English Edition
Dhivehi Edition

ދިވެހި ފުޓުބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ޕްރޯ ލައިސަންސް ނެގި ކޯޗަކަށް މުހައްމަދު ޝާޒްލީ ވެއްޖެއެވެ.

ބީޖީ ސްޕޯޓްސް ކުލަބަށް ކުރިން ކޯޗް ކޮށްދިން އެފްއޭއެމްގެ ހެޑް އޮފް ކޯޗު އެޑިއުކޭޝަންގެ މަގާމުގައި ހުރި ޝާޒް މި ކޯސް ފުރިހަމަކުރިތާ ދުވަސްތަކެއްވެފައިވީ ނަމަވެސް އޭނާ އަށް ރަސްމީކޮށް ލައިސަންސް ސެޓްފިކެޓް ލިބުނީ މިދިޔަ ހަފުތާގަ އެވެ.

އޭއެފްސީ ޕްރޯ ލައިސަންސަކީ އޭޝިއަން ފުޓުބޯޅަ ފެޑަރޭޝަނުން ދޭ އެންމެ މަތީ ލެވެލްގެ ކޯޗިން ސަނަދެވެ. ރާއްޖޭގެ ކޯޗަކު ފުރަތަމަ ފަހަރަށް އެ ސަނަދު ހާސިލް ކޮށްފައިވާ އިރު ޝާޒްގެ ފުރުސަތަކީ އެފްއޭއެމް މެދުވެރިކޮށް އޭނާއަށް ލިބިފައިވާ ފުރުސަތެކެވެ.

ރާއްޖޭގެ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) މިހާރު އަންނަނީ މި ކޯސް ފުރިހަމަކުރަމުންނެވެ. ކޯސް ފުރިހަމަކޮށް މޯހަން އަށް ލައިސަންސް ލިބޭނީ އަންނަ އަހަރު އެވެ. މޯހަން އަކީ އޭއެފްސީގެ ކޯޗިން އިންސްޓްރަކްޓަރެއް ވެސް މެ އެވެ. އޭނާ ވަނީ ރާއްޖޭގެ އިތުރުން ނޭޕާލާއި ކެމްބޯޑިއާ އަދި މޮންގޯލިއާގައި އޭއެފްސީގެ ސީ ލައިސަންސް ކޯހުގައި ކިޔަވައިދީފަ އެވެ.

ޝާޒްގެ ކާމިޔާބީއާއެކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރި ޓްވީޓްއެއްގައި ވިދާޅުވެފައި ވަނީ އެފަދަ ކާމިޔާބީއެއް ރާއްޖޭގެ ކޯޗަކު ހޯދުމަކީ ފުޓުބޯޅަ ތާރީހުގައިވެސް ފަހުރުވެރި ވަގުތުކޮޅެއް ކަމަށެވެ. އަދި އުންމީދަކީ ކޯޗުންވެސް އެ ލެވެލްއަށް ދިޔުމަށް މަސައްކަތް ކުރުން ކަމަށްވެސް ބައްސާމް ފާހަގަކުރައްވާފައިވެއެވެ.