English Edition
Dhivehi Edition

ލިޔުނީ:ޝަފްޤާ

ސްރީލަންކާގައި އިއްޔެ ދިން ހަމަލާތަކާ ގުޅިގެން އެގައުމުގައި އިއުލާން ކުރި ކާފިއު މިއަދު ހެނދުނު އުވާލައިފި އެވެ. ލަންކާގައި ހުންނަ ދިވެހި އެމްބަސީން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ކާފިއު އުވާލާފައި ވަނީ ކުރިން ވެސް އިއުލާނުކުރި ގޮތަށް މިއަދު ހެނދުނު 06:00ގަ އެވެ.

ލަންކާގައި އިއްޔެ ކާފިއު އިއުލާން ކުރީ އެގައުމުގައި ގިނަ އަދަދެއްގެ މީހުން އެއްވެ އުޅޭ ފައްޅިތަކަކަށާއި ހޯޓެލްތަކަކަށް ބޮމުގެ ހަމަލާތަކެއް ދިން ފަހުންނެވެ. އެހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 290އަށް އަރާފަ އެވެ. އަދި އަނިޔާވި މީހުންގެ އަދަދު ވަނީ 452އަށް އަރާފަ އެވެ.

ލަންކާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އިއްޔެގެ ހަމަލާތަކުގައި މަރުވި 27 ބިދޭސީންގެ ތެރޭގައި އިންޑިއާ، ޕޯޗުގަލް، އިނގިރޭސިވިލާތް، ތުރުކީ އަދި އެމެރިކާ ހިމެނެ އެވެ. އިއްޔެ ހަމަލާގައި ބައެއް މީހުން ބޮން ގޮއްވާލާފައި ވަނީ ހަށިގަނޑުގައި ހަރުކޮށްގެން ޖާނުން ފިދާވެގެން ކަމަށް ލަފާ ކުރެވޭ ކަމަށް ލަންކާ ސަރުކާރުގެ އޮފިޝަލުން ބުނެ އެވެ. މި ހާދިސާއާ ގުޅިގެން މިހާ ތަނަށް އައި އިރު 24 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.