English Edition
Dhivehi Edition

ރެއާލް ސޮސިއެޑާޑްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ސްޕެނިޝް ލީގްގެ ޗެމްޕިއަންކަން ހޯދުމުގެ ދެ ފިޔަވަޅާ ގާތަށް ބާސެލޯނާ ޖެހިލައިފި އެވެ.

ރެއާލް ސޮސިއެޑާޑް ބަލިކޮށް 11 އަހަރުތެރޭ އަށް ވަނަ ފަހަރަށް ސްޕެނިޝް ލީގު ކާމިޔާބު ކުރުމާއި ގާތަށް ބާސެލޯނާ ޖެހިލައިފާއިވާއިރު ލީގުގައި ބާސެލޯނާ އޮތީ ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށްވުރެ ނުވަ ޕޮއިންޓް ކުރީގައެވެ.

ލީގުގައި އަންނަ އަންގާރަ ދުވަހުގެރޭ ލެވަންޓޭއާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން ބާސެލޯނާއަށް ލީގު ޗެމްޕިއަންކަން ކަށަވަރު ކުރެވޭނެއެވެ.

ރޭ ގެ މެޗުގައި ބާސާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޑިފެންޑަރު ކްލޭމަން ލެންގްލެޓް އެވެ. އެއީ މި ސީޒަންގައި އޭނާ ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ. ދެ ވަނަ ހާފުގައި ނިކުމެ ސޮސިއެޑާޑުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު ކާމިޔާބު ކުރީ ހުއާން މިގްއެލް ހިމެނޭޒް ލޯޕޭޒް ހުއާންމީއެވެ. ނަތީޖާ ހަމަހަމަ ކޮށްލައިގެން ސޮސިއެޑާޑަށް އޮވެވުނީ ދެ މިނެޓް އެވެ. ބާސާލޯނާގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ތިން ޕޮއިންޓް ކަށަވަރު ކުރި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖޯޑީ އަލްބާ އެވެ.