English Edition
Dhivehi Edition

އިންޓަނެޓްގެ އެންމެ މަޝްހޫރުވި ބުޅާ، “ގްރަމްޕީ ކެޓް” މަރުވެއްޖެއެވެ.

ގުރަމްޕީ ކެޓްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޖަހާފައިވާ ޕޯސްޓެއްގައި ވެސް ބުނެފައިވަނީ، ގްރަމްޕީ މަރުވީ ކުޑަ ކަމުދާ ނިޒާމަށް ޖެހުނު އިންފެކްޝަނަކާ ގުޅިގެން ތަހައްމަލު ކުރަންޖެހުނު ކަންތައްތަކުގެ ސަބަބުން ކަމަށެވެ.

އަދި ގްރަމްޕީ މަރުވީ މިދިޔަ އަންގާރަ ދުވަހު އޭނާގެ ވެރިމީހާ އަދި މަންމަ، ތަބަތާގެ އަތްމަތީގައި ކަމަށް އެޕޯސްޓްގައި ބުނެފައިވެއެވެ.

ޓާޑާ ސޯސް ނުވަތަ ޓާޑްގެ ނަން ދީފައިވާ ހަތް އަހަރުގެ އެ ބުޅާ އިންޓަނެޓްގައި މަޝްހޫރު ވެގެންދިޔައީ ދެރަވެފައި ނުވަތަ ގަޔާނުވެފައި ހުންނަ ގޮތަކަށް އެ ބުޅަލުގެ އަނގައަށް ވައްތަރެއް ޖައްސާފައި ހުރި ފޮޓޯއެއް 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސޯޝަލް ނިއުސް ވެބްސައިޓެއް ކަމަށްވާ ރެޑިޓްގައި ހިއްސާ ކުރުމުންނެވެ.

އަދި އެއަށްފަހު އެ ފޮޓޯ މީމްއަކަށްވެ އެ ބުޅާ ފާހަގަވެގެން ގޮސްފައިވަނީ އިންޓަނެޓްގެ ފުރަތަމަ “ޕެޓްއިންފުލުއެންސާ”ގެ ގޮތުގައެވެ.

“އަހަރެމެންގެ ބޭބީ އަކަށްވުމާއި އާއިލާގެ މުހިންމު މެންބަރަކަށްވުމުގެ އިތުރުން، ގްރަމްޕީ ކެޓް ވަނީ އެންމެ އުދަނގޫ ވަގުތުތަކުގައި ވެސް، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި އެތައް މިލިއަން މީހުންނަކަށް ހިނިތުންވުން ގެނެސްދީފައި،” ގްރަމްޕީ ކެޓްގެ ފޭސްބުކް ޕޯސްޓުގައި ބުނެފައިވެއެވެ.

އަމިއްލަ ނަމުގައި ވެބްސައިޓެއް ވެސް އޮންނަ ގްރަމްޕީ ކެޓްގެ ފޭސްބުކް އަށް މިލިއަން މީހުން ފޮލޯކުރާއިރު، އިންސްޓަގުރަމްގައި ދެ މިލިއަނަށްވުރެ ގިނަ ފްލޯވަރުން އުޅެއެވެ. އަދި ޓުވިޓާގައި 1.5 މިލިއަން މީހުން އެބުޅާ ފޮލޯ ކުރެއެވެ.