English Edition
Dhivehi Edition

ލަންކާގެ ކޮލަމްބޯގައި ހުންނަ މީހުން ދިރިއުޅޭ އިމާރާތެއްގައި ދިވެހީންނަށް ނޫޅެވޭނެ ކަމަށް އެ އިމާރާތުގެ ވެރިފަރާތުން އަންގައިފިއެވެ.

ސްރީ ލަންކާގެ އެޕާޓްމަންޓް ބިލްޑިންގެއްގެ ޕެންޓް ހައުސް އެޕާޓްމެންޓް ކުއްޔަށް ނަގައިގެން އުޅޭ މަޝްހޫރު ވިޔަފާރިވެރިޔާ، އަދި ޔުނިވަސަލް އެންޓަޕްރައިސަސްގެ އެއް ހިއްސާދާރު އަހުމަދު މާހިރު ދީދީ، އޭނާގެ އެޕާޓްމެންޓް ހިމެނޭ ބިލްޑިންގުން ބޭރުވުމަށް، ބިލްޑިންގްގެ ވެރިޔާ އަންގައިފިއެވެ.

މާހިރު ދީދީ ލަންކާގެ “އައިލެންޑް ފައިނޭންޝިއަލް ރިވިއު” އަށް ބުނެފައި ވަނީ އީމެއިލްއެއްގެ ޒަރިއްޔާއިން ބިލްޑިންގްގެ ވެރިޔާ، އެ އިމާރާތުގައި ދިވެހިންނަށް ނުތިބެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.

އޭނާ ސިފަ ކުރައްވާފައި ވަނީ އެ ނިންމުމަކީ ކަނޑައެޅިގެން ވަކި ބަޔަކާ މެދު ތަފާތު ކުރުމުގެ އަމަލެއްގެ ގޮތުގައެވެ.

“އަޅުގަނޑު އެ ޕެންޓްހައުސްގައި ދިރިއުޅޭތާ މިހާރު އަހަރުތަކެއް ވެއްޖެ. ލަންކާއަށް ދާ ކޮންމެ ފަހަރަކު މަޑު ކުރަނީ އެތަނުގައި. ދުވަހަކުވެސް ބަލައިނުގަނެވޭނެ ފަދަ އަމަލެއް ކޮށްފައި ނޯންނާނެ. އަމާން ކަމާއި، ސަލާމަތަށް އަޅުގަނޑު އަބަދުވެސް އިސްކަން ދެން،”

އޭނާ އިތުރަށް ބުނެފައި ވަނީ ލަންކާގައި އިންވެސްޓް ކުރުމާމެދު މިހާރު ދެވަނަ ވިސްނުމަކަށް ދާން ޖެހިފައިވާ ކަމަށާއި، އެ ޕެންޓް ހައުސްއަކީ އޭނާ ލަންކާއަށް ގޮސް، ހިތް ފަސޭހަކަމާއެކު، ސުލްހަވެރިކަމާއެކު މަޑުކޮށްލާ ޕެންޓް ހައުސް ކަމަށެވެ.

ލަންކާއަށް ދިން ބޮން ގޮއްވާލުމުގެ ހަމަލާތަކުގައި އެތައް ބަޔަކު މަރުވެފައިވާ އިރު، އެހަމަލާތަކުގެ ޒިންމާ ނަގާފައި ވަނީ، ހައްދު ފަހަނައަޅާފައިވާ ޖަމާއަތެއް ކަމަށް އައިސްއިންނެވެ. އެ ހަމަލާގައި އަމަލީ ގޮތުން އެއްވެސް ދިވެއްސެއް ބައިވެރިވެފައެއް ނުވެއެވެ. އެހެން ނަމަވެސް ސިފައިން ގެތައް ޗެކް ކުރި ކުރުމުގައި ބައެއް ދިވެހިންވެސް ވަނީ ހައްޔަރު ކޮށްފައެވެ.