English Edition
Dhivehi Edition

މިދިޔަ އާދިއްތަ ދުވަހު އަވަށްޓެރި ސްރީލަންކާއަށް ދިން ނުރައްކާތެރި ހަމަލާއަކީ އެއީ ލަންކާއަށް ދިން ހަމަލާއެއް ކަމުގައިވިޔަސް، އެއީ މުޅި މި ސަރަޙައްދަށް ކުރިމަތިވި ވަރަށް ބޮޑު ނުރައްކަލެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ ޚާއްސަ ޖަލްސާގައި ރައީސް ވިދާޅުވީ ލަންކާއަށް ދިން ނުރައްކާތެރި ޙަމަލާއާ ގުޅިގެން، ޤައުމީ ދިފާޢީ ބާރާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ އިތުރުން ދިވެހި ފުލުހުން ގުޅިގެން މިހާރުގެ ސަލާމަތީ ޙާލަތު ވަޒަންކޮށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.

ލަންކާއަށް ދިން ހަމަލާއަކީ އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ވަރަށް އަނިޔާވެރި، ދަށު ދަރަޖައިގެ ފިނޑި ޢަމަލެއްކަމަށް ސިފަކުރައްވަމުން ރައީސް ވިދާޅުވީ އެއްވެސް ޙައްޤަކާ ނުލައި، ކުށެއް ނެތް ބަޔަކަށް އެފަދަ ރަޙުމްކުޑަ އަނިޔާއެއް ދިނުމަކީ، ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. މީގެ އިތުރުން ރައީސްވަނީ ލަންކާއަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.