English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކް ބިލްބާއޯ އާ ރެއާލް މެޑްރިޑް ވާދަކުރި މެޗްގައި އެޓީމްގެ ފްރާންސް ފޯވާޑް ކަރިމް ބެންޒެމާގެ ހެޓްރިކުން ބިލްބާއޯގެ މައްޗަށް ރެއާލް ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ރިއަލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މިމެޗު ބިލްބާއޯ އަތުން އެ ޓީމް މޮޅުވީ 0-3 ލަނޑުންނެވެ.

ރޭގެ މޮޅާއެކު ރެއާލް މެޑްރިޑަށް ވަނީ 33 މެޗުން 64 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމް އޮތީ ލީގުގެ ތިންވަނަ މަގާމުގައެވެ.ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ 77 ޕޮއިންޓާއި އެކު އޮތްއިރޔު ދެވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑްއަށް ލިބިފައިވަނީ 33 މެޗުން 68 ޕޮއިންޓެއެވެ.

ބިލްބާއޯ ވާދަކުރި މެޗްގައި ރެއާލް އިން ޖެހި ތިން ގޯލްވެސް ކާމިޔާބުކޮށްފައިވަނީ މެޗްގެ ފަހު ހާފްގައެވެ. މެޗްގެ ފުރަތަމަ ލަނޑު ފަހު ހާފް ފަށައިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ބެންޒެމާ ޖަހައިފައިވަނީ މާކޯ އަސެންސިއޯ ދިން ޕާހަކުންނެވެ. ރެއާލްގެ ދެވަނަ ލަނޑަކީ މެޗްގެ 76 ވަނަ މިނެޓްގައި ލޫކާ މޮޑްރިޗް ނަގައިދިން ކޯނަރަކުން ބެންޒެމާ ކާމިޔާބުކުރި ލަނޑެކެވެ. މި މެޗްގައި ބެންޒެމާގެ ހެޓްރިކް ފުރިހަމަ ކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ރޭ ކުޅެން އެރި ވޭލްސްގެ ފޯވާޑް ގަރެތު ބޭލް ދިން ބޯޅައެއް ބިލްބާއޯގެ ގޯލް އޭރިޔާގެ ބޭރުގައި ހުރެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން މެޗްގެ އިތުރު ވަގުތުގައެވެ.

ރެއާލް މޮޅުވި މެޗްގައި ބެންޒެމާ ޖެހި ތިން ގޯލާއެކު މިސީޒަންގައި ސްޕެނިޝް ލީގުގައި ބެންޒެމާ ޖެހި ގޯލްގެ އަދަދު 21 އެރީއެވެ.މިދިޔަ ސީޒަންގައި ބެންޒެމާ 31 މެޗް ލީގުގައި ކުޅުނުއިރު ޖެހިފައިވަނީ އެންމެ ފަސް ގޯލެވެ. އަދި މިއީ ސްޕެނިޝް ލީގުގައި އޭނާ ކުޅެންފެށިފަހުން 20 ގޯލަށް ވުރެ ގިނައިން ލީގުގައި ކާމިޔާބުކުރެވުނު ތިންވަނަ ފަހަރެވެ.