English Edition
Dhivehi Edition

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސްކަމަށް, އިތުރު ވޯޓަކާ ނުލައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އިންތިހާބުވެއްޖެއެވެ.

މިހާރު ކުރިއަށް ދާ ޕީއެންސީގެ ކޮންގްރެސްގައި ޕީއެންސީގެ ރައީސަކަށް އަދުރޭ އިންތިޚާބުވެފައިވަނީ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ޕީއެންސީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލާފައިވާ ހަމައެކަނި ބޭފުޅަކީ އަބްދުއްރަހީމް ކަމަށް ވުމުންނެވެ. މިހާތަނަށް އެ ޕާޓީގެ ވަގުތީ ރައީސް ކަމުގައި ހުންނެވީވެސް އަދުރޭއެވެ.

ޕީއެންސީގެ ރައީސްކަމުގެ އިތުރުން ނައިބު ރައީސުންނާއި އެ ޕާޓީގެ ކައުންސިލަށް 20 ބޭފުޅުން އިންތިހާބުކުރުމަށް ހަމަޖެހިފައިވެއެވެ.

ޕީއެންސީގެ ނައިބު ރައީސްކަމަށް ފަސް ބޭފުޅަކު ވަނީ ކުރިމަތިލައްވައިފައެވެ. އެއީ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކާއި އެ ޕާޓީގެ ވަގުތީ ނައިބު ރައީސް މުހައްމަދު ސައީދާއި ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު އާއި ލަންކާގެ ކުރީގެ އެމްބެސަޑަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަދި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލެވެ.

އެ ޕާޓީގެ ކައުންސިލަށް 31 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފައެވެ.

މިއަދު ބާއްވަނީ ޕީއެންސީ ރަޖިސްޓްރީ ކުރި ފަހުން ބާއްވާ ފުރަތަމަ ކޮންގްރެސް އެވެ. މިއަދުގެ ޖަލްސާގައި 137 މަންދޫބުން ބައިވެރިވާ އިރު، އެ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހުތަކާ އެކު ވަނީ ފާސްކޮށްފަ އެވެ.

ޕީއެންސީގެ ކޮންގްރެސް ނިންމުމަށް މިރޭ ބާއްވާ ޖަލްސާގައި ޕީޕީއެމްގެ ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޕީއެންސީ އިން ވަނީ ބުނެފައެވެ. މިއީ ފާއިތުވި ދެތިން މަހެއްހާ ދުވަސް ތެރޭގައި ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ފުރަތަމަ ޖަލްސާ އެވެ.