English Edition
Dhivehi Edition

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ފައިނަލުގައި އިންގްލެންޑްގެ ޓޮޓެންހަމް ހޮޓްސްޕާސް އާއި ލިވަޕޫލް ވާދަކުރާ މެޗުގެ ރެފްރީއަކަށް ސްލޮވީނިއާގެ ޑަމީރު ސްކޮމިނާ ހަމަޖައްސައިފި އެވެ.

ޔުއެފާ ރެފްރީސް ކޮމެޓީން ނެރުނު ބަޔާނެއްގައި ބުނީ އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހު ކުޅޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ރެފްރީކަން ކުރާނީ އުމުރުން 42 އަހަރުގެ ޑަމީރު ސްކޮމިނާ ކަމަށެވެ.

އިނގިރޭސިންނާއި އެކު ގިނަ މެޗުތަކެއްގައި ރެފްރީކަން ކޮށްފައިވާ ސްކޮމިނާ ވަނީ ބެލްޖިއަމް އާއި އިންގްލޭންޑް ވޯލްޑްކަޕްގައި ކުޅުނު މެޗާއި އައިސްލޭންޑް އަތުން އިނގިރޭސިން 2016 ވަނަ އަހަރު ބަލިވި މެޗުގެ ރެފްރީކަންކޮށްފައެވެ.

ސްކޮމިނާ ވަނީ 2017 ވަނަ އަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލުގައި އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑާއި އަޔަކްސް ވާދަކުރި މެޗުގައިވެސް ރެފްރީކަން ކޮށްފައެވެ. އަދި، މީގެ ފަސް އަހަރު ކުރިން ޗެލްސީއާ އެތުލެޓިކޯ މެޑްރިޑް ކުޅުނު ޔޫއެފާ ސުޕަ ކަޕް މެޗާއި 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބޮރޫޝިއާ ޑޯޓްމަންޑާއި ބަޔާން މިއުނިކް ވާދަކުރި މެޗުގެ ރެފްރީ އަކަށްވެސް ހުރީ ސްކޮމިނާ އެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ހަތަރު މެޗެއްގައި ސްކޮމިނާ ވަނީ ރެފްރީކަން ކޮށްފައެވެ. ޔުނައިޓެޑުން ޕީއެސްޖީ ބަލިކުރި މެޗުގެ އިތުރުން ސްކޮމިނާ ރެފްރީކަން ކުރި އެންމެ ފާހަގަކޮށްލެވޭ މެޗަކީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ލިވަޕޫލާއި އިޓަލީގެ ނަޕޯލީ ވާދަކުރި މެޗެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މެންޗެސްޓަރ ޔުނައިޓެޑް އަތުން ބަލިވެ ޗެމްޕިއަންސް ލީގުން ކެޓި ފްރާންސްގެ ގަދަބާރު ޕީއެސްޖީ މެޗުގައި ޔުނައިޓެޑަށް ފަހު ވަގުތު ދިން ޕެނަލްޓީއާ ގުޅިގެން ގިނަ ބަޔަކު ސްކޮމިނާ އާއި ދެކޮޅައަށް އަޑު އުފުލާފައިވާއިރު މިކަމާއި ގުޅިގެން މެޗުގެ ވީއޭއާރު އޮފިޝަލުންގެ ނިންމުމާ ދެކޮޅަށް ޕީއެސްޖީގެ ނޭމާ އެ މެޗަށްފަހު އިންސްޓްގަރާމްގައި ފާޑުކިޔުމާއި ގުޅިގެން ޔޫއެފާއިން ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ޔޫރަޕްގެ ތިން މެޗަށް ނޭމާ ސަސްޕެންޑް ކޮށްފައެވެ.

ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލުގައި އަޒަރުބައިޖާންގެ ވެރިރަށް ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމްގައި މިމަހުގެ 29 ވަނަ ދުވަހު ކުޅޭ ފައިނަލުގައި ބައްދަލުކުރާ އާސެނަލްއާ ޗެލްސީ ބައްދަލުކުރޭ މެޗުގެ ރެފްރީކަން ކުރާނީ އިޓަލީގެ ޖިއަންލޫކާ ރޮޗީ އެވެ.