English Edition
Dhivehi Edition

ސިކުނޑީގެ ނުކުޅެދުންތެރިކަމެއް ހުންނަ އަންހެން މީހާއަށް އަނިޔާކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށް ޖެންޑާ މިނިސްޓަރު، ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ށ. ފޭދޫގައި ގައި މި މީހާ އަށް ބަޔަކު އަނިޔާކުރާ މައްސަލައެއް ފެންމަތިވީ މިއަދު އެވެ. އަދި ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް މިކަން އައިސް އެމީހާ ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމުގެ މަސައްކަތް މިނިސްޓްރީންވަނީ ކުރަން ފަށައިފައެވެ.

ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ށ. އަތޮޅުން އެފަދަ މައްސަލައެއް އެމިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެމީހާ ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“ށ.ފޭދޫގައި އަންހެނަކަށް ރަހުމުކުޑަ އަނިޔާތަކެއް ދިން މައްސަލައެއްގެ ރިޕޯޓު ލިބުމާއެކު އޭނާއަށް ބޭނުންވާ ރައްކައުތެރިކަން ދައުލަތުން ވަނީ ފޯރުކޮށްދީފައި. މި އަނިޔާވެރި ޢަމަލު ހިންގި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން.”މިރޭ ކުރެއްވި ޓްވީޓެއްގައި ޝިދާތާ ޝަރީފް ވިދާޅުވިއެވެ.

އެ އަންހެން މީހާގެ ފިރިމީހާ އަކީ ވެސް ހާއްސަ އެހީ އަށް ބޭނުންވާ މީހެއް ކަމަށާއި އަދި އެ ދެ މީހުންނަށް ހަ ދަރިން ލިބިފައިވާ ކަމަށާއި އަދި އެ މީހުންގެ އާއިލާ މީހުން ތިބި ނަމަވެސް، އޭނާ އަށް އަޅާ ނުލާ ކަމަށް ރަށު ކައުންސިލް މެމްބަރަކު ވިދާޅުވިއެވެ.

ކައުންސިލަރު އިތުރަށް ވިދާޅުވީ މީގެ ކުރިން ވެސް އެތައް ފަހަރަކު ވާނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެ މީހުންގެ ހާލަތު ބަޔާންކޮށް ސިޓީތައް ފޮނުވާފައި ކަމަށެވެ.