English Edition
Dhivehi Edition

އަވަށްޓެރި ސްރީ ލަންކާގެ ނަސާރާއިން އީސްޓަ ސަންޑޭ ފާހަގަކުރަމުން ދަނިކޮށް ގިނަ ސަރަހައްދު ތަކަކަށް ބޮންތަކެއް ގޮއްވާލައިގެން އިއްޔެދިން ހަމަލާތަކަށްފަހު ރެއިން މިއަދު ހެނދުނާއި ހަމައަށް ކާފިއު އިއުލާންކޮށްފައި އޮތުމަށްފަހު އަނެއްކާ މިރޭ ވެސް 20:00 އިން ފަތިހު 04:00 އަށް ކާފިއު އިއުލާންކޮށްފިއެވެ. ލަންކާގައި ކާފިއު އިއުލާން ކޮށްފައިވާ ވަގުތުތަކުގައި މަގުމައްޗަށް ނިކުމެ އުޅުމަކީ މަނާ ކަމެކެވެ.

ފުލުހުން ބުނީ ލަންކާގައި މިރޭވެސް ކާފިއު އިއުލާން ކޮށްފައި މިވަނީ އެ ޤައުމުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރުމަށް ކަމަށެވެ. ލަންކާގައި އިއްޔެ ދިން ހަމަލާތަކުގައި 290 އެއްހާ މީހުން މަރުވެފައިވާއިރު އެތައް ސަތޭކަ ބަޔަކަށް ދަނީ ހަސްފަތާލުތަކުގައި ފަރުވާދެމުންނެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނެފައިވަނީ، ލަންކާގައި ނިރުބުވެރިންގެ ހަމަލާތައް އަމާޒުވުން އެންމެ އެކަށީގެން ވަނީ ފަތުރުވެރިން އާއްމުކޮށް އެއްވާ ސަރަހައްދުތަކަށާއި، ދަތުރު ފަތުރުކުރުމަށް ބޭނުން ކުރާ އެއާޕޯޓް، ބަސް ސްޓޭޝަން، ރޭލް ސްޓޭޝަން، މާރުކޭޓް، ބޮޑެތި ޝޮޕިން މޯލްތައް އަދި ސަރުކާރުގެ އިދާރާތަކާއި، ހޮޓާތައް، ކްލަބްތައް، ރެސްޓޯރެންޓްތަކުގެ އިތުރުން އަޅުކަން ކުރާ ތަންތަނާއި ސަގާފީ ހަރަކާތްތައް ބާއްވާ ތަންތަނުގައި ކަމަށެވެ.

ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގެ ފަހަތުގައި އޮތީ ދީނީ ހަރުކަށި ވިސްނުމުގެ ގްރޫޕެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުން ދާއިރު، ރޭ ބައެއް މިސްކިތްތަކަށް ހަމަލާ ދީފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެއެވެ. ލަންކާ ސަރުކާރުން ވަނީ ހަމަލާ ދިން މީހުން ދެނެގަނެވިފައިވާ ކަމަށް ބުނެފައެވެ. މިހާތަނަށް އެ ގައުމުން ވަނީ ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ 13 މީހަކު ހައްޔަރު ކޮށްފައެވެ.