English Edition
Dhivehi Edition

ފިލްމީ ކެރިއަރު އަޑިއަޅާލި ސަބަބުތަކުގެ ތެރޭގައި ޕްލޭނެއް ނެތި ކުރިއަށް ދިއުމާއި ކާމިޔާބީ އާއި ނާކާމިޔާބީ އެހާ ސީރިއަސްކޮށް ނުނެގުން ހިމެނޭކަމަށް ކުރީގެ މަޝްހޫރު ތަރި ސުނީލް ޝެޓީ ބުނެފިއެވެ.

ސުނީލް މިހެން ބުނީ ފިލްމު ކުޅެން ފެށި ގޮތަށް އަދިވެސް ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ގޮތުގައި ސާބިތުކަން ދައްކަމުން އަންނާތީ އަޖޭ ދޭވްގަން އާއި އަކްޝޭ ކުމާރަށް ސެލިއުޓް ހައްގުވާ ކަމަށް ބުނެ ވާހަކަދައްކަމުންނެވެ. އެ ދެތަރިން ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް ސުނީލް ބުނީ އެ ކާމިޔާބީތަކާއި މެދު އޭނާ އެއްވެސް ވަރަކަށް ހަސަދަވެރިނުވާކަމަށާއި އެކަމާއި އޭނާ އުފާކުރާކަމަށެވެ. އެހެންނަމަވެސް އެ މީހުން ހޯދި ކަހަލަ ކެރިއާއެއް ލިބުނު މީހަކަށްވި ނަމައޭ އަބަދުވެސް ހިތަށް އަރާކަމަށް ސުނީލްވަނީ ބުނެފައެވެ.

މިހާތަނަށް 100 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ ސުނީލް ބުނީ އޭނާއަކީ ވަރަށް އިމޯޝަނަލް މީހެއްކަމަށެވެ. އެހެންކަމުން އެ ވަގުތަކު ހިތަށް އެރި ގޮތަކަށް ނިންމުންތައް ސީރިއަސްކޮށް ވިސްނައިލުމެއް ނެތި ނިންމާފައިވާނެކަމަށެވެ. އަކްޝޭ އާއި އަޖޭ އާއި ދެ ތަރިންނާއެކުވެސް ފިލްމުތަކުން ފެނިގެން ގޮސްފައިވާ ސުނީލްގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ‘ދަޅްކަން’، ‘އާވާރާ ޕާގަލް ދީވާނާ’ އަދި ‘މެއި ހޫނާ’ އަކީ ފާހަގަކޮށްލެވޭ ފިލްމުތަކެވެ.

ކުރިން އެކްޝަން ހީރޯއެއްގެ ގޮތުގައި ބެލުންތެރިންގެ މަގްބޫލުކަން ހޯދާފައިވާ ސުނީލް، ފަހުން ކުޅުނު ފިލްމުތަކުގައި ފެނިގެން ގޮސްފައިވަނީ ނުބައި ބައި މީހެއްގެ ރޯލުންނެވެ.