ވިދާޅުވީ، ދަނޑުވެރިކަމުގެ ކުންފުންޏެއް އުފެއްދުމަކީ ސަރުކާރުގެ ޕޮލިސީތަކުގެ ތެރޭގައި ހިމެނޭ މުހިންމުކަމެއްކަމަށެވެ. މި ގޮތުން ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ” މޯލްޑިވްސް އެގްރިކަލްޗަރ ކޯޕަރޭޝަން” ގެ ނަމުގައި އުފައްދާ ކުންފުނި ވަރަށް އަވަހަށް ވުޖޫދަށް އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ހުސައިން ފައިސަލް ވިދާޅުވީ، “މޯލްޑިވްސް އެގްރިކަލްޗަރ ކޯޕަރޭޝަން” އުފެދިގެންދާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާއި ގުޅިގެންކަމަށެވެ. މިހާރު ކުރިއަށްދަނީ ކުންދުނި އުފައްދަން ކުރަންޖެހޭ ލިޔެކިޔުންތައް ނިންމުމުގެ މަސައްކަތެވެ.

މި ކުންފުނީގެ ސަބަބުން ދަނޑުވެރިކަން މިހާރު އޮތް ހަރުފަތުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެހީވެދޭނެކަމަށް ފައިސަލް ވިދާޅުވިއެވެ. މި ކުންފުނި އުފެދުމުން ރާއްޖޭގެ އުތުރާއި ދެކުނުން ދަނޑުވެރިން އުފައްދާ ތަކެތި ހަލާކުވިޔަނުދީ ހެޔޮ އަގުގައި ވިއްކުމުގެ މަގު ފަހިވުމުގެ އިތުރުން، ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ތަކެތިވެސް ވީހާވެސް ގާތުން ހެޔޮ އަގުގައި ދަނޑުވެރިންނަށް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

“މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި، މި މިނިސްޓްރީއާއި ގުޅިގެން ވަރަށް ބާރު ސްޕީޑްގައި ޕޭޕަރ ތައްޔާރުކުރުމުގެ މަސައްކަތް އެބަ ކުރިއަށްދޭ. އަޅުގަނޑުމެން މި އުންމީދު ކުރަނީ ރޯދަމަސް ނިމޭހާ ތާންގައި އެ މަސައްކަތް ނިމި ހުށައަޅަންޖެހޭ ފަރާތްތަކަށް ހުށައެޅިގެންދާނެކަމަށް. އަޅުގަނޑުމެން އުންމީދުކުރަނީ ކުންފުނީގެ ސަބަބުން ދަނޑުވެރިންނަށް ދަނޑުވެރިކަމުގައި ބޭނުންކުރާ ތަކެތިވެސް ހެޔޮ އަގުގައި ގާތުން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް.” ހުސައިން ފައިސަލް ވިދާޅުވިއެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން ޑިއުޓީ ކަނޑާލާ މުދަލުގެ ލިސްޓަސްވެސް ވަނީ ތަކެތި އިތުރުކޮށްފައެވެ. މި ލިސްޓުގައި މިހާރު 158 ބާވަތެއް ހިމަނާފައިވާއިރު، މިއީ ކުރިން އެ ލިސްޓްގައި ހިމެނޭ ތަކެއްޗާއި އަޅާބަލާއިރު 55 ބާވަތް އިތުރު އަދަދެކެވެ.

ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ދާދިފަހުން ސަރުކާރުން ވަނީ ‘ދަނޑުވެރި ނަފާ’ ގެ ނަމުގައި ލޯނުވެސް ދޫކުރަމުންނެވެ. 6 އިންސައްތަ އިންޓްރެސްޓާއިއެކު ދޫކުރާ މި ލޯން ސްކީމްގެ ދަށުން އެންމެ މަދުވެގެން ނެގޭނީ 75،000 ރުފިޔާއެވެ. އަދި އެންމެ ބޮޑު އަދަދަކަށް ނޭގޭނީ 2 މިލިއަން ރުފިޔާއެވެ. މީގެ ތެރެއިން އަމިއްލަ ފަރުދުންނަށް 75،000 ރުފިޔާއާއި 500،000 ރުފިޔާއާއި ދެމެދުގެ އަދަދެއް ލޯނުގެ ގޮތުގައި ނެގޭނެއެވެ. ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނި އަދި ކޯޕަރޭޓިވްސްތަކަށް 75،000 ރުފިޔާއާއި 2 މިލިއަން ރުފިޔާގެ ދެމެދުގެ އަދަދަކަށް ލޯނު ނެގޭނެގޭނެއެވެ. އަދި ރަހުނު ނުދައްކާ ލޯނު ނެގޭނެ އެންމެ މަތީ އަދަދަކީ 75،000 ރުފިޔާއެވެ.