English Edition
Dhivehi Edition

ލިޔުނީ: ހިޒްޔަމް ހާމިދު

ދިވެހި ޒުވާނުންނާއި ސްކޫލް ދަރިވަރުންގެ މެދުގައި ފުޓްބޯޅައިގެ ފޯރީ ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެގޮތުން އެކިއެކި މުބާރާތްތަކުގައި ބައިވެރިވެ، ސްކޫލް ދަރިވަރުންވެސް ދަނީ އެދަރިވަރުންގެ ހުނަރުތައް ދައްކަމުންނެވެ.

ނިމިގެންދިޔަ މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި، އައްޑޫ މީދޫ، ރޫބީ، އަށް އުފަން ހަސަން ސަހާފްއަކީވެސް މިފަދަ ކުޅުންތެރިއެކެވެ. ހުނަރުވެރިކަމާއިއެކު ކުޅިވަރުގެ މައިދާނުގައި އިސްނެގުންވެސް ފެނިގެންދާ ކުޅުންތެރިއެކެވެ. ސ.އަތޮޅު ސްކޫލްގެ 16 އަހަރުން ދަށުގެ ޓީމަށް ކުޅުނު ޙަސަން ސަހާފް ވަނީ އެ އުމުރުފުރައިގެ އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައި ހިމެނިފައެވެ.

ސަހާފް ފުޓްބޯޅަ ކުޅެން އެންމެ ފުރަތަމަ ފެށީ ޔޫ.ކޭ.ޖީގައި ކިޔެވި ދުވަސްވަރުގައެވެ. “އަޅުގަނޑު އެންމެ ފުރަތަމަ ކުޅެން ފެށީ ޔޫކޭޖީގައި އުޅުނު ދުވަސްވަރު. އެއީ ބޮޑަށް އެކުވެރިންންނާއެކު ކުޅެންވެގެން” އޭއޯ ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ސަހާފް ބުންޏެވެ.

ސަހާފް ބުނިގޮތުގައި ފުޓްބޯޅަ ކުޅެން ފެށިއްސުރެ އެންމެ ބޮޑު ހިތްވަރެއް ދިން މީހަކީ ކޯޗް އަބްދުﷲ ސަޢީދު (ސައިއްޓޭ) އެވެ. “އަޅުގަނޑަށް އަބަދުވެސް ހިތްވަރުދިން މީހަކީ ސައިއްޓޭ ކޯޗް. އެކަމަށް އަޅުގަނޑު އުފާކޮށް ޝުކުރުދަންނަވަން” ސަހާފް ބުންޏެވެ.

މިއަދާ ހަމައަށް ސަހާފްވަނީ 4 ޓީމަށް ކުޅެފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކުރެވުނު ކާމިޔާބީއެއް ލިބިފައިވަނީ 13 އަހަރުންދަށުގެ އިންޓަރ ސްކޫލް ފުޓްބޯޅައިގެ ޗެމްޕިއަންކަން ކަމަށް އޭނަ ފާހަގަކުރިއެވެ.

“އަޅުގަނޑުގެ އުންމީދަކީ ޤައުމީ ފުޓްބޯޅަ ޓީމުގައި ކުޅުމުގެ ފުރުސަތު ލިބުން. ކުރިއަށް މަސައްކަތްކުރަންވީ އެކަން ޙާޞިލުކުރުމަށް” އުންމީދާއެކު ސަހާފް ބުންޏެވެ. ސަހާފް ދެކޭ

ގޮތުގައި ފުޓްބޯޅައިން ކުރިއަށް ދެވޭނީ ހިތްވަރާއެކު ޑިސިޕްލިން ހިފަހައްޓައިގެން ކުޅެގެންނެވެ. ކުޅިވަރުގަވެސް މުހިންމުވާނީ އަބަދުވެސް ޑިސިޕްލިންކަން އޭނަ ފާހަގަކުރިއެވެ.

1 ކޮމެންޓް
ސޯޅަ ބާރަ
މެއި 5, 2019
ސަހާފް ކުޅިވަރާ އެކީ ކިޔެވުމު ގެ ބައި ވަރޮ ގަދަ ކެރުމަށް ނަސޭހަތް ތެެރިވެން!