English Edition
Dhivehi Edition
އައްޑޫސިޓީ ކައުންސިލްގެ ބައެއް މެމްބަރުން - ފޮޓޯ އައްޑޫސިޓީ ކައުންސިލް އިދާރާ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބޭނުމުގައި ވަކި ގާނޫނެއްގެ ދަށުން ކައުންސިލްތައް އުފައްދައިގެން ހިންގަމުން އަންނަތާ 10 ވަރަކަށް އަހަރު ވެއްޖެއެވެ. އެގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކައުންސިލެއް އޮވެފައި އެއިންކޮންމެ ރަށެއް ހިމެނޭ އަތޮޅެއްގައި އަތޮޅު ކައުންސިލެއް އެބައޮވެއެވެ. މީގެއިތުރުން އާބާދީ ބޮޑު 2 އަތޮޅާއި މާލޭގައި ވަނީ ސިޓީ ކައުންސިލްތައް އުފައްދާފައެވެ. މިދެންނެވި ކައުންސިލްތައް އުފައްދާފައިއޮތީ ކިތަންމެ މާތް މަގުޞަދެއްގައި ނަމަވެސް މިއަދާއި ހަމައަށް އައިއިރު އެކައުންސިލްތަކުން އެކަށީގެންވާގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްނުދެވޭކަމުގެ ޝަކުވާ އަބަދުވެސް އަޑުއިވެއެވެ. މިހެންކަންތައްތައް މެދުވެރިވާންޖެހޭ ސަބަބުތައްވެސް މަދެއްނޫނެވެ. އެގޮތުން ބަލާނަމަ ކައުންސިލްތައް އުފެދުމަށްފަހު މިއަދާއި ހިސާބަށް ވެރިކަމަށް އައި އެކިއެކި ސަރުކާރުތަކުން ކައުންސިލްތަކަށް ބާރުތަކާއި ބަޖެޓުދިނުމަށް ފަސްޖެހި ބައެއް ބާރުތައްދީ އަނެއްބައި ބާރުތައް ނަގަމުން ގެންގޮސްފައިވެއެވެ. އަދި މިސަރުކާރު ވެރިކަމަށްއައިއިރު ބައެއް ކައުންސިލްތަކުގެ ޒިންމާއަކީ ހަމައެކަނި ވިހައި މަރުވާ މީހުންގެ ލިޔެކިޔުންތައް ބެލެހެއްޓުމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މިސަރުކާރު ވެރިކަމަށް އައުމަށްފަހުގައި ލާމަރުކަޒީ ގާނޫނުގައިވާ އެންމެހައި ބާރުތައް އަލުން އަނބުރައި ކައުންސިލްތަކާއި ވަނީ ޙަވާލުކޮށްފައެވެ. މީގެއިތުރުން ކައުންސިލްތަކަށް އިތުރު މަސްއޫލިއްޔަތައީ މާލީ ތަނަވަސްކަން ދިނުމުގެގޮތުން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިޔަށް އެބަދެއެވެ. އެހެންކަމުން މުސްތަގުބަލުގައި ކައުންސިލްތައް ވެގެންދާނީ ބޮޑެތި ޒިންމާތަކެއް ޙަވާލުކުރެވި އެޒިންމާތައް އަދާކުރެވޭވަރުގެ މާލީ ތަނަވަސްކަންހުރި މުއައްސަސާތަކަށެވެ. ވުމާއެކު ކައުންސިލްތައް ވާންވާނީ ހަވާލުކުރެވޭ ޒިންމާތައް އަދާކުރެވޭވަރުގެ ޒިންމާދާރު ބަޔަކަށެވެ.

މިވަގުތުވެސް ކައުންސިލްތަކަކީ އެރަށެއްގައި އާއްމު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ޒިންމާ ޙަވާލުކުރެވިފައިވާ ފަރާތެވެ. އެހެންނަމަވެސް އެކައުންސިލްތަކައް ލިބިފައިއޮތް ބަޖެޓުން އެރަށެއްގެ އާއްމު ޚިދުމަތްތައް އެންމެ އެދެވޭގޮތެއްގައި ފޯރުކޮށްދެވެނީ ކިތައް ކައުންސިލަށްތޯ ވިސްނާލަންއެބަޖެހެއެވެ. ނަމަވެސް ކައުންސިލްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއިމެދު ސުވާލުއުފެދިފައިވާ މިފަދަ ދަނޑިވަޅެއްގައި ބައެއް ކައުންސިލްތަކުން ނިންމާ ނިންމުންތަކަކީ ޒިންމާދާރު ނިންމުންތަކެއްކަމާއިމެދު ސުވާލުއުފެދެއެވެ.

މިފަހަކަށްއައިސް ކޮންމެ ރަމަޟާންމަހަކާއި ދިމާކޮށް ބައެއް ކައުންސިލްތަކުން އެރަށެއްގެ ގެތަކުގެ ކަރަންޓުބިލު ދައްކައި ދިނުމާއި ފައިސާގެ އެހީދިނުމާއި ކާބޯތަކެތި ދިނުންފަދަ ކަންކަން ކުރަމުން އެބަގެންދެއެވެ. އަދި ބައެއް ކައުންސިލްތަކުން އެފަދަ ނިންމުންތައް ނިންމުމުގެ ސަބަބުން އެހެން ރަށްރަށުގެ ރައްޔިތުންވެސް އެރަށްރަށުގެ ކައުންސިލްތަކުން އެކަންކަމަށް އެދެމުން އެބަދެއެވެ. އަޅުގަނޑުގެ ނަޒަރުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީވުމަކީ އެއްވެސްހާލެއްގައި މައްސަލައެއް ނޫނެވެ. ނަމަވެސް ކައުންސިލްތަކުން އެފަދަ ކަމެއް ކުރަންވާނީ އެކައުންސިލްތަކާއި ހަވާލުކުރެވިފައިވާ ޒިންމާ އެންމެފުރިހަމައަށް އަދާކުރުމަށްފަހުއެވެ. އަދި ބަޖެޓުންކުރާ އެފަދަ ޚަރަދެއްނަމަ އެއީ އާއްމު މަންފާއަށް ކުރެވޭކަމަކަށް ވާންވާނެއެވެ. އެހެންނަމަވެސް ކަރަންޓުބިލު ދައްކައިދިނުމާއި ކާބޯތަކެތި ފޯރުކޮށްދިނުންފަދަ ކަންކަމަކީ އާއްމު މަންފާއަށް ކުރެވޭ ކަންކަންކަމަށް ބެލެވޭކަށް ނެތެވެ. ސަބަބަކީ އާއްމު މަންފާއަކަށް ކުރެވޭ ކަމަކުން އެރަށެއްގެ ރައްޔިތުންނަށް ދިގުމުއްދަތަކަށް އެކަމަކުން މަންފާލިބެމުން ދާންޖެހޭތީއެވެ.

އަޅުގަނޑުގެ ނަޒަރުގައި ކައުންސިލްތަކުން އެރަށެއްގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާނަމަ މިއަށްވުރެ ޒިންމާދާރުކޮށް އެކަންކުރެވެން އެބަޖެހެއެވެ. މިފަދަ އެހީތައް ދިނުމުގައި ތަނަވަސް މީހުންނާއި ނިކަމެތީން ހަމަހަމަ ކުރެވިގެންނުވާނެއެވެ. އެހެންކަމުން ކައުންސިލްތަކުން އެރަށެއްގައި އުޅޭ ނިކަމެތި އާއިލާތައް ބަލައި އެއާއިލާތަކައް ގަވާއިދުން އެހީތެރިކަން ލިބޭނެ ގޮތްތަކެއް ހަމަޖައްސައިދޭން އެބަޖެހެއެވެ. މީގެއިތުރުން މުޅިރަށުގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ބަދަލުގައި ބޭނުންޖެހިފައިވާ މީހުންނަށް އެކަނި އެތަކެތި ދިނުމަށްފަހު ބާކީވާ ފައިސާ ރަށުގެ ތަރައްގީއަށް ނުވަތަ އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ޚަރަދުކުރުން މާރަނގަޅެވެ. އެޚަރަދެއްކުރަނީ ބަޖެޓުގެ ތެރެއިން ކަމުގައިވިޔަސް ނުވަތަ ކައުންސިލަށް ލިބޭ އެހީއަކުން ނަމަވެސް އޭގެ ބޭނުންކުރެވެންވާނީ އެރަށެއްގެ ކުރިއެރުމާއި ތަރައްގީއަށެވެ. ނޫންނަމަ ކައުންސިލްތަކައް ލިބޭ ފައިސާއިން ރަށުގެ ގެތަކުގެ ބިލުތައްދައްކައި އެގެތަކަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމަށްފަހު ރަށުގެ ތަރައްގީއަށް ކުރެވޭނެ މާބޮޑުކަމެއް އޮންނާނެކަމަށް ނުބެލެއެވެ. އަދި ރަށްރަށުގެ ކުރިއެރުމާއި ތަރައްގީއަށް ކައުންސިލްތަކުން އެކަށީގެންވާ މަސައްކަތް ނުކުރެވޭނަމަ ހަމައެކަނި މިދެންނެވި ކަންކަންކުރުމަށް ކޮންމެ ރަށެއްގައި ކައުންސިލެއް އޮތުމުގެ ބޭނުމެއްވެސް ނެތެވެ.

އެހެންކަމުން ކުރިޔަށްއޮތްތަނުގައި ކައުންސިލްތަކާއި މަތިކުރެވޭ އިތުރު ޒިންމާތަކާއި މާލީ ތަނަވަސްކަމާއިއެކު ކައުންސިލުތަކުގެ ހިންގުން މިއަށްވުރެ ފުރިހަމަވާނެކަމަށް އުއްމީދުކުރަމެވެ. އަދި މިއާއި އެކުއެކީގައި ކައުންސިލްތަކުގެ ހިންގުމުގެ ފެންވަރު ވަޒަންކުރެވޭނެ ނިޒާމެއްވެސް އަންނާނެކަމަށް ގަބޫލުކުރަމެވެ. މިދެންނެވި އުސޫލުން ކައުންސިލުތަކުގެ ހިންގުން ހަރުދަނާކުރެވިއްޖެނަމަ ރާއްޖޭގެ ރަށްތައް އަވަސްމިނެއްގައި ތަރައްގީވެގެންދާނެކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ.