English Edition
Dhivehi Edition

ރާއްޖޭގެ ޝަރުއީ ނިޒާމު ފުނޑާލުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތަކީ ރައްޔިތުންގެ ލޯމަތިން ފެންނަން ހުރި ކަންކަން ކަމުގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ މަގާމުން ވަކިވެފައިވާ ފަނޑިޔާރުންނަށް އިނާޔާތް ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާޙު ގެނައުމަށް ހުށަހެޅި ބިލުގެ ފުރަތަމަ ކިޔުން އިއްވައި އިބްތިދާއީ ބަހުސް މަރުހަލާގައެވެ. މި ބިލުގެ ބަހުސް މަރުހަލާގައި ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރުން އެ ބިލާ މެދު ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި އިރު ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމްގެ މެމްބަރުން ބިލަށް ތާއީދުކޮށް ބިލާ އެއްކޮޅަށް ވާހަކަ ދެއްކަވާފައެވެ.

މި ބިލާއި ދެކޮޅަށް އެމްޑީޕީގެ މަޖިލީސް މެމްބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީ އަކީ އިންސާފުވެރިކަމާއި އޯގާތެރިކަމާއި ހިތުގަ ރަހުމެއް އޮންނަ ޕާޓީއެއް ނޫންކަމަށެވެ.އަދި މީއީ އެމްޑީޕީ ދަންނަ ސިފަތަކެއް ނޫންކަމަށް އަބްދުއްރަހީމްވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ބިލަށް ތާއީދު ކުރައްވާ މަޖިލީހުގެ ދަނގެތި ދާއިރާ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވީ ވަކި ބަޔަކަށް އިނާޔަތް ލިބިފައި އަނެއް ބަޔަކަށް އިނާޔަތް ނުލިބޭ ގޮތަށް އޮތުމަކީ މައްސަލައެއް ކަމަށެވެ. މީގެ އިތުރުން އިލްހާމް ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އަތުވެއްޖެ ނަމަ އަބަދުވެސް ފެންނަނީ ފަނޑިޔާރުންނަށް ކޮންމެވެސް ގޯނާއެއް ކުރާ މަންޒަރުކަމަށެވެ.

މި ބިލާއި ދެކޮޅަށް ވާހަކަދައްކަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ފަނޑިޔާރުގޭގެ މައްސަލައަކީ ދިވެހި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އޮތް މައްސަލައެއް ކަމަށާއި މަޖިލީހުގެ ދައުރު ނިމެންވެފައި ވަނިކޮށް އިނާޔަތްތަކާ ބެހުން ގަބޫލު ނުކުރެވޭކަމަށެވެ.