English Edition
Dhivehi Edition
ފައިނޭންސް ފޯރަމްގައި ޕެންޝަން އޮފީހުގެ ސީއީއޯ މުޙައްމަދު ޙުސެއިންމަނިކު

ޕެންޝަން ފަންޑަށް ކޮންޓްރިބިއުޓް ކުރާ 81 ޕަސެންޓަކީ 45 އަހަރުން ދަށުގެ މީހުންކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މިހާރު ކުރިއަށްދާ ފައިނޭންސް ފޯރަމްގައި މަނިކު ވިދާޅުވީ، މިދިޔަ ނުވަ އަހަރުގެ ތެރޭގައި ޕެންޝަން ފަންޑު ވަރަށް ބޮޑަށް އިތުރު ކުރެވިފައިވާ ކަމަށެވެ. އަދި ފަންޑަށް ފައިސާ އިތުރު ކުރުމަށްޓަކައި އިންވެސްޓް ކުރާ ދާއިރާތައް އަންނަނީ ފުޅާކުރަމުންކަމަށެވެ.

“ފެންޝަން ފަންޑަށް ކޮންޓްރިބިއުޓް ކުރާ މީހުންގެ 38 ޕަސެންޓަކީ 26 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުން. އެހެންކަމުން މި ފަންޑުގެ ބޮޑު ބަޔަކީ ޒުވާނުން. މީގެ އިތުރުން ޕެންޝަން ފަންޑަށް ކޮންޓްރިބިއުޓް ކުރާ  81     ޕަސެންޓަކީ 45 އަހަރުން ދަށުގެ މީހުން” ކަމަށްވެސް ފާހަގަ ކުރައްވާފައިވެއެެވެ.

ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރާ 81 ޕަސެންޓް މީހުންނަށް ޕެންޝަން ފައިސާ ލިބުމުގެ ކުރިން އެ ފައިސާ އިންވެސްޓްކުރުމަށް 20 ވަރަކަށް އަހަރު އެބައޮތް ކަމަށްވެސް ވިދާޅު ވިއެވެ.

90000 މީހުން މިފަންޑަށް މިހާރު ފައިސާ ދައްކަމުންދާ ކަމަށާއި، 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ފަންޑްގައި ބައިވެރިވާ މީހުންގެ ޢަދަދު %8 އިތުރު ވަމުންދާ ކަމަށް ވެސް މިފޯރަމްގައި ވިދާޅުވިއެވެ.

މަނިކު ވިދާޅުވީ، މުސާރައިގެ ނިސްބަތުން ޕެންޝަން ފަންޑަށް ޖަމާކުރާ ވަރު އަދިވެސް ކުޑަ ކަމަށެވެ. އަދި އެކި ކުންފުނިތަކުން ލިބޭ މިންވަރު ވެސް ތަފާތު ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ޕެންޝަން ދޭން ޖެހޭނީ އަސާސީ މުސާރައިގެ 14 ޕަސެންޓު ކަމަށް ވިޔަސް ބައެއް ތަންތަނުން އަސާސީ މުސާރަ ވަރަށް ބޮޑަށް ކުޑަކޮށްފައި އޮތުންކަން މަނިކު ފާހަގަކުރެއްވި އެވެ. މިކަމުގެ ސަބަބުން ކޮންޓްރިބިއުޝަން ކުޑަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ މުވައްޒަފެއްގެ މުސާރައިގެ 14 ޕަސެންޓް ޕެންޝަން ފަންޑަށް ޖަމާކުރަން ޖެހެ އެވެ. އެއީ މުވައްޒަފުގެ މުސާރައިން ހަތް ޕަސެންޓް އަދި ވަޒީފާ އަދާކުރާ ތަނުން އެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ ހަތް ޕަސެންޓެވެ.

ފައިނޭންސް ފޯރަމް މިއަދު ހަވީރު 4:00 އާ ހަމަޔަށް ކުރިޔަށްދާނެ އެވެ. ފޯރަމްގައި ސަރުކާރާއި ފައިނޭންޝަލް ސެކްޓަރު ގުޅިގެން ޕްރައިވެޓް ސެކްޓަރު ތަރައްގީކޮށް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ އެވެ. އަދި އެކަން ހާސިލު ކުރުމަށްޓަކައި ކުރެވެން ހުރި ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ.