English Edition
Dhivehi Edition
ބޯޑާ ސެކިއުރިޓީ ވަރުގަދަ ކުރުމަށް އިމިގްރޭޝަނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: އިމިގްރޭޝަން

ރާއްޖެއަށް އެތެރެ ވުމުގައި ވިސާ ހަމަޖެހުނުކަން އިމިގްރޭޝަނުން ނާންގަނީސް ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދެވޭނެ ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހުމަދު (ހަނަފީ) ވިދާޅުވެއްޖެ އެވެ. ހަނަފީ މިހެން ވިދާޅުވެފައިވަނީ އީޔެ ސްރީލަންކަން އެއާލައިންސް އިން ރާއްޖެއަށް އަައި ޖޯޑަންގެ ފަތުރުވެރިއަކަށް ވިސާ ނުދޭން އިމިގްރޭޝަން އިން ނިންމުމުން އޭނާ ރުޅިގަދަވެ، އިންޒާރު ދީފައި ވަނިކޮށެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހުމަދު (ހަނަފީ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ ދަތުރުކުރާ ބޭނުމެއްގެ ގޮތުން، ސްޕެޝަލް ވިސާ އަދި ބިޒުނަސް ވިސާ ނަގަން ޖެހޭ ފަރާތްތަކުން އެދޭ ވިސާ ހަމަޖެހުނުކަން ނާންގަނީސް ބައެއް ފަރާތްތަކުން ދަތުރު ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ، ވިސާ ހަމަޖެހުނުކަން އިމިގްރޭޝަނުން ނާންގަނީސް ރާއްޖެ ދަތުުރު ކުރި ކަމުގައިވީނަމަވެސް، ރާއްޖެ އެތެރެ ވުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ. އަދި އެކަމުގައި އެންމެހާ ފަރާތްތަކުންވެސް އިމިގްރޭޝަނަށް އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރައްވާ ކަަމަށެވެ.

މިއަދު ހިފެހެއްޓި ޖޯޑަންގެ މީހާ ހިފަހައްޓާފައިވަނީ، ވިސާ ދިނުމުގައި ފުރިހަމަވާން ޖެހޭ ބައެއް ކަންކަން އޭނާގެ ކިބައިގައި ފުރިހަމަ ނުވާތީ ކަމަށް އިމިގްރޭޝަންގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. އެއާޕޯޓުގައި ހިފަހައްޓާފައި ހުރި ޖޯޑަންގެ އެ މީހާ މާދަމާ އަނބުރާ ފޮނުވާލަން ނިންމާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.