English Edition
Dhivehi Edition

އައްޑޫގެ އީއީސީ ހޮސްޕިޓަލަކަށް ތަރައްގީ ވާއިރު ކައްދޫގައި ކޮންވެންޝަން ސެންޓަރެއް ތަރައްގީ ކުރުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

އައްޑޫ ސިޓީ ހިތަދޫގައި ގާއިމު ކޮށްފައިވާ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު އެކަށީގެންވާ ގޮތެއްގައި ބޭނުން ނުކުރެވި ވީރާނާވެ ދިޔަ ނުދިނުމަށް، އައްޑޫ ސިޓީގައި ގާއިމު ކުރުމަށް ނިއްމާފައިވާ 100 އެނދުގެ ހޮސްޕިޓަލް އެތަނުގައި ތަރައްގީ ކުރުމަށް މިހާރު ސަރުކާރުން ވަނީ ނިންމަވާ އަމަލީ މަސައްކަތް ފައްޓަވާފައެވެ.

އީއީސީ ހުރި އިމާރާތް ހޮސްޕީޓަލަކަށް ބަދަލު ކުރުމަށް މިހާރު ވަނީ އެލިޔާކޮންސްޓްރަކްޝަނާއި ހަވާލު ކޮށްފައެވެ. ސަރުކާރުން ނިންމަވާފައިވަނީ 2018 އޭޕްރީލް މަހު އެތަން ތަރައްގީކޮށް ހޮސްޕިޓަލް ހިންގުމަށް ފަށާއި ގަތުމަށެވެ. މިކަމާއި އައްޑޫ ސިޓީ ކައުންސިލުގެ ގިނަ މެމްބަރުން ދެކޮޅެވެ. އަދި އައްޑޫގެ ގިނަ ރައްޔިތުންވެސް ގަބޫލު ކުރާގޮތުން ހޮސްޕިޓަލް އަޅަންޖެހެނީ ހޮސްޕިޓަލް އެޅުމަށް ހަމަޖައްސާފައިވާ ބިމުގައެވެ. އީއީސީ ބިނާ އެހެން ގޮތަކަށް ބަދަލު ކޮށްލުމަށް ގިނަމީހުން ބޭނުމެއް ނުވެއެވެ. ނަމަވެސް އެތަން ވީރާނާވެ ހަލާކުވެގެން ދިއުމުގެ ބަދަލުގައި އެހެން ބޭނުމަކަށް ބަދަލު ކުރުމަކީވެސް މައްސަލައެއް ނޫންކަމަށް ގަބޫލު ކުރާ މީހުންވެސް އައްޑޫގައި ނެތެކޭ ނުދެންނެވޭނެއެވެ.

މިތަނުގައި ރަނގަޅު ފެންވަރެއްގެ ހޮސްޕީޓަލެއް ގާއިމު ކުރެވި އައްޑޫއިން ސިއްޙީ ހުރިހާ ޚިދުމަތެއް ލިބިގެން ދިއުމަކީ މުހިއްމު ކަމެކެވެ. ހަމައެކަނި ނަމެއްގައި އެތަން ހޮސްޕިޓަލަކަށް ބަދަލުވެގެންދާކަށް އެއްވެސް އައްޑޫ ރައްޔިތަކު ބޭނުމެއް ނުވާނެއެވެ.

އީއީސީ އިމާރާތް ކުރެވިފައިވަނީ 2011 ވަނަ އަހަރު ސާކް ސަމިޓް ބޭއްވުމުގެ ބޭނުމުގައެވެ. އޭރު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިހާރު ވިދާޅުވަނީ އެތަން ބިނާ ކޮށްފައިވަނީ ވަކި ބާވަތެއްގެ އިގްތިސާދީ ހަރަކާތްތަކުން އައްޑޫއަށް ތަރައްގީ ގެނައުން ކަމަށެވެ. ނަޝީދުގެ ވެރިކަމުގައި ކުރިއަށް ތިއްބެވި ވަޒީރުން ވިދާޅުވަނީ، ރައީސް ނަޝީދު އައްޑޫގައި އިމާރާތް ކުރެއްވި ކޮންވެންޝަން ސެންޓަރަކީ ސާކް ސަމިޓަށް ފަހު، ކޮންވެންޝަން ޓޫރިޒަމް ތަރައްޤީ ކުރުމަށް ޕްލޭންކޮށް އިމާރާތްކޮށްފައިވާ ތަނެއް ކަމަށެވެ. އަދި ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ވައްޓާލި އިރު އެމަނިކުފާނުގެ ސަރުކާރުން އީސީސީ އާއި އެތަނުގެ ވަށައިގެންވާ ސަރަހައްދު ތަރައްޤީ ކުރުމަށް ވަނީ ހުޅުވާލާފައި ކަމަށެވެ.

ނަމަވެސް މިހާރު މިވަނީ އެތަން ހޮސްޕިޓަލަކަށް ބަދަލު ކޮށްލުމަށް ހުރިހާ މަސައްކަތެއް ފެށިފައެވެ. މިއާއި އެކު ދެން އިވޭ އަޑަކީ ލ. ކައްދޫގައި ސަރުކާރުން ކޮންވެންޝަން ސެންޓަރެއް ގާއިމު ކުރުމަށް ތައްޔާރު ވަމުން އަންނަ އަޑެވެ. މިކަން ހާމަ ކުރައްވާފައިވަނީ ޖެނުއަރޫ 1، 2017 ވަނަދުވަހު ކައްދޫ އެއާޕޯޓުގެ ކާގޯގެ ޚިދުމަތާއި، ސީ.އައި.ޕީ ލައުންޖެއްގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުގެ އުއްމީދަކީ ކައްދޫ އެއާޕޯޓު ނުވަތަ އިސްކަންދަރު އެއާޕޯޓް އެސަރަހައްދުގެ އިގްތިސާދީ މުހިއްމު ނާރެހެކަށް ބަދަލުވެގެން ދިއުން ކަމަށެވެ. އެގޮތުން މިއަހަރު ތެރޭގައި އެތަނުގައި ކޮންވެންޝަން ސެންޓަރެއް ގާއިމުކޮށް، މުހިއްމު އިވެންޓް ތަކާއި ހަރާކާތްތައް އެތަނުގައި ބޭއްވިގެން ދިއުން ކަމަށެވެ. މީގެ ސަބަބުން ލ. އަތޮޅުގެ ސަރަހައްދަށް ތަރައްގީގެ ކުރިއެރުން ލިބިގެންދާނެ ކަމަށް މިނިސްޓަރު ވާހަކަ ފުޅުން ދޭހަވެގެން ދިޔައެވެ.

އައްޑޫ އީއީސީ ހޮސްޕީޓަލަކަށް ބަދަލު ކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެތަނުގެ ސަބަބުން މުސްތަގުބަލުގައި އައްޑުއަށް ލިބެން އޮތް ތަރައްގީގެ ފުރުސަތުތަކެއް އޮތްކަމަށް ގަބޫލު ކުރެވި އެހެން ދިމާލަކަށް އެފުރުސަތު ފަހިކުރުމުގެ މަގުސަދުގައި، އެތަން ހޮސްޕިޓަލަކަށް ތަރައްގީ ކުރުމަކީ އައްޑޫ ހުރިހާ ރައްޔިތުންގެ ކަންބޮޑުވުން އޮންނާނެ ކަމެކެވެ.

އީއީސީއިން އައްޑޫގެ އިގްތިސާދަށް ފައިދާ ކުރާނެ ކަމެއް ފެންނަން ނެތްކަމަށް ވާނަމަ ކައްދޫގައި ގާއިމު ކުރެވޭ ކޮންވެންޝަން ސެންޓަރުންވެސް އިގްތިސާދަށް ފައިދާ ކުރާނެހެއްޔެވެ؟ މިއީ އުފެދޭ ސުވާލެކެވެ. އައްޑޫ އަކީ ބިންބޮޑު އަދި ގިނަ ރަށްތައް ގުޅިފައިވާ އަތޮޅަކަށް ވުމުން އަދި އިންޓަނޭޝަނަލް އެއާޕޯޓެއް އައްޑޫގައި އޮތުމާއެކު އެފަދަ ތަނަކުން އިގްތިސާދީ ނަފާ ނެރެވޭނީ އައްޑޫގެ އީއީސެންޓަރު ސަރަހައްދު ނަފާލިބޭނެ ގޮތަކަށް ތަރައްގީ ކުރެވިގެން ކަމާއި މެދު އިގްތިސާދީ މާހިރުން ވިދާޅުވެއެވެ.