English Edition
Dhivehi Edition

ރަމަޟާން މަހަކީ ދުވާލުގެ ވަގުތުތަކުގައި ކެއުން ބުއިމާއި ޝަހުވާނީ އެދުންތަކުން ދުރުހެލިވެގެން، ހަމައެކަނި ހުރެލާ މަހަކަށް ނަހައްދަވާށެވެ. މިމަހުގެ ފައިދާއާއި ބަރަކާތް ޙާޞިލުކުރާން މަސައްކަތް ކުރަންވާނެއެވެ.

މި މާތް މައްސަރަކީ ތިބާގެ އާއިލާގެ މީހުންނަށް ހިތްއުފާކޮށް ބަޑުހައިކަން ފިލުވައިދިނުމަށް މީރުހައި ކާނާ ތައްޔާރުކޮށް، އެކަމުގައި އަވަދިނެތި އުޅެންވީ މައްސަރެއް ނޫނެވެ. އޭގެ ބަދަލުގައި، ތިބާގެ އަމިއްލަ ނަފުސު ޠާހިރުކޮށް ކުރިން ނުކުރެވޭ ނުވަތަ ފަރުވާ ކުޑަކުރެވޭ އަޅުކަންތައްތަކަށް އިތުރަށް ސަމާލުވެ އެކަން އެކަން ކުރަން އާދަކުރަންވީ ދުވަސްވަރެވެ.

މިބަރަކާތްތެރި މަހުގައި ތިބާގެ ނަފުސަށް ހެޔޮ ތަރުބިއްޔަތު ދޭށެވެ. އެގޮތުން ކުރެވިދާނެ އެއްކަމަކީ ތިބާ ކޮންމެ ދުވަހަކު ތިކުރާ ކަންތަކުގެ ނިޔަތް އިސްލާޙުކޮށްލުމެވެ. މީގެ މާނައަކީ ކޮންމެހެން ކުރަންޖެހޭތީވެ ކަމެއް ކުރާކަމުގެ ނިޔަތުގެ ބަދަލުގައި މާތް ﷲ އަށްޓަކައި، އެކަލާނގެ ޙަޟުރަތުން ޘަވާބާއި ދަރުމައަށް އެދިގެން ކުރާ ކަންތައްތަކެއްގެ ގޮތުގައި ދެކިގެން ކުރާށެވެ.

ދެވަނައަށް ގޭގައި ތިޔަ ކުރާ މަސައްކަތްތަކުގައި އުޅޭ އިރު ޛިކުރު ކުރުން އާދަކުރާށެވެ. މިސާލަކަށް، ފަނި ގިރަން ކަރާކޮށާއިރު ނުވަތަ އާފަލެއް މަށާލާއިރު، “ސުބްޙާނަﷲ” ނުވަތަ ކާމޭޒު ތައްޔާރު ކޮށްލަމުން “އަލްޙަމްދުލިﷲ” މިހެން ކިޔާލުމުން، މިބަރަކާތްތެރި މައްސަރުގައި އެދަސްކޮށްލެވެނީ ﷲ އަށް ޛިކުރު ކުރުމުގެ މަތިވެރި އާދައެވެ. އެހެނީ ﷲ މަތިން ހަނދުމަ ކުރުމަކީ ހިތްތަކަށް ހަމަޖެހުން ގެނުވާކަމެކެވެ. ރަޢުދު ސޫރަތުގެ 28 ވަނަ އާޔަތުގެ މާނައީ “އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟”

ދަރިން ނިދާފައި ތިބޭ ގަޑިއަކީ ތިބާއަށް ލިބިގެންދާ ރަނުގެ ފުރުޞަތެކެވެ. އެވަގުތު ތަރާވީހު ނަމާދުކޮށްލުން ނުވަތަ ތަޙައްޖުދު ނަމާދުކުރަން އާދަކުރުމަކީ މިރަމަޟާން މަހު ތިބާގެ ނަފުސަށް ދެވޭނެ މުހިއްމު ތަރުބިއްޔަތެކެވެ. އަވަހަށް ނިދާލަން ބޭނުންވާނަމަ، އަވަހަށް ނިދާ ފަތިސްވުމުގެ ކުރިން ހޭލާ ތަޙައްޖުދު ނަމާދު ކުރަން އާދަ ކުރައްވާށެވެ. އެއީ ތިބާގެ ނަފުސަށް ދެވޭނެ އެންމެ ފޮނި އެއްކާނާއެވެ.

ކޮންމެ ރަމަޟާން މަހެއް ނިމިގެންދާއިރު ތިބާއަށް ލިބޭ ހިތްހަމަޖެހުމަކީ މީރު ކާނާ ތައްޔާރުކޮށްގެން ކާންދިނުން ކަމުގައި ނަހަދާށެވެ. ތިބާގެ ނަފުސު، ތިބާއަށް ފަރުވާ ކުޑަކުރެވޭ، އޭގެ ޘަވާބާއި ދަރުމަ މަތިވެރި އަޅުކަމަކަށް ހޭނުވުމަށް، އެނަފުސަށް ކާނާ ދޭށެވެ. އެހެން ނޫނީ އެރަމަޟާން މަހަކުން ތިބާއަށް ލިބުނު ޙަޤީޤީ ހިތްހަމަޖެހުމަކާއި އުފަލެއް ނެތް ފަދައެވެ.