English Edition
Dhivehi Edition

ގެއެއް ފުރިހަމަވާނީ ގަސް ވެސް ހުރިއްޔާ އެވެ. ގަސް ހެއްދުމަކީ ގިނަ ބަޔަކު ވަރަށް ކުރާހިތުން ކުރާ ކަމަކަށް ވިއަސް ގަސްތަކަށް އަޅައިލަން ބޮޑުކަމަކަށް ވާ މީހުން އުޅެ އެވެ. ބައެއްފަހަރު ވަގުތުގެ ދަތިކަމުންނެވެ.

ގޭގައި ގަސް ހައްދާފައި ހުރުމަކީ މީހާގެ ސްޓްރެސް ފިލުވަން ފަސޭހަވާނެ ކަމަށް ނާސާގެ ސައިންސްވެރިން ބުނެ އެވެ. އެ މީހުން ބުނަނީ ގަސްތަކުގެ ސަބަބުން ވައި ސާފުކޮށް އެންޒައިޓީ އާ މީހުން ދުރުކޮށްދޭނެ ކަމަށެވެ.

ގަހަކީ ގުދުރަތީ ގޮތުން ވައި ސާފުކޮށްދޭ އެއްޗެކެވެ. އެގޮތުން، ފާރުގައި ލާ ކުލައިގެ ސަބަބުންނާއި، ސިގިރެޓު ފަދަ އެއްޗެހީގެ ސަބަބުން ވައި ތަޣައްޔަރު ކުރާ ބެންޒީން، ފޯމަލްޑީހައިޑު ފަދަ ނުރައްކާތެރި ކެމިކަލް ތަކުން ވައި ސާފުކުރުމަށް ގަސް އެހީތެރިވެ އެވެ.

އެހެންކަމުން ގޭތެރެ ފަދަ ވައި ދައުރުވުން ކުޑަ އަދި ބަންދުވެފައި ހުންނަ ތަންތަނުގައި ގަސް އިންދުން ވަރަށް މުހިއްމެވެ.

އެގޮތުން ގޭތެރޭގައި ހެއްދިދާނެ ބައެއް ގަސްތަކުގެ ތެރޭގައި:

ސްޕައިޑާ ޕްލާންޓް

މިއީ ގޭގައި ހުންނަ “ކާބަންމޮނޮކްސައިޑް” މަދުކޮށްދޭ ގަހެއް ކަމަށް އޮންނަނީ ގަބޫލުކުރެވިފަ އެވެ. ގަދަ އަވި ޖެހުމުން މީގެ ފަތްތައް މިލަ އެވެ. އަދި މިއީ އެތައް ޒަމާނެއް ވަންދެން ފަސޭހަކަމާއެކު ހެދޭ ވައްތަރެއްގެ ގަހެއްމެ އެވެ.

ސްނޭކް ޕްލާންޓް

ސްނޭކް ޕްލޭންޓަށް ވެސް ހަމައެކަނި ފެން ފޮދެއް ދީފައި، ގަދި އަވި ނުދޭ ތަނެއްގައި ބެހެއްޓުމުން އެކަނި ހުރެ ކިތަންމެ ދުވަހެއް ވަންދެން ހެދެ އެވެ. މީގެ ފަތުގެ ވަށައިގެން ހުންނަ ރީނދޫ ބައި ފަހަރެއްގައި ފަސޭހައިން ހިކިދާނެ އެވެ. އެކަމަކު އެކަށީގެންވާވަރަށް ވުރެ ގިނައިން ފެން ނުދޭ ނަމަ ހުންނާނީ ރަނގަޅަށެވެ.

އެރިކާ ޕާމް

އެތަކެއް ދިރާސާތަކަކަށްފަހު ސައިންސްވެރިންވަނީ ގޭގައި ހައްދަން އެންމެ އެކަށީގެންވާ ބައެއް ގަސްތައް ބުނެދީފަ އެވެ. އެއިން އެއް ގަހަކީ އެރިކާ ޕާމް ކިޔާ ގަހެކެވެ. އެ ގަސް ގޭގައި ހެއްދުމުން އަރިދަފުސް ރޯގާ އަދި ހާއްސަކޮށް ސައިނަސް ހުންނަ މީހުންނަށް ފަރުވާއަކަށް ވާނެ ކަމަށެވެ. އެއީ ވައި ސާފުކޮށް ނޭވާލާން މީހާއަށް ފަސޭހަކޮށްދޭނެ ގަހެއް ކަމަށްވެ އެވެ.

މިންޓް ނުވަތަ ކުދީނާ

ބަދިގޭގައި ހައްދާފައި ބަހައްޓަން މިވަރެއް ނެތެވެ. ކާއެއްޗެހި ތައްޔާރު ކުރާއިރު އާއި ތަފާތު ލުއި ބުއިންތަކަށް ވެސް މިފަތުގެ ބޭނުން އަހަރުމެންނަށް ކުރެވެ އެވެ. އަދި މިއީ ހައްދަން ފަސޭހަ، އަވަހަށް އިތުރުވާ ވައްތަރުގެ ގަހެކެވެ. ކުދި ކުރިކޮޅުތައް ބުރިކޮށްގެން އެހެން ޕޮޓްތަކުގައި އިންދުމުން އަވަހަށް އާލާވާނެ އެވެ.

ޕީސް ލިލީ

ހުސް މޭޒުމަތި ފުރިހަމަ ކޮށްލުމަށް ޕީސް ލިލީ ގަސް ބޭނުން ކުރެވިދާނެ އެވެ. އެހާ ކުޑަ ނޫނަސް މި ގަހަކީ ފަސޭހައިން ހެއްދޭނެ ގަހެކެވެ.

ވައި ސާފުކޮށް ނޭވާލާން މީހާއަށް ފަސޭހަކޮށްދޭނެ ގަހެއް ކަމަށްވެ އެވެ.

ކެކްޓަސް

މި ލިސްޓުގައި ކެކްޓަސް ނެތް ނަމަ ލިސްޓު ފުރިހަމަވެސް ނުވާނެ އެވެ. ގިނަ ބަޔެއްގެ ފޭވަރިޓް ގަހަށް ވެފައި، މިއީ ސަމާލުވެގެން ގަސް އިންދަން ވަގުތު ނުދެވޭ ފަރުވާކުޑަ މީހުންނަށް އެންމެ ބަރާބަރު ގަހެވެ. ގަވައިދުން ފެން ދިނުމާއި މާ ބޮޑަށް އަވި ބޭނުން ނުވާ އިރު، މިއީ ފަސޭހައިން ބެލެހެއްޓޭނެ އަދި މޭޒުމަތި ފަޅުފިލާނެ ރީތި ގަހެކެވެ.