English Edition
Dhivehi Edition

“ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕް 2019” ގައި މިރޭގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ  2008 ވަނަ އަހަރުން ފެށިގެން މެދު ނުކެނޑި މުމުބާރާތުގައި ވާދަކުރަމުންދާ މަރަދޫ ޒިލޯންއާއި، މަރަދޫ ފޭދޫ އެފްސީ އަފިރިންއެވެ.

މިރޭގެ މެޗަކީ މި މުބާރާތުގައި ދެޓީމުގެ ވެސް ފުރަތަމަ މެޗެވެ. އެހެންކަމުން ދެ ޓީމުން ވެސް ނުކުންނަނީ މޮޅަކަށެވެ. ޒެލޯންގެ މެނޭޖަރ ޙުސައިން ޢާބިދު ބުނީ އެފްސީ އަފިރިންއަކީ އެއްކޮށްކުޅޭ މޮޅު ޓީމެއް ކަމަށެވެ. އެހެން ކަމުން މިރޭ ނުކުންނާނީ އެކަން ވިސްނުމުގައި ބަހައްޓައިގެން ސީދާ ތިން ޕޮއިންޓް ކަށަވަރު ކުރުމަށެވެ. “އެއީ މޮޅު ޓީމެއް. އެހެންނަމަވެސް ވަރުގަދަ ފައިޓެއް ނުދެވޭނެ ވަރުގެ ޓީމެއްނޫން. ހުރިހާ ކުދިން ވެސް ތިބީ މިރޭގެ މެޗުން މޮޅުވެ ތިންޕޮއިންޓް ކަށަވަރު ކުރުމުގެ ޢަޒުމުގައި،” އޭނާ ބުންޏެވެ.

ޒެލޯންގެ ގޯލްކީޕަރު ފިޔަވައި އެހެން ހުރިހާ ކުޅުންތެރިންނަކީ މަރަދޫ ކުޅުންތެރިނެވެ. ކީޕަރަކީ އެހެން ރަށެއްގެ ކުޅުން ތެރިއެކެވެ. ޢާބިދު ބުނީ ހުރިހާ ކުޅުންތެރިން މަރަދުއަށް ނިސްބަތްވުކީ މިރޭ އޮތް ވަރަށްބޮޑު އެޑުވާންޓޭޖަކަށް ވާނެ ކަމަށެވެ. އެއީ އެއްކޮށް ފަރިތަކޮށް އެކީގައި އުޅެ ވިސްނުމާއި ފިކުރުގެ ގޮތުން މުޅި ޓީމުގައި އެއްރޫޙެއް ހުރީމައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޒެލޯންއަކީ މިމުބާރާތުގައި ވާދަކުރާ އެންމެ މޮޅެތި އަދި ކާމިޔާބު ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެކެވެ. މިހާތަނަށް އެޓީމުންވަނީ މުބާރާތުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދައިފައެވެ. ދެ ފަހަރު ރަނަރއަޕް ކަން ވެސް ހޯދައިފައެވެ. އެހެންނަމަވެސް މާޒީއަށް ބެލުމަށްވުރެ ބުއްދިވެރި ގޮތަކީ މުސްތަގުބަލަށް ވިސްނުން ކަމަށް ޢާބިދު ވިދާޅުވިއެވެ. “ޗެމްޕިއަންކަން ނުވަތަ ތައްޓާ މެދު އަދި ނުވިސްނަން. ފަހަރަކު މެޗަކުން މޮޅުވެގެން ގޮސް ތައްޓާ ހަމަށް ދެވޭނީ. އެހެންވީމާ ބަލާނީ ކޮންމެ މެޗަކުން ވެސް މޮޅުވާން. ތައްޓާމެދު ވިސްނާނީ އެހިސާބަށް ދިޔާމައި. ފުރަތަމަ މަސައްކަތް ކުރާނީ ގްރޫޕް ސްޓޭޖުން އެއްވަނަ ހޯދަން،” އޭނާ ބުންޏެވެ.

އެޓީމުގެ ކޯޗަކީ ވެސް ފާހަގަ ކޮށްލެވޭ ކޯޗެކެވެ. ކޯޗު މުޙައްމަދު މަހުޒޫމް (މަހޭ) އަކީ ޤައުމީ ފުޓުސަލް ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާއަކީ ވެސް މަރަދުއަށް އުފަން މީހެކެވެ.

މި މެޗު ފަށާނީ މިރޭ 9:30 ގައެވެ. މެޗު އޮންނާނީ މަރަދޫ ވެމްބޮޅުފިށި ސްޓޭޑިއަމުގައެވެ.