އަމިއްލަ ދަރިފުޅަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެއެވެ. ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް ފަރުވާ ކުރެވިއްޖެ ކަމަށްވާނަމަ ރަނގަޅުވާނެ ކަމަށް ޑޮކްޓަރުންވަނީ ލަފާ ދެއްވާފައެވެ.
މިދައްކަނީ އައްޑޫ ފަސްގަނޑަށް އުފަން ހަތް އަހަރުގެ ކުއްޖެއްގެ ވާހަކައެވެ. ހުޅުދުއަށް އުފަން، ފަޒުލީނާއާއި، އަހުމަދު ނާފިއުގެ ދަރިފުޅު އިބްރާހީމް ޚަލަފު ނާފިއުގެ ވާހަކައެވެ. އެ ކުއްޖާގެ ވާހަކަ މީގެ ކުރިންވެސް އައްޑޫއޮންލައިނުންވަނީ ގެނެސްދީފައެވެ.
އޭނާއާމެދު ޑޮކްޓަރުންގެ އުންމީދު އޮތް ވާހަކައެވެ. ފަރުވާ ކޮށްގެން އަމިއްލައަށް އުޅެވިދާނެ ކަމުގެ ވާހަކައެވެ. އެފަރުވާއަށް ބޭނުންވާ ފައިސާ ނުލިބޭ ވާހަކައެވެ. އެހެންކަމުން އެކުއްޖާއަށް އެހީތެރިކަމުގެ އަތްތަކެއް ބޭނުންވާ ކަމުގެ ވާހަކައެވެ.
މިފަހަރު މިވާހަކަ މިގެނެސްދެނީ އެ ދަރިފުޅަށް ކުރިން އެހީތެރިވެ ދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރުމާއެކުގައެވެ. އެކަމަށް އެ އާއިލާއިންވެސް ނުހަނު ބޮޑަށް ޝުކުރު އަދާކުރިއެވެ.
ޚަލަފަށް އެހީ ދެއްވި ބޭފުޅުންގެ ދީލަތި އެހީއާ އެކުވެސް އެ ދަރިފުޅުގެ ކަންކަން މުޅިން ހަމަޖެއްސޭ ވަރެއް ނުވިއެވެ. ހަތް އަހަރުގެ ޚަލަފަށް ބޭނުންވަނީ ދިމާވެފައިވާ ސިއްހީ މައްސަލަތަކުން ސަލާމަތްވަންދެން ދީލަތި އަތްތަކެއް އަބަދުވެސް އޭނާގެ ބޯމަތީގައިވުމަށެވެ.
ރާއްޖޭގައި މަހުޖަނުން އެބަތިއްބެވިއެވެ. މުއްސަނދިން މަދެއް ނޫނެވެ. ތަނަވަސްކަމުގެ އަހުލުވެރިންގެ އަދަދުވެސް މަދެއްނޫނެވެ. އެހެންވީމާ ޚަލަށް އެހީތެރިވުމަށް އެފަރާތްކުން އިސްނެންގެވުން ކީއްތޯއެވެ؟
ޚަލަފަކީ އެންމެ ކުޑައިރުން ފެށިގެން ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. އެކަން ކަށަވަރުވި ހިސާބުން ފެށިގެން މައިންބަފައިން އޭނާއަށް ފަރުވާދޭން ފެށިއެވެ. މާލެއިންނެވެ. އެފަހުން އިންޑިއާއިންނެވެ. މިހާރު ލަންކާއިންނެވެ.
ދަރިފުޅަށް ފަރުވާ ދިނުމަށް އިންޑިއާގައި ފަޒުލީން ވަނީ ފަސް އަހަރު ހޭދަކޮށްފައެވެ. އެފަހުން ރާއްޖެ އައިސް އަމިއްލަ ރަށް ސ. ހުޅުދޫގައި އެއްމަސް ވަންދެން އުޅުމަށްފަހު ފަޒުލީން މިހާރުވަނީ ދިރިއުޅުން ލަންކާއަށް ބަދަލުކޮށްފައެވެ. ހަމަ އެދަރިފުޅަށްޓަކައެވެ.
ޚަލަފުގެ ކަނދުރާއެއް އަދިވެސް ހަރުނުލައެވެ. ވާހަކައެއް ނުދެއްކެއެވެ. ނުއެއް ހިނގެއެވެ. މިކަންކަން މިހެން ހުއްޓަސް ޑޮކްޓަރުން ގެންދަވަނީ ފަޒުލީނާއަށް ހިތްވަރު ދެއްވަމުންނެވެ. ޚަލަފަށް އެކަނި އުޅެވޭނެ ވަރަށް އޭނާގެ ހާލަތު ރަނގަޅު ކުރެވޭނެ ކަމުގެ އުފާވެރި ޚަބަރު ޑޮކްޓަރުން ދެއްވައެވެ. އެ ޚަބަރުތަކާއެކު ފަޒުލީނާގެ ހިތް އަވަސްވެގަނެއެވެ. ދަރިފުޅަށްޓަކައެވެ. ގިނަދުވަސްތަކެއް ވަންދެން އެ ކުއްޖާއަށް ބޭސްފަރުވާ ކުރެވޭނެ ގޮތެއްވާނެ ނަމައޭ މިއީ އަބަދުވެސް ފަޒުލީންގެ ހިތަށް އަރާ އެއްޗެކެވެ.
