English Edition
Dhivehi Edition
ރޭ ކުޅުނު މެޗެއްގެ އޮފިޝަލުންނާއި ދެ ޓީމުގެ ކެޕްޓަނުން

“ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕް 2019” ގައި މިރޭ ކުޅޭ ފުރަތަމަ މެޗަށް ނުކުންނާނީ އިދިކޮޅަށް ކުޅޭ ޒެލޯން ބަލިކުރަން ކަމަށް އެފްސީ އަފިރިން ޓީމުން ބުނެފިއެވެ.

އެ ޓީމުގެ އެސިސްޓެންޓް މެނޭޖަރ އިސްމާޢީލް އަޒީމް ބުނީ މިރޭ ނުކުންނާނީ ޒެލޯން ބަލިކޮށް ތިން ޕޮއިންޓް ކަށަވަރު ކުރަން ކަމަށެވެ. “އިރާދަ ކުރެއްވިއްޔާ އެޓީމު ބަލިވާނެ. އެހެންނަމަވެސް ފުޓުބޯޅައިގައި ކޮންމެފަދަ ނަތީޖާއެއް ވެސް ނުކުމެދާނެ. އެކަމަކު އަޅުގަނޑުމެން މިރޭ ނުކުންނާނީ ދޫދޭ ގޮތަކަށް ނޫން،” އޭނާ ބުންޏެވެ.

މިރޭގެ މެޗަށް އެޓީމު ނުކުންނައިރު ޓީމުގެ ވަރަށްބޮޑު އެދުމެއް އެބައޮތެވެ. އެއީ ޓީމަށް ސަޕޯޓުދިނުމަށް ވީހާވެސް ގިނަމީހުން މަރަދޫ ވެމްބޮޅުފިށި ސްޓޭޑިއަށް އައުމެވެ. އަޒީމް ބުނީ މުބާރާތުގެ ތަށީގައި އަތްލެވޭނީ ސަޕޯޓަރުންގެ ވެސް ވަރަށްބޮޑު ތަރުޙީބެއް ލިބިގެން ކަމަށެވެ.

އެފްސީ އަފިރިންއަކީ ވެސް މިމުބާރާތަށް ފަރިތަ ޓީމެކެވެ. އަޒީމް ބުނީ މިފަދަ މުބާރާތަކަށް ނުކުންނައިރު މާޒީއާ މެދު އެއްވެސް ފިކުރެއްނެތް ކަމަށެވެ. “މާޒީ ކޮންމެ ގޮތަކަށް އޮތަސް އެކަމަށް ވިސްނައިގެން މިކަމެއް ނުވާނެ. މިކަން ވާނީ މުސްތަގުބަލަށް ވިސްނައިގެން،” އޭނާ ބުންޏެވެ.

މި މެޗު ފަށާނީ މިރޭ 9:30 ގައެވެ.