English Edition
Dhivehi Edition
އާމިނަތު ޝިމާ ނާފިޒު 19 އަހަރު

ޝިމާ ގެއްލުނު ހާދިސާއަކީ ވަކި މީހެއްގެ ޢަމަލަކުން ހިނގި ކަމެއްކަން ބުނަން އަދި ދަތިކަމަށް ފުލުހުންގެ ޑިވިޝަނަލް ކޮމާންޑްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނާ އަބްދުﷲ ފައިރޫޝް މިއަދު ވިދާޅުވެއްޖެއެވެ.

ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ، ލ. ކައްދޫން މާމެންދޫ އަށް ދަތުރު ކުރަނިކޮށް ޑިންގީ އެއް ބަންޑުން ޖަހާލައިގެން އައިމިނަތު ޝިމާ ނާފިޒު، 19، ގެއްލުނު ޙާދިސާ އާއި ގުޅިގެން އިސްކަންދަރު ކޮށީގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އަބްދުﷲ ފައިރޫޝް ވިދާޅުވީ ޝިމާ އިތުރު ތާކަށް ގެންގޮސް، ނޭއްގާނީ އަމަލެއް ހިންގާފައިވާ ކަމަށް މިހާތަނަށް ތަހިގީގުން ނުދައްކާ ކަމަށެވެ. ނަމަވެސް ޝިމާ ގެއްލުނު ހާދިސާގައި ޝައްކު ކުރެވޭ ކަންތަައްތަކެއް އެބަހުރި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޝީމާގެ ސޯޝަލް މީޑިއާގެ މައުލޫމާތު ތަކެއް އަދި ނުބެލޭ ކަމަށާއި އެމަޢުލޫމާތު ހޯދަން ފޭސްބުކަށް ވެސް ރިކްއެސްޓް ކޮށްފައި މިހާރުވާކަމަށްވެސް ފައިރޫޝް ހާމަ ކުރެއްވިއެވެ.

ޝިމާ ޑިންގީގައި ދިޔައީ ގަދަކަމުން ކަމަށް ނުބެލެވޭ ކަމަށް ފައިރޫޝް ވިދާޅުވި އެވެ. އެގޮތުން ފަޒީލް އާއި އެކު ޝިމާ ފުރަން ދާ މަންޒަރު ބައެއް ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށާއި، އެއީ ގަދަކަމުން ކުރުވި ކަމެއް ކަމަށް ފުޓޭޖްތަކުން ނުފެންނަ ކަމަށް ފައިރޫޝް ވިދާޅުވި އެވެ. އޭގެ އިތުރުން ފަޒީލް އަކީ ޝިމާ އާއި އޭނާގެ އާއިލާގެ ގާތް ރަހުމަތްތެރިއެއް ކަން ފައިރޫޝް ފާހަގަ ކުރެއްވި އެވެ.

އަދި ޝިމާ ޑިންގީގައި ފުރާފައިވަނީ ގާތްގަޑަކަށް އެރޭ 18:03 ހާކަށް އިރުކަމަށް ފުލުހުންބުނެއެވެ.

ޝިމާގެ ގެއްލުނު ހާދިސާގައި ޢާއްމުންނާއި ހަމަޔަށް މަޢުލޫމާތު ގެނެސް ނުދެވި ލަސްތަކެއް ވެފައިވަނީ ރާއްޖޭގައި ދޮގު ހެދުމުން އެކަން ދެނެގަނެވޭ ނިޒާމް (ލައި ޑިޓެކްޓާ) ހުރި ނަމަވެސް، ބޭނުން ނުކޮށް ހުންނަތާ ގާތްގަޑަކަށް ހަތަރު އަހަރުވެފައި ވުމުން އެންމެ ރަނގަޅަށް ކެލިބަރޭޓް ކުރެވޭނެ ކަމަށް ގަބޫލުކުރެވޭތީކަމަށް ފައިރޫޝްވިދާޅުވިއެވެ.

އެކަމަކުވެސް ފަޒީލް ފުލުހުންނަށް ދިން އިންޓަވިއުތަކުގެ ރެކޯޑިން ރާއްޖޭން ބޭރަށް ފޮނުވައިގެން “ބިހޭވިއަރަލް އެނަލިސިސް އެއް” ހެދި ކަމަށް ފައިރޫޝް ވިދާޅުވި އެވެ. އަދި އޭގެ މައްޗަށް ބުރަވެވޭ ފަޒީލް ދައްކާ ހުރިހާ ވާހަކައަކީ މުޅިން ތެދު ނޫންކަމަށް، އަދި އޭގެ ރިޕޯޓް ވެސް މިހާރު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ކުރުމުގައި ޕްރޮފެސަރު އުގައިލްގެ އެހީތެރިކަން ލިބުނު ކަން ފާހަގަކޮށް، ފުލުހުން ވަނީ އުޤައިލުއަށް ޝުކުރު އަދާކޮށްފައެވެ.
މިމައްސަލައިގެ ތަޙްޤީގަށް 46 މީހުންނާއި ސުވާލުކުރެވި،9 ސީސީޓީވީ ފޫޓޭޖް އެނަލައިޒް ކުރެވި، ޝިމާ ހޯދުމުގައި 05 ޑައިވް ކޮށް 1900 އަކަ ކިލޯމީޓަރ ބެލިފައިވާ ކަމަށާއި 17 ރަށް ބަލާ ޗެކް ކުރެވިަފއިވެއެވެ.

އޭގެ އިތުރުން ޝިމާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތް އަދިވެސް ހުއްޓާނުލާ ކަމަށާއި، އެގޮތުން މިއަދު ވެސް ގއ. އަތޮޅުގެ ފަޅު ރަށެއްގައި ޝިމާ އަންދާލާފައިވާ ކަމަށް ބަޔަކު މައުލޫމާތު ދީގެން އެކަން ބެލުމަށް ފުލުހުން އެ ރަށް ބަލާ ފާސްކުރި ކަމަށް ވެސް ފައިރޫޝް ވިދާޅުވި އެވެ.

ނަމަވެސް މިހާތަނަށް ޝިމާ ހޯދުމަށް ކުރެވުނު މަސައްކަތުން އެއްވެސް ލީޑެއް ނުވަތަ އެ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ފައިރޫޝް ވިދާޅުވި އެވެ.