English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ލެޑް ބޮކިތައް ދޫކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އެމަސައްކަތް ކުރުމަށްޓަކައި ބޭނުންވާ ލެޑްބޮކިތައް ޔޫޓިލިޓީ ކުންފުނިތަކާ ހަވާލުކޮށްފި އެވެ.

މިއަދު އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ބޮކިތައް ހަވާލުކުރީ ސްޓެލްކޯ، ފެނަކަ، އަދި މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އެވެ. މި ބޮކިތައް ބަހަން ފަށާނެ ވަކި ތާރީހެއް އަދި އިއުލާންކޮށްފައި ނުވާއިރު، ހުރިހާ ގޭބިސީތަކަށް ލެޑް ބޮކި ދޫކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ދެ ލެޑް ބޮކި ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވަނީ ކަރަންޓަށް ކުރާ ހޭދަ ކުޑަ ކުރުމަށް ޓަކައި މަދުން ހަކަތަ ބޭނުން ކުރާ ތަކެތި ގަތުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ހުސައިން ރަޝީދު ވިދާޅުވީ ހަކަތަ އިޤްތިސާދުކުރުމަށްޓަކައި ހަކަތަ ސަމަކާރަ ލޭބަލް ހެދުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. އަދި ދިވެހިރާއްޖޭގެ ބިލްޑިންގ ކޯޑަށް ބޭނުންވާ ކޮމްޕްލަޔަންސް ޑޮކިއުމެންޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ އިތުރުން ހަކަތަ ސަމަކާރަ ތަކެތި ފޯރުކޮށްދިނުމަށް ޕްރޮގްރާމުތައް ހިންގަމުން އަންނަކަމަށް ހުސައިން ރަޝީދު ވިދާޅުވިއެވެ.

މިއަދު ކުންފުނިތަކާ ހަވާލު ކުރި ލެޑް ބޮކިތަކަކީ ތިމާވެށްޓާ ރައްޓެހި، ކަރަންޓު ހަރަދުކުޑަ ބޮކިތަކެވެ. އޭގެ 200،000 ބޮކިން ދުވާލަކަށް 9600 ޔުނިޓުގެ ކަރަންޓު ސަލާމަތްކުރެވޭނެ އެވެ.އެއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 100 ޔުނިޓު ބޭނުންކުރާ 2,400 ގެއަށް ދުވާލަކަށް ބޭނުންވާ ކަރަންޓެވެ.