English Edition
Dhivehi Edition

ޕްރިންސް ހެރީ އާއި މެގަމް މާކަލް އަ ލިބިވަޑައިގަތް އަލަތު ފިރިހެން ދަރިކަލުންގެ ނަމަކަށް “އާޗީ ހެރިސަން މައުންޓްބެޓެން-ވިންޑްސާ” ކިޔައިފި އެވެ.

މި ހަފްތާގެ ހޯމަ ދުވަހު އުފަންވި މި ދަރިކަލުންނަށް ނަން އިއުލާންކޮށްފައި ވަނީ އިޔެ އެވެ. މިހާރު މި ދަރިކަލުން ވިންޑްސާ ކާސަލްގައި ފުރަތަމަ ފަހަރަށް ވަނީ ދައްކައިވެސް ލާފައެވެ.

ޕްރިންސް ހެރީގެ މި ދަރިކަލުންނަކީ އިނގިރޭސި ރާނީ އެލިޒަބަތުގެ 8 ވަނަ މުނިމާމަ ދަރިކަލުންނެވެ. އަދި މިއީ ޕްރިންސް ޗާލްސްގެ ހަތަރު ވަނަ ކާފަ ދަރިކަލުންނެވެ. މި ދަރިކަލުންނަށް ނަން ދީފައިވަނީ މޭގަން އުފަން ގައުމު އެމެރިކާ އަށް ވެސް ނިސްބަތް ކުރެވޭ ގޮތަށެވެ. އާޗީ އަކީ އިނގިރޭސިވިލާތުގައި ބޭނުން ކުރާ ނަމަކަށް ވިޔަސް އެ ނަން އެ އެންމެ އާންމުކޮށް ބޭނުން ކުރަނީ އެމެރިކާގަ އެވެ.

އަލަތު ދަރިފުޅު ލިބިވަޑައިގަތުމުން ހެރީ މީޑިއާތަކަށް ވިދާޅުވީ ބައްޕައަކަށްވުމުން ކުރެއްވޭ އިހުސާސްތައް މުޅިން ތަފާތު ކަމަށެވެ. އަދި ދަރިކަލުން ބޮޑުވަމުން އަންނަ ތަން ވަރަށް ގާތުން ދެކެން ބޭނުން ކަމަށް ވިދާޅުވި އެވެ.
ޕްރިންސް ހެރީ އަކީ އަވަހާރަވެފައިވާ ޕްރިންސެސް ޑަޔާނާ އާއި ޕްރިންސް ޗާލްސްގެ ހަގު ދަރިކަލުންނެވެ. ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމް 2011 ގައި ކޭޓް މިޑްލްޓަންއާ ކައިވެނި ބައްލަވައިގެންފައިވާ އިރު، ތިން ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. އެއީ ދެ ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅެކެވެ.