English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި ކާޖަލް،އަކްޝޭކުމާރު ދެކެ ކުރިން ވަރަށް ލޯބި ވިކަމަށާއި އަކްޝޭ އަކީ ކާޖަލްގެ ބޮޑު ކްރަޝް އެއް ކަމަށް މަޝްހޫރު ޕްރޮޑިއުސަރ ކަރަން ޖޯހަރ ބުނެފިއެވެ.

މަޝްރޫރު ޝޯވް އެއްކަމަށްވާ “ދަ ކަޕިލް ޝަރމާ ޝޯވް” ގައި ކަރަން ބުނެފައިވަނީ ކާޖަލް އާއި އޭނައާއި ގާތް ރަހުމަތް ތެރި ކަމުގެ ގުޅުން ބޮޑަށް އުފެދުނީ ކާޖަލް ގެ އެދުމުގެ މަތިން އޭނައަށް ޕާޓީއެއްގެ ތެރެއިން އަކްޝޭ ފެނޭތޯ ހުރިހައި ތަނެއް ބަލައިދިނުމަށް އެހީވުމަށް ފަހުގައި ކަމަށެވެ. އެހެން ނަމަވެސް ދެމީހުން އެޕާޓީ ނިމެންދެން އަކްޝޭ ފެނޭތޯ އިންތިޒާރު ކުރިނަމަވެސް އޭނާ އެ ޕާޓީއިން ފެނިފައި ނުވާ ކަމަށްވެސް ކަރަން ބުންޏެވެ.

މި ޝޯވް ގައި އެންމެ ފުރަތަމަ ކާޖަލް އާއި ކަރަން އާއި ގާތް ދެރަހުމަތްތެރިންނަށްވީ ކިހިނެއްތޯ ކާޖަލް އާއި ސުވާލުކުރުމުން އޭނާ ބުނީ، ކަރަން އާއި އެންމެ ފުރަތަމަ ދިމާވި އިރު ކަރަން އަޅައިގެން ހުރި ހެދުންފެނިގެން ކާޖަލް އޭނައަށް ވަރަށް މަލާމާތް ކުރި ކަމަށެވެ. ” ކަރަން ޕާޓީ އަށް އައިއިރު އަޅައިގެން ހުރީ “ތްރީޕީސް ސުއިޓް” އެއް އަހަރެންގެ ހިތައެރި ކޮން ފިރިހެނެއް ބާއޭ އެކަހަލަ އެއްޗެއް ލައިގެން ޕާޓީއަށް އަންނާނީ، އަހަރެން އެދުވަހު ކަރަން ފެނިފައި ހަމަ ހެވުނީ” ކާޖަލް ބުންޏެވެ.

ކާޖަލް އާއި އަކްޝޭވަނީ “ޔޭދިލްލަގީ” ކިޔާ ފިލްމެއްގައި އެއްކޮށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އަކްޝޭ އެންމެ ފުރަތަމަ ލޯބީގެ ގޮތުން ކުރިން ގުޅިފައި ވަނީ ބޮލީވުޑްގެ މަޝްހޫރު ތަރި ރަވީނާ ޓަންޑަން އާއެވެ. މިގުޅުން މާގިނަދުވަހަކަށް ދެމިގެން ގޮސްފައި ނުވެއެވެ. އޭގެފަހުން އަކްޝޭ ގުޅުނީ ޝިލްޕާ ޝެޓީ އާއެވެ. އެެއަށް ފަހު އަކްޝޭ ކައިވެނި ކުރީ ބޮލީވުޑްގެ ތަރި ޓްވިންކަލް ކަންނާ އާއެވެ.

މިހާރު އުމުރުން 44 އަހަރު ވެފައިވާ ކާޖަލް ކައިވެނި ކުރީ ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭދޭވްގަން އާއެވެ. 1994 ވަނަ އަހަރު އަޖޭއާއި ކާޖަލް ލޯބީގެ ގޮތުން ގުޅުނީ މިދެތަރިން އެކުގައި ކުޅުނު ފިލްމް “ގުންޑްރާޖް” ގައި މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު އެވެ. މިދެތަރިން ކައިވެނި ކޮށްފައިވަނީ 1999 ވަނަ އަހަރު އެވެ.

ކަރަން ޖޯހަރް އާއިކާޖަލް އަކީ ޒަމާން ވީ ދެރަހުމަތް ތެރިންނެވެ. އެހެން ނަމަވެސް ދާދި ފަހުން ކާޖަލްގެ ފިރިމީހާ އަޖޭއާއި ކަރަން އާއި ޖެހުނު މައްސަލަ އެއްގައި މިދެމީހުން ވާހަކަ ނުދައްކާ އަހަރުތަކެއް ވަންދެން އުޅުނެވެ. ނަމަވެސް މިހާރު މި ގުޅުން ވަނީ އަލުން ރަނގަޅުވެ ބަދަހިވެފައެވެ.

ކާޖަލްގެ ފިލްމީ ހަޔާތުގައި މިހާތަނަށް 5 ބެސްޓް އެކްޓްރެސް ގެ އެވޯޑް ލިބިފައި ވެއެވެ. އަދި 2011 ވަނަ އަހަރު ކާޖަލް އަށްވަނީ “ފޯތް ހަޔެސްޓް އިންޑިއަން ސިވިލިއަން” އެވޯޑް ލިބިފައެވެ.