English Edition
Dhivehi Edition

ސްރީލަންކާގެ އިންޓަނޭޝަނަލް އެއާޕޯޓެއް ކަމަށްވާ ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއަރޕޯޓުން ގޮވާ ޒާތުގެ އެއްޗެއް ފެނިފައިވާކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ވިދާޅުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެއަރޕޯޓުން ފެނިފައިވަނީ އައިއީޑީއެކެވެ. އަދި އެ އައިއީޑީ މިހާރު ވަނީ ސަލާމަތްތެރިކަމާއި އެކު ނައްތާލައިފައިކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ. އަދި ބައެއް އެހެން ސަރަހައްދުތަކުން ވެސް ގޮވާތަކެތި ފެންނަ ކަމުގެ ރިޕޯޓްތައް ދަނީ ލިބެމުންނެވެ. ނަމަވެސް ގޮވާތަކެތި ފެނިފައި ވަނީ ކިތައް ސަރަހައްދުން ކަމެއް އަދި ފުލުހުން ކަށަވަރު ކޮށެއް ނުދެއެވެ.

ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއަރޕޯޓުން ގޮވާ ޒާތުގެ އެއްޗެއް ފެނިފައިވާއިރު މިއަދު ވަނީ އެގައުމުގެ އެތައް ސަރަހައްދަކަށް ބޮމުގެ ހަމަލާތަކެއްދީ މުޅި ޤައުމު ބިރުވެރިކަމެއްގެ ތެރެއަށް ވަށްޓާލައައިފައެވެ.
ސްރީލަންކާއަށް ދެމުން އަންނަ ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 218 މީހުން މަރުވެފައިވާއިރު 400 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގެ ފަހަތުގައި އޮތީ ދީނީ ހަރުކަށި ވިސްނުމުގެ ގްރޫޕެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުން ދާއިރު، ރޭ ބައެއް މިސްކިތްތަކަށް ހަމަލާ ދީފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެއެވެ. ލަންކާ ސަރުކާރުން ވަނީ ހަމަލާ ދިން މީހުން ދެނެގަނެވިފައިވާ ކަމަށް ބުނެފައެވެ. މިހާތަނަށް އެ ގައުމުން ވަނީ ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ 13 މީހަކު ހައްޔަރު ކޮށްފައެވެ.