English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަލީގުގެ އެންމެ ފަހު މެޗުގައި ބްރައިޓަން ބަލިކޮށް އެންމެ ފަހުގެ ލީގު ޗެމްޕިއަން މެންޗެސްޓަ ސިޓީއިން ލީގުގެ ތަށި ދިފާއުކޮށްފިއެވެ.

ބްރައިޓަންގެ ދަނޑުގައި ކުޅުނު މިމެޗުގައި މޮޅުވެގެން ލީގުގެ ޗެމްޕިއަންކަން ހަތަރު ވަނަ ފަހަރަށް ކަށަވަރު ކުރެވެން އޮތް ސިޓީއިން މިމެޗު ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 4-1 ލަނޑުންނެވެ.

ރޭގެ މޮޅާއެކު ސިޓީން ލީގު ޗެމްޕިއަންކަން ހޯދާފައިމިވަނީ ކުޅުނު 38 މެޗުން 98 ޕޮއިންޓް ހޯދައިގެންނެވެ. އެޓީމާ ގާތުން ފަހު މެޗާ ހަމައަށް ޗެމްޕިއަންކަން ހޯދަން ވާދަކުރި ލިވަޕޫލުން ރޭ ވުލްސް ބަލިކުރި ނަމަވެސް އެޓީމަށް ލީގު ނިމުނުއިރު 38 މެޗުން ލިބުނީ 97 ޕޮއިންޓެވެ. ސިޓީން ޗެމްޕިއަންކަން 98 ޕޮއިންޓާއެކު ހޯދިއިރު މިދިޔަ ސީޒަނުގެ ޗެމްޕިއަންކަން އެޓީމު ހޯދީ 100 ޕޮއިންޓާއެކު އެވެ.

ރޭގެ މި ކާމިޔާބާއި އެކު ސިޓީ ތާރީހުގެ ތެރެއަށް ޖެހި ލާފައިވާއިރު ސިޓީ ވެފައި މިވަނީ 2009 ވަނަ އަހަރުގެ ފަހުން އިނގިރޭސި ފުރަތަމަ ޑިވިޝަންގެ ލީގު ޕްރިމިއާ ލީގަށް ބަދަލުކުރިފަހުން އެ ލީގު ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދި ތިން ވަނަ ޓީމައަށެވެ.

އިނގިރޭސި ލީގު ޕްރިމިއަ ލީގައަށް ރީބްރޭންޑް ކުރި ފަހު ޖެހި ޖެހިގެން ދެވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްފައިވަނީ ސިޓީގެ އިތުރުން ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑެވެ.

ބްރައިޓޮން ހޯވް އެލްބިއޯންގެ ދަނޑުގައި ކުޅުނު މެޗުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް މެޗު ފެށުނީސް ސުރެން ފެނިގެން ދިޔަ ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކުރީ ބްރައިޓޮން އެވެ. އެ ޓީމުގެ ލަނޑު މެޗުގެ 27 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ގްލެން މުރޭ އެވެ.

މުރޭގެ ލަނޑުން ބްރައިޓަން ލީޑު ނެގި ނަމަވެސް މި ލަނޑު ޖެހިތާ މިނިޓްއެއް ވެސް ނުވަނީސް ސާޖއޯ ކުން އަގުއޭރޯ ވަނީ ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދީ ފައެވެ. އޭގެ 10 މިނެޓް ފަހު ލަޕޯޓެ ވަނީ ސިޓީއަށް ލީޑް ނަގައި ދީފަ އެވެ. ސިޓީއަށް ނަތީޖާގެ ފަރަު ބޮޑު ކޮށްދިނީ 63 ވަނަ މިނެޓްގައި ރިޔާދު މަހްރޭޒް ކާމިޔާބު ކުރި ލަނޑުންނެވެ. ސީޓީގެ ހަތަރު ވަނަ ލަނޑު 72 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ގުންޑޯގަން އެވެ.

ލީގު ހޯދުމުގެ ރޭހުގައި މިސީޒަންގައި ސިޓީއަށް ޕްރެޝަރު ކުރި ލިވަޕޫލް ވަނީ ސަޑިއޯ މާނޭ ކީމިޔާބުކޮށްދިން ދެ ލަނޑުން 2-0 އިން ވުލްވްސް ބަލިކޮށްފައެވެ. ލީގު ފެށުނީއްސުރެ ސިޓީއާ ވާދަކުރަމުން ލިވަޕޫލް ދިޔަ އިރު ލީގުގައި ލިވަޕޫލް ބަލިވީވެސް ސިޓީ އަތުން އެކަންޏެވެ. ސިޓީ ބަލިވި މެޗުގެ އަދަދު ގިނަ ނަމަވެސް އެ ޓީމު އެއްވަރުވީ އެންމެ ދެ މެޗުގަ އެވެ. ލިވަޕޫލް ހަތް މެޗުގައި އެއްވަރުވެފައެވެ.

ލީގު ޗެމްޕިއަންކަން ސިޓީ ހޯދިއިރު އެޓީމު ވަނީ ލީގު ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދައިފައެވެ. އަދި މި މަހުގެ 18 ވަނަ ދުވަހު އެފްއޭ ކަޕްގެ ފައިނަލުގައި އެޓީމު ވެޓްފޯޑާ ދެކޮޅަށް ނުކުންނާނެ އެވެ.