ޚަލަފްގެ އާއިލާގައި ތިބީ އޭނާގެ އިތުރަށް ބައްޕައާއި މަންމައާއި އޭނާގެ ބޭބެއެވެ. ބޭބެވެސް މިހާރު ހުރީ ޚަލަފާއެކީ ލަންކާއެވެ. ޚަލަފުގެ ބައްޕައަށް ލިބޭ މުސާރައަކުން ހުރިހާ ކަމެއް ހަމަޖެއްސޭވަރެއް ނުވެއެވެ. ލިބޭހާ ފައިސާއެއް ފޮނުވަނީ ޚަލަފުގެ ކަންތަކާއި އޭނާގެ ބޭބެގެ ކިޔެވުމަށެވެ.
ޚަލަފާ މެދު ޑޮކްޓަރުންގެ އުންމީދު އަދިވެސް އެބައޮތެވެ. މަދުވެރިންގެ ފަރާތުން ލިބުނު އެހީތައް މިހާރު ނުލިބިއެވެ. އެހެންކަމުން ކުޑަކުޑަ ޚަލަފުގެ ބޭސްފަރުވާއާއި އެހެނިގެން ބައެއް ކަންކަން ހަމަޖައްސަން އޭނާއަށް ފައިސާގެ އެހީ ބޭނުންވެއެވެ. އެހެންނޫނީ ބޭނުންވާ ކަންކަން ކުރެވޭނެ ގޮތްތަކެއް ހަމަޖެހެން އެބަޖެހެއެވެ.
“އިންޑިއާގައި ތިބި ދުވަސްވަރު ޑޮކްޓަރު ބުނިގޮތަށް ބަރާބަރަށް ފިޒިއޯތެރަޕީއާއި އެހެނިގެން ފަރުވާ ދެމުން ގެންދިޔައިން. ފިޒިއޯތެރަޕީ ހަދައިގެން ޚަލަފު އަމިލައަށް އުޅެވޭވަރު ވެދާނެ ކަމުގެ ވަރަށްބޮޑު އުންމީދެއް ލަންކާ ޑޮކްޓަރުންވެސް ވަނީ ދީފައި. އެކަމަކުވެސް އެކަންކަން ދާއިމީ ގޮތެއްގައި ކުރެވޭނީ އެކަންކަން ކުރެވޭނެ ފައިސާ ލިބޭނެ މަގުތަކެއް ފަހިވެގެން،” ފަޒުލީން ބުންޏެވެ.
ޚަލަފު ބޮޑުވަމުންދާ ވަރަކަށް އޭނާ ގެންގުޅުމަކީ ފަޒުލީނަށް ފަސޭހަކަމަކަށް ނުވެއެވެ. އެކަމުގެ ހައްލަކީ އެކަށީގެންވާ ގޮނޑިއެއް ލިބުމެވެ. އެކަން އަދިވެސް އެ އާއިލާއަށް ނުފުދެއެވެ. ޚަލަފުގެ ޚަބަރު ލިބިގެން އޭނާއަށް އެހީގެ ގޮތުގައި ލިބުނު މަދު ފައިސާކޮޅުން ފުރުޅޮލީ ގޮނޑިއެއް ގަނެވޭ ވަރެއް ނުވިއެވެ. އެހެންނަމަވެސް ލިބުނު ފައިސާ މަދަސް އެކަމަށް އޭނާގެ މަންމަ އިނީ ޝުކުރުކޮށްގެންނެވެ. އެއިންވެސް ކަންތައްތަކެއް ކުރެވުނީމައެވެ.
“ދަތުރުތަކަށް ފަސޭހަ ގޮނޑިއެއްވެސް ގަންނަން ބޭނުންވޭ. އެކަމަކު އަދިވެސް އެކަންވެސް ނުކުރެވޭ. އައްޑޫ އޮންލައިނުގައި ޚަލަފުގެ ވާހަކަ ޖެހުމުން ވަރަށްގިނަ މީހުން ގުޅި. އެކަމަކު އެހީގެ ގޮތުގައި ލިބިފައިވަނީ ފަނަރަވަރަކަށް ސަތޭކަރުފިޔާ. އެއީވެސް ބޮޑު އެއްޗެއް،” އޭނާގެ މަންމަ ބުންޏެވެ.
ޚަލަފަށް ދާއިމީކޮށް ފިޒިއޯތެރަޕީ ބޭނުންވެއެވެ. ސްޕީޗް ތެރަޕީ ބޭނުން ވެއެވެ. އިންޖެކްޝަން ޖަހަންޖެހެއެވެ. ކައިރި ކައިރީގައެވެ. މިފަދަ އެތައް ކަމެއް ކުރަންޖެހެއެވެ.
މިކަންކަން ޚަލަފަށް ކޮށްދިނުމަށް އެކުއްޖާއަށް އެހީތެރިވާން އެބަޖެހެއެވެ. އެ ކުއްޖާގެ މަންމަގެ އުންމީދުތައް ހާސިލް ކޮށްދިނުމަށެވެ. ޚަލަފަށް ލިބެންއޮތް މުސްތަގުބަލް ސަލާމަތް ކޮށްދިނުމަށްޓަކައެވެ. އޭނާއަށް އެހީދެއްވާށެވެ. ﷲ ގެ ރަހުމަތުން އެކުއްޖާއަށް ޝިފާ ލިބިދިނުމުގެ ވަސީލަތަކަށް އެންމެންވަމާ ހިނގާށެވެ.
7701133732101 މިއީ ޚަލަފުގެ ބައްޕަ އަހުމަދު ނާފިއުގެ ބޭންކު އެކައުންޓު ނަންބަރެވެ. 7852755 މިއޮތީ ޚަލަފުގެ ބައްޕަގެ ފޯން ނަންބަރެވެ. ގުޅުއްވާށެވެ. އެހީދެއްވާށެވެ. ﷲ އަށް ޓަކައެވެ. ﷲއަށްޓަކައި މިކަން ލަސްނުކުރައްވާށެވެ.