އައްޑޫގެ އަޑިގުޑަން މަގުތަކުގައި ރައްޔިތުން ދުއްވަމުން ދިޔައީ އެހެން ގޮތެއްނެތް ކަމަށް ދެކިގެންނެވެ. އެހެންނަމަވެސް އައްޑޫ ރައްޔިތުންނަށްވެސް ގޮތް އެބައޮތްކަމުގެ އުންމީދު ލިއްބައިދިނީ 2011 ވަނަ އަހަރު ރާއްޖޭގައިއޮތް ރައީސް ނަޝީދުގެ ސަރުކާރުން އައްޑޫގެ މަގުތައް ހަދަން ފެށުމުންނެވެ.
އެއަހަރު އައްޑޫގެ މަގުތައް ހަދަން ފެށުމުން އައްޑޫގެ ރައްޔިތުން ތިބީ އުފަލުން ފޮޅިފައެވެ. ރައްޔިތުން ދެކެމުން ދިޔަ ހުވަފެނެއް ހަގީގަތަކަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަން ފެށުމުންނެވެ. އެހެންނަމަވެސް ހުރިހާ މަގުތަކެއް ހަދައި ނުނިމެނީސް އޭރުގެ ސަރުކާރު ބަދަލު ވެއްޖެއެވެ.
ސަރުކާރު ބަދަލުވިއިރު ހިތަދޫގައި، ކޮންވެންޝަން ސެންޓަރު ހުންނަ ސަރަހައްދުގެ މަގުތަކާއި، އިތުރު ބައެއް މަގުތައް އޭރުވަނީ ނިމިފައެވެ. އަދި މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ މަގުތަކާއި ހުޅުމީދޫގެވެސް ބައެއް މަގުތައްވަނީ ހެދިފައެވެ. ޖުމްލަ ފަސްކިލޯ މީޓަރުގެ މަގު އޭރު ހަދައިފައިވެއެވެ. އެހިސާބުން އެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓުމަކަށް އައުމުން ރައްޔިތުންނަށް ނުހަނު ބޮޑު މާޔޫސްކަމެއް ލިބުނެވެ.
މަގުތައް ހެދުމުން ލިބޭ ފަސޭކަން އައްޑޫ ރައްޔިތުން ފިސާރި ރަނގަޅަށް މިހާރު ދަނެއެވެ. އެހެންވެ ބާކީ މަގުތައް ސަރުކާރުން ހައްދަވައި ދެއްވާނެ ދުވަހެއްގެ އިންތިޒާރުގައި އައްޑޫ ރައްޔިތުން ތިބޭތާ ލައްކަ ދުވަސްވެއްޖެއެވެ.
އަންނަ އަހަރު އައްޑޫގެ ބައެއް މަގުތައް ހަދަން ސަރުކާރުން ނިންމާފައިވާ ކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް (އެމްއާރުޑީސީ) އިން ވިދާޅުވުމުން އަނެއްކާވެސް ފަނޑު އުންމީދެއް ވަނީ ލިބިފައެވެ. މަގުތައް ހެދުމުގެ މަޝްރޫއު ހަވާލުކުރާނެ ބަޔަކު ހޯދަން މި ޑިސެންބަރ މަހުގައި އިއުލާން ކުރާނެ ކަމަށް ވެސް އެމްއާރުޑީސީން ވަނީ ބުނެފައެވެ.
އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ހިތަދޫގައި 14 ކިލޯ މީޓަރު (19 މަގު) ހެދުމަށްވަނީ ނިންމައިފައެވެ. މަގުތައް ހަދާއިރު ބޮޑަށް އިސްކަން ދޭނީ ސްކޫލްތަކާ ކައިރީގައި ހުންނަ މަގުތައް ހެދުމަށް ކަމަށް އެމްއާރުޑީސީން މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.
މުޅި އައްޑޫގައި 25 ކިލޯ މީޓަރު މަގު މިއަހަރު ހެދުމަށް ވަނީ ނިންމާފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭގެ ތެރެއިން ހިތަދޫގައި ހަދާނީ 14 ކިލޯ މީޓަރު މަގެވެ. ބާކީ 11 ކިލޯ މީޓަރުގެ ތެރެއިން ބޮޑުބައެއް ހެދުމަށް ހަމަޖެހިފައިވަނީ ހުޅުމީދޫގައެވެ.
ހިތަދޫގައި ހެދުމަށް ހަމަޖެހިފައިވާ މަގުތަކަކީ ކުރީގެ ސްޓެލްކޯ މަގު، ފަޒާ މަގު، ބުރިކެޑެ މަގު، އައްޑޫ ހައި ސްކޫލު ހުންނަ މަގެވެ. މަރަދޫން ހެދުމަށް ހަމަޖެހިފައިވަނީ، އިރުޝާދީއްޔާ ސްކޫލު ހުންނަ މަގު، ހެލްތު ސެންޓަރ ހުންނަ މަގު، މަރަދޫ އޮފީސް ހުންނަ މަގެވެ. މަރަދޫ ފޭދޫ އިން ހެދުމަށް ހަމަޖެހިފައިވަނީ ބެންކު ގޯޅިއާއި، އެތެރެ މަގެވެ. ފޭދޫ އިންވެސް މަގު ހެދުމަށް ހަމަޖެހިފައިވެއެވެ. ހުޅުމީދޫން ހެދުމަށް ހަމަޖެހިފައިވަނީ އެ ދެރަށުގެ ބޮޑުމަގެވެ. މި މަގުތަކުގެ އިތުރަށް ވެސް މަގުތަކެއް ހެދިގެން ދާނެ ކަމަށް އެމްއާރުޑީސީ އިން މަޢުލޫމާތު ދެއްވިއެވެ.
ކުރިން މަގުތައް ހަދައި އެކަމުގެ ފަސޭހަކަން އައްޑޫގެ ރައްޔިތުންނަށްވަނީ ލިބިފައެވެ. އޭގެ ފައިދާގެ ތެރޭގައި ދުއްވާ އުޅަނދުފަހަރަށް ލިބޭ ގެއްލުން ކުޑަވުމާއި، އުނަގަނޑުގެ ރިހުމަކަށްނުވެ ދުއްވުން ހިމެނެއެވެ. އެހެންނަމަވެސް ނުހަދައިހުރި މަގުތަކުގައި ދުއްވުމުން ކަންކަން ދިމާވަނީ މީގެ އިދިކޮޅަށެވެ. މަދު މަގެއް ހަދައިފައި ގިނަމަގުތައް ނުހަދައި ހުރުމުން ހަދައިފައިވާ މަގުތަކަށް ވެލި އަރައި އެކްސިޑެންޓްވެފައިވެސް އެބަހުއްޓެވެ. ނުހައިދައި ހުރި މަގުތަކަށްވުރެ ހަދައިފައިވާ މަގުތައް އުސްވުމުން އެމަގުތަކުން އޮހިގެންދާ ފެން ވެލިމަގުތަކަށްއެޅި ފެންބޮޑުވެއެވެ. ނަތީޖާއަކީ ހިނގަން ދަތިވުމާއި ދުއްވަން އުނދަގޫވުމެވެ.
އައްޑޫ ސިޓީގައި ވަކިން އޮންނަ ހުޅުމީދޫގެ މަގުތަކުގެ ހާލަތު، ގުޅިފައިވާ ރަށްރަށުގެ މަގުތަކަށްވުރެ ދެރައެވެ. ހުޅުމީދޫގައިވެސް ގިނައަދަދަކަށް އެއްޗެހި ދުއްވައެވެ. އާބާދީގައި 7000 މީހުން އުޅޭ އެދެރަށުގެ މަގުތަކަކީވެސް ތާރުއަޅައިގެން ހަދަންޖެހޭ މަގުތަކެވެ. މަގުހެދުމުގެ މަޝްރޫއުތައް އިއުލާން ކުރެއްވުމަކުން ފުއްދައެއް ނުލެވޭނެއެވެ. އެއިން ފައިދާއެއް ކުރާނީ އަމަލީ މަސައްކަތް ކޮށްގެންނެވެ. ވީހާވެސް އަވަހަކަށެވެ.
އާބާދީއާއި ފަސްގަނޑުގެ ގޮތުން ބެއްޔަސް އައްޑޫ އަކީ ބޮޑު އަތޮޅެކެވެ. ނުވަތަ ސިޓީއެކެވެ. އާބާދީގައި ތެއްތިރީސް ހާސް މީހުން އުޅޭ އައްޑޫގައި 6000 އަށް ވުރެ ގިނަ އުޅަނދު އެއްގަމުގައި ދުއްވައެވެ. އަޑިގުޑަން މަގުތަކުގައި އެ އުޅަނދުފަހަރު ދުއްވުމަކީ ހަލާކުވެ އޭގެ މަރާމާތަށް މަހެއްގެ މައްޗަށް ހާހުން ޚަރަދު ކުރަންޖެހޭ ކަމެކެވެ.
އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރު އަބްދުﷲ ތައްޔިބު ވިދާޅުވީ ކުރިން ފެށިގެން ގެނެސްފައިވާ ތާރު މެޝިނާއި، ހިލައާއި، ހިލަވެލި މިހާރުވެސް އައްޑޫގައި އެބަހުއްޓެވެ. އެހެނަމަވެސް މަގުތައް ހެދުން ހައްތާވެސްދަނީ ފަސްވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫ ގަމަށް އިންޓަރނޭޝަނަލް ފުލައިޓް ޖައްސަން ފަށައިފިއެވެ. އިރާދަކުރެއްވިއްޔާ އެކަން ފުޅާވެ ފަތުރުވެރިން އަންނަން ފަށައިފާނެއެވެ. އެހިސާބަށް އަންނަންވާއިރަށް ލަސްނުކޮށް އައްޑޫގެ މަގުތައް ހަދަންއަވަސްވާންޖެހެއެވެ. އެއީ އެއާޕޯޓަކީ އައްޑޫގެ ތަރައްގީގެ ދޮރާއްޓެވެ. އެތަނުން ވަދެގެން އަންނަ މީހުން އަޑިގުޑަން މަގުތަކެއްގައި ދުއްވަން ބޭނުންވާނެ ކަމަށް ހީކުރުމަކީ ޒަމާނީ ސިކުނޑިތައް ގަބޫލުކުރާނެ ކަމެއްނޫނެވެ. އެހެންކަމުން އެއާޕޯޓުގެ ބައިނަލް އަގުވާމީދަތުރު ތަކާއެކު މަގުތައްވެސް ލަސްނުކޮށް ފެށޭނެ ކަމަށް އައްޑޫގެ ރައްޔިތުން އަނެއްކާވެސް އިންތިޒާރެއްގައި އެބަތިއްބެވެ.