ދިވެހިރާއްޖެއަށް ލިބޭ އާމްދަނީ ޤައުމުގައި ހިފެހެއްޓޭނެ ގޮތެއް ހެދުމަކީ މުހިންމު ކަމެއްކަމަށް ނައިބު ރައީސް ފައިޞަލް ނަސީމު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ވަޒީފާއާބެހޭ ޓްރަބިއުނަލްގެ 10 ވަނަ އަހަރީ ހަފުލާގައި ދެެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖޭގެ ވަޒީފާގެ މައިދާނުގައި ބިދޭސީންގެ އަދަދު ގިނަކަން ފާހަގަ ކުރައްވައި، ބައެއް ސިނާއަތްތަކުގައި ބޮޑެތި މުސާރަދޭ މަތީ މަޤާމުތަކުގައި ބިދޭސީން މަސައްކަތްކުރާތަން ފެންނަކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަ ކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޤައުމު ތަރައްޤީވެގެން ދާނީ އަދި ރައްޔަތުން ކުރިޔަށް ދެވޭނީ ތަފާތު އެކި ޤައުމުތަކުގެ، އެކި ކަހަލަ ތަޖުރިބާ ހުރި މީހުންނާއި އެކުވެސް މަސައްކަތްކުރެވިގެންކަން ގަބޫލު ކުރަންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންނަމަވެސް، ދިވެހިރާއްޖެއަކީ މިއަދު ހުނަރުވެރި ޒުވާން އާބާދީއެއް އޮތް ޤައުމެއް ކަމުގައި ވިދާޅުވެ، ވަޒީފާތައް ދިނުމުގައި ދިވެހިންނަށް އިސްކަން ދިނުމަށް، ރާއްޖޭގައި ވަޒީފާދޭ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިލްތިމާސް ކުރެއްވިއެވެ.
ދިވެހިރާއްޖެ ކުރިއަރައި ދިއުމާއި، އިޤްތިޞާދު ވަރުގަދަ ކުރުމަށްޓަކައިވެސް ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ދިވެހިން ހަރަކާތްތެރިވާ މިންވަރު އިތުރުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަ ކުރެއްވިއެވެ. އަދި، ސަރުކާރުން އިތުރު އަހައްމިޔަތުކަމެއް ދީގެން ވަޒީފާތަކަށް ދިވެހި ޒުވާނުން ހޭނުމަށްޓަކައި ދޭންޖެހޭ އެކިއެކި ތަމްރީނުތައް ދީ، ދިވެހި ޒުވާނުންނަށް ވަޒީފާގެ ބާޒާރުގައި އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އާންމު ދިރިއުޅުމުގައާއި، ޚާއްޞަކޮށް ވަޒީފާގެ މާހައުލުގައި، އެކަކުގެ ޙައްޤު އޮންނަކަން ގަބޫލުކުރާ ހިނދު އަނެކާގެ ޙައްޤުގެ މަތިންވެސް ހަނދާންކުރުމަށް، ދިވެހިރާއްޖޭގެ ވަޒީފާ ދޭ އެންމެހައި ފަރާތްތަކަށާއި ވަޒީފާ އަދާކުރާ އެންމެހައި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވަނީ މިޙަފްލާގައި އިލްތިމާސް ކުރައްވާފައެވެ.