English Edition
Dhivehi Edition

ހަނގުރާމަވެރިންގެ ބަޔަކު ސައުދީގެ ދެ ޕަމްޕް ސްޓޭޝަނަކަށް ޑްރޯނަކުން ހަމަލާތަކެއް ދީފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުދިއަރަބިޔާގައި ތެޔޮ ނެގުމަށް ބޭނުން ކުރާ މި ދެ ޕަމްޕް ސްޓޭޝަނަކަށް ޑްރޯނަކުން ހަމަލާތަކެއް ދީފައިވަނީ ޔަމަންގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިންނެވެ. ސައުދީގެ ދަޢުލަތުގެ މީޑީއާއިންވަނީ މިކަން ކަށަވަރުވެސް ކޮށްދީފައެވެ.

މިހަމަލާއާއެކު މިއަދު ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގުތައް އުފުލެން ފަށާފައިވާކަމަށްވެސް މަޢުލޫމާތުލިބޭއިރު ސައުދީ އަރަބިއްޔާގެ ތެޔޮ ކުންފުނި އަރަމްކޯ އިން ވަނީ މިހަމަލާ އާއި ގުޅިގެން ތެޔޮ އުފެއްދުމުގެ މަސައްކަތައް އެއްވެސް ބަދަލެއް ނާންނަކަން ކަށަވަރު ކޮށްދީފައެވެ. އެ ކުންފުނިން ބުނީ މި ހަމަލާތަކުގައި ޕަމްޕް ސްޓޭޝަންތަކަށް ލިބުނީ ކުޑަކުޑަ ހަމަލާ ތަކެއްކަމަށެވެ.

މެދުއިރުމަތީގެ ހާލަތު ފަހަކަށް އައިސް ވަރަށް ބޮޑަށް ގޯސްވެފައިވާއިރު އީރާނާއި އެމެރިކާއާއި ދެމެދު އެތަށް ދުވަހަކަށް ދިގުދެމިގެންދިޔަ ބަހުގެ ހަމަލާތަކަށްފަހު މިހާރުވަނީ އެމެރިކާއިން ޢަމަލީ ފިޔަވަޅުވެސް އަޅާފައެވެ. އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރުތައް ދަނީ އީރާނުގެ ކައިރިއަށް ފޮނުވަމުންނެވެ.

މީގެ ދެދުވަސްކުރިން ޔޫއޭއީ ކައިރިން ސައުދީގެ ދެ ތެޔޮ ޓޭންކަރަކަށްވެސް ހަމަލާތަކެއް ދީފައިވެއެވެ.