English Edition
Dhivehi Edition

މާލޭ ސިޓީ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ

މިރޭ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި މާލޭ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ނިންމައިފިއެވެ.

މި ނިންމުން ނިންމީ އެ ބައްދަލުވުމުގައި ބައިވެރިވި ހަތް މެމްބަރުންގެ އިއްތިފާގުންނެވެ.

މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން ނިންމި ނިންމުން ތަންފީޒު ކުރާނީ ހަމަސް ފަހުން ކަމަށާއި އެ ބައްދަލުވުމުގައި ބައިވެރިވި މާފަންނު ދެކުނު ދާއިރާގެ ކައުންސިލް މެމްބަރު ހުސެއިން ޝަރީފް ވިދާޅުވިއެވެ. އަދި މިކަމުގައި ހެލްތް މިނިސްޓްރީ އާއި ފުލުހުންނާ މަޝްވަރާ ކުރުމަށްފަހު އުސޫލުތަކެއް ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދެގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ 500ރ ޖޫރިމައިނާ ކުރެވޭ ގޮތަށް މިހާރުވެސް ގާނޫނެއް އޮވެފައި މީގެ ކުރިންވެސް އާއްމުން އެއްވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ގާނޫނަކުން މަނާ ކުރި ނަމަވެސް އެގާނޫނު އެދެވޭ ވަރަށް ތަންފީޒު ކުރެވިފައި ނުވެ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު، ގާނޫނު ނަންބަރ 2010/15 ގައި ފާސްކޮށް، 2012 ވަނަ އަހަރު އެ ގާނޫނުގެ ދަށުން ހަދަން ލާޒިމް ކުރި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާންމު ގަވައިދުތަކަށް އަމަލުމުކުރަން ފެށުނެވެ.