English Edition
Dhivehi Edition

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރާއްޖޭގެ ކްލަބް ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒުކޮށްގެން މި ރަމަޟާން މަހު ބޭއްވުމަށް ތާވަލް ކުރި “އެފް އޭ ފުޓްސަލް ކަޕް 2019” އަންނަ ހޯމަ ދުވަހު ފެށުމައަށް ހަމަޖެހިއްޖެއެވެ.

އެފްއޭއެމްއިން އިސްނަގައިގެން ކުރިއަށް ގެންދިއުމައަށް ހަމަޖެހިފައިވާ މިމުބާރާތުގެ ގުުރުއަތުލުއުން މިހާރު ބާއްވާފައިވާއިރު މިއަހަރުގެ މިމުބާރާތުގައި ފިރިހެން 16 ޓީމް ބައިވެރިވެފައިވާއިރު އަންހެން ބައިގައި ބައިވެރިވީ ހަތަރު ޓީމަކުންނެވެ.

އަންނަ ހޯމަ ދުވަހު ފަށާ މިމުބާރާތުގައި ކޮންމެ ދުވަހު ހަވީރު 16:30 ގައި ދެ މެޗު އަދި ރޭގަނަޑު 22:00ގައި ދެމެޗު ކުޅުމައަށް ހަމަޖެހިފައިވެއެވެ. މިގޮތުން މުބާރާތް ހުޅުވުމުގެ ގޮތުން ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭ ގެ ޔޫއެން ފްރެންޑްސްއާ މުއިވެޔޮ ފްރެންޑްސް އެވެ.

މުބާރާތުގެ ފިރިހެން ބައިގައި ހަތަރު ގްރޫޕައަކައަށް ބަހާލާފައިވާއިރު ގްރޫޕް އޭ ގައި ހިމެނެނީ ޔޫއެން ފްރެންޑްސް، މުއިވެޔޮ ފްރެންޑްސް، އެފްސީ ދޫނޑިގަލޯނާ އަދި ވިޔަސްޔާ އެވެ. ގްރޫޕް ބީ ގައި ބީޖީ ސްޕޯޓްސް ކްލަބާއި، ބިގަލޯސް، އެމްވައިއޭ ތުލުސްދޫ ގެ އިތުރުން ހިމެނެނީ ހުޅުދުއްފާރު ސްޕޯޓްސް ކްލަބެވެ. ގްރޫޕް ސީ ގައި ހިމެނެނީ ކްލަބް ޕީކޭ، ކޮންފެރެ ސްޕޯޓްސް ކްލަބް، ރިވަލްސާ އަދި ޕޮލިސް ކްލަބެވެ. ގްރޫޕް ޑީ ގައި ހިމެނޭ ޓީމުތަކަކީ ވިލިމާލެ ޔުނައިޓެޑް، ޔޫތު އަލިއަންސް، އެލްޓީ ސްޕޯޓްސް ކްލަބް އަދި ދިވެހި ސިފައިންގެ ކްލަބެވެ.

މުބާރާތުގެ އަންހެން ބައިގައި ބައިވެރިވީ ބީޖީ ސްޕޯޓްސް ކްލަބާއި، ދިވެހި ސިފައިންގެ ކްލަބުގެ އިތުރުން އެމްއެސް ސޮކަ މޭޓްސް އަދި ޕޮލިސް ކްލަބެވެ. އަންހެން ބައިގެ ފުރަތަމަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ރެއެވެ. ފުރަތަމަ މެޗުތަކުގައި ބީޖީ ސްޕޯޓްސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް ވާދަކުރާއިރު ހަމަ އެގަޑީގައި ޕޮލިސް ކްލަބާ އެމްއެސް ސޮކަ މޭޓްސް ވާދަކުރާ މެޗުވެސް ކުޅޭނެއެވެ.

މި ފަހަރުގެ މުބާރާތުގައި މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުގައި މާލޭ ލީގާއި ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު އެއްވެސް ކުޅުންތެރިއަކަށް ނުކުޅެވޭނެއެވެ. މި ގަވާއިދުގެ ސަބަބުން މަޝްހޫރު ބައެއް ކުޅުންތެރިން މުބާރާތުގައި ފެނުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. އެފްއޭއެމް މިގޮތަށް ނިންމީ ފުޓްބޯޅަ ކުޅޭ ކުޅުންތެރިން ފުޓްސަލް މުބާރާތްތަކުގައި ނުކުޅުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

ޗެމްޕިއަން ޓީމަށް ބައި ލައްކަ ރުފިޔާ އަދި ރަނަރ އަޕް ޓީމަށް 25،000 ރުފިޔާ ދޭގޮތަށް ހަމަޖައްސައިފައިވާ މި މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ބައިވެރިވުމުގެ ފީ އެއްގެ ގޮތުގައި 2،000 ރުފިޔާ ދައްކަންޖެހެއެވެ